އިރާގުގައި އަމިއްލައަށް މަރުވެގެން ހަމަލާދިން މީހާއަކީ ގުއަންޓަނާމޯ ބޭގައި ހައްޔަރުކުރި މީހެއް

މިހަފްތާ ތެރޭގައި އިރާގުގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދިން ޖަމާލް އަލް ހާރިތް -- ފޮޓޯ: އޭޕީ

ލަންޑަން (ފެބްރުއަރީ 22): މިހަފްތާ ތެރޭގައި އިރާގުގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާދިން މީހާއަކީ ގުއަންޓަނާމޯ ބޭ ޖަލުގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި ގައިދީންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.

އިނގިރޭސި ރައްޔިތެއް ކަމަށްވާ ރޮނަލްޑް ފިޑްލާ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން ޖަމާލް އަލް ހާރިތްއަށް ބަދަލު ކުރީ 1994ގައި ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ. އޭގެ ފަހުން 2001 ވަނަ އަހަރު، ތާލިބާނާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އެމެރިކާ އިން ވަނީ ޖަމާލް ގުއަންޓަނާމޯ ބޭ ޖަލުގައި ހައްޔަރު ކޮށްފަ އެވެ. އޭނާ އެޖަލުން ދޫކޮށްލީ 2004 ވަނަ އަހަރެވެ.

ބައެއް ނޫސްތަކުގައިވާ ގޮތުން ގުއަންޓަނާމޯ ބޭ އިން ދޫކޮށްލުމުން އިނގިރޭސިވިލާތުން ވަނީ އޭނާ އަށް ލިބުނު އަނިޔާއެއްގެ ބަދަލެއްގެ ގޮތުން އެއް މިލިއަން ޕައުންޑު (1،248،800 ޑޮލަރު) ދީފަ އެވެ.

އޭގެ ފަހުން 2014 ވަނަ އަހަރު ތުރުކީ މެދުވެރިކޮށް ސީރިއާއަށް ދިޔަ ޖަމާލް ވަނީ އިރާގުގެ މޫސަލްގައި ހުރި އަސްކަރީ ބޭސްއަކަށް ދިން ހަމަލާއެއްގައި މަރުވެފައި ކަމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް