ވިކްޓަރީން އިސްތިއުފާދިނީ ޝާޒްއާމެދު އަމަލުކުރި ގޮތުން: ނިސްތާރު

ވިކްޓަރީގެ އެސިސްޓެންޓް ކޯޗު ކަމުން އިސްތިއުފާދިން އަލީ ނިސްތާރު މުހައްމަދު ---

ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އެސިސްޓަންޓް ކޯޗުކަމުން އިސްތިއުފާ ދިނީ އެ ޓީމުގެ ކުރީގެ ހެޑްކޯޗު ޝާޒްލީއާ މެދު އަމަލުކުރި ގޮތުން ކަމަށް އަލީ ނިސްތާރު މުހައްމަދު ބުނެފިއެވެ.

'ސަން ސްޕޯޓްސް'އަށް މައުލޫމާތުދެމުން ނިޝްތާރު ބުނީ، އިސްތިއުފާދިނީ ކުރީގެ ހެޑްކޯޗް މަގާމުން ވަކިކޮށް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގައި އަމަލުކުރި ގޮތް "ކަމުނުދާތީ" ކަމަށެވެ.

ނިސްތާރު ވިދާޅުވީ ކޯޗަކު މަގާމުން ވަކިކުރެވެންވާނީ ވާދަވެރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވި ނުވަތަ ޓީމުގެ ޕާފޯމަންސް ދައްކަމަށް ފެނުމުން ކަމަށާއި، ސީޒަން ފެށުމުގެ ކުރިން އަދި ވާދަވެރި މެޗެއް ކުޅުމުގެ ވެސް ކުރިން ކޯޗު މަގާމުން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޓީމުން އެބައޮތް ބުނެފަ ކޯޗިން ސްޓާފުން ވެސް އޯކޭ އޭ ޝާޒްލީ މަގާމުން ވަކިކުރަން. ނަމަވެސް އަޅުގަނޑު އެކަމާ ދެކޮޅު. އެހެންވެ އިސްތިއުފާދިނީ،" ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ ކުރިއަށް އޮތްތާ އޭނާ ފެނުންގާތީ އަތޮޅުތެރޭގެ ކުލަބަކުން ކަމަށެވެ.

ވިކްޓްރީގެ ބޯޑު މެމްބަރު އަހްމަދު އަރީޝް ވިދާޅުވީ، ނިސްތާރު އެ ކުލަބުގެ އެސިސްޓެންޓް ކޯޗުކަމުން އިސްތިއުފާދޭން ބޭނުންވެގެން އެ ވާހަކަ މީގެ ދެ ދުވަސް ކުރިން އަންގާފައިވާ ކަމަށާއި ކުލަބުން އިސްތިއުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އެސިސްޓަންޓް ކޯޗުކަމުން އަލީ ނިސްތާރު މުހައްމަދު އިސްތިއުފާދީފައިވާއިރު، އެކުލަބުގެ ހެޑް ކޯޗުކަމުން ޝާޒްލީ ވަކި ކުރުމާ ގުޅިގެން ވިކްޓްރީއަށް ޝާޒްލީ ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ޝާޒްލީ ބުނެފައި ވަނީ އޭނާ މަގާމުން ވަކިކުރިޔަސް އެ ކުލަބުގެ އެސިސްޓެންޓް ކޯޗު، އެ ޓީމަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ވީކްޓަރީގެ ކޯޗުކަމުން ޝާޒްލީ ވަކިކޮށް އެމަގާމަށް ފަހުން ހަމަޖައްސާފައި ވަނީ ވިކްޓަރީގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭންއެވެ.

comment ކޮމެންޓް