ނާފިއުއާއި އިންޝާދު އަނިޔާގެ ލިސްޓުގައި، ނުކުންނާނީ މޮޅުވާން: ނިޒާމްބެ

ޓީސީ ސްޕޯޓްސް ކުލަބްގެ ބައެއް ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން --

ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެފްސީ ޕޮޗިއޮންއާ ދެކޮޅަށް ކުޅޭ މެޗުގައި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށާއި އަދި ޓީމުގެ ފުރަތަމަ 11އަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ނިޒާމްބެ ބުނީ، މާދަމާ ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން ޓީސީގެ ކެޕްޓަން އަލީ ނާފިއު އާއި އިންޝާދު މުހައްމަދަށް ނުކުޅެވޭނެ ކަމަށެވެ. ނިޒާމްބެ ބުނީ އެންމެ ފަހުން އެފްސީ އަލްގާއާ ދެކޮޅަށް ކުޅުނު މެޗުގައި ނާފިއުގެ ފަޔަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ހަމަ އެ މެޗުގައި އިދިކޮޅު ކުޅުންތެރިއެއްގެ ފައިން އޭނާގެ ފައި މައްޗަށް އެރި، ފަޔަށް އަނިޔާވެފައިވާ ކަަމަށެވެ.

ނިޒާމްބެ އިތުރަށް ބުނީ މާދަމާ ކުޅޭ މެޗުގެ ފުރަތަމަ 11 އިން ޔާމީން އިބްރާހިމް (ޔާންބެ)، ޝަމްވީލް ގާސިމް (ބޮންޑާ)، މުހައްމަދު އައްޒާމް އަދި އައިހަމް ފެނިގެންދާނެ ކަމަށެވެ. ނިޒާމްބެ ބުނީ ސެމީ ފައިނަލު ކަށަވަރުވެފައި އޮތް ނަމަވެސް މާދަމާގެ މެޗު ފަސޭހަކޮށްނުލާނެ ކަމަށާއި މެޗަށް ނުކުންނާނީ މޮޅުވާން ކަމަށެވެ.

ބަނގްލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ގުރޫޕް ސްޓޭޖުގައި ޓީސީ ކުޅުނު ދެމެޗުންވެސް އެޓީމުވަނީ މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ދާކާ އަބަހާނީ އަތުން 1-0ގެ ނަތީޖާއަކުން އެ ޓީމު މޮޅުވިއިރު ދެވަނަ މެޗުން ކިރްގިސްތާނުގެ އެފްސީ އަލްގާ އަތުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ޓީސީއާއި ޕޮޗިއޮން ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރާއްޖެގަޑިން 18:00ގައެވެ.

comment ކޮމެންޓް