ޕީޕީއެމްގެ ހާޑު ޑިސްކުތައް ގެއްލުނު މައްސަލައިގެ ތަފްސީލު ދެވެން ނެތް: ފުލުހުން

އޮކްޓޯބަރ 28، 2016: ޕީޕީއެމް ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކާ އެކު ޕީޕީއެމްގެ ކުރީގެ އޮފީހަށް ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން ވަދެ އޮފީސް ހުސްކުރުން: އެ ޕާޓީގެ ހާޑުޑިސްކުތައް ގެއްލުނު މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ހިންގާ ޕީޕީއެމްގެ ހާޑު ޑިސްކުތައްް ގެއްލިގެން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ އިތުރު ތަފްސީލު އަދިވެސް ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން މީގެކުރިން މީޑިއާ އަށް ހިއްސާކުރި މައުލޫމާތުތައް ފިޔަވައި އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީގެކުރިން ފުލުހުން ބުނެފައި ވަނީ ތަހުގިގު ކުރިއަށްދާތީ އެ މައްސަލައިގެ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް އެ މައްސަލައާ ގުޅިގެން ހިއްސާއެއް ނުކުރެއެވެ.

އެ ހާޑު ޑިސްކުތައް ފެނިއްޖެތޯ ދެންނެވުމުން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރިން ހިއްސާކުރި މައުލޫމާތުތައް ފިޔަވައި އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ޕީޕީއެމް އޮފީހުގައި ބޭނުންކުރި ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކް ތަކާއި ބައެއް މުހިންމު ލިޔެކިޔުންތައް ނެތް މައްސަލަ އެ ޕާޓީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

އެ މައްސަލައާ ގުޅިގެން ގިނަ ފަރާތްތަކެއް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ހާޒިރުކުރި ފަރާތްތަކަކީ ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާއި ޖެންޑާ މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި ތުލުސްދޫ ދާއިރަގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި އެޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް އިބްރާހީމް ނާޒިމާއި ޕާޓީގެ އިފީހުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންނެވެ.

ޕީޕީއެމްގެ ސުޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރު ތަންފީޒު ކުރުމުގެ ގޮތުން ޕީޕީއެމްގެ އޮފީހުން ތަކެތި ނެރުނު އިރު، ގިނަ ކޮމްޕިއުޓަރު ތަކުގެ ހާޑް ޑިސްކްތައް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް މުހިންމު ލިޔެކިޔުންތައްވެސް ނެތް ކަމަށް އާރިފް ވިދާޅުވި އެވެ.

"ހުރިހާ ޑިސްކެއްގައިވެސް ހުރިއްޔާ ހުރި އެއްޗެއް ހުރީ ފޯމެޓް ކޮށްލާފައި. ޕާޓީގެ ޑާޓާބޭސްއެއް ނެތް. އެހެންވީމަ ޕާޓީގެ ވަރަށް މުހިންމު ލިޔެކިޔުންތަކެއް އަޅުގަނޑުމެންނަށް ގެއްލިގެން މިދިޔައީ. ޕާޓީގެ ހިސާބުތަކާއި ކުރީގެ ކުރެވިފައި ހުރި ޖަލްސާތަކުގެ ޔައުމިއްޔާތައް. އެހެން މީސްމީހުންނާ ހެދިފައި ހުރި އެއްބަސްވުންތައް ނެތް،" އަލީ އާރިފް ވިދާޅުވި އެވެ.

ޕާޓީގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް ރައީސް ޔާމީނާ ނުވަތަ ރައީސް ޔާމީނާ އެކު ޕާޓީ ހިންގުމުގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލުކުރަން ޖެހޭ ބައެއް ތަކެތި އެބޭފުޅުނަށް ނޭނގި އޮފީހުން ނެރެގެން ގެންގޮސްފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވަން ކުރިން ހަމަޖެހިފައި އޮތް ކައުންސިލް އިންތިޚާބު ފަސްކުރީވެސް ޕީޕީއެމްގެ ހާޑު ޑިސްކުތަކާއި ލިޔެކިތުންތައް ގެއްލިފައިވާތީ އެކަމުގެ ސަބަބުން ޕާޓީއަށް އިންތިޚާބަށް ތައްޔާރުވެފައިނުވަތީ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ރައީސް މައުމޫނަށް ތާއީދު ކުޜާ ފަރާތްތަކުން ޕާޓީގެ އޮފީސް ދޫކޮށް ވަޑައިގެންނެވި އިރު، އޮފީހުގައި ހުރި ހުރިހާއެއްޗެއް ހަމަޔަށް ހުރި ކަމަށެވެ.

comment ކޮމެންޓް