އަޒަރުބައިޖާންގެ ނައިބު ރައީސް ކަމަށް ރައީސްގެ އަނބިކަނބަލުން އައްޔަންކުރައްވައިފި

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔެވް އާއި އަނބިކަނބަލުން މެހްރިބާން އަލިޔެވާ -- ފޮޓޯ: އޭޕީ

ބާކޫ (ފެބްރުއަރީ 22): އަޒަރުބައިޖާންގެ ނައިބު ރައީސް ކަމަށް އެ ގައުމުގެ ރައީސް އިލްހާމް އަލިޔެވްގެ އަނބިކަނބަލުން މެހްރިބާން އަލިޔެވާ އައްޔަން ކުރައްވައިފި އެވެ.

އަޒަރުބައިޖާންގެ ރައީސް އެގައުމަށް ނައިބު ރައީސަކު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގައުމުގެ ގާނޫނު އަސާސީ އަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްލާހުތަކުގެ ދަށުން ވަނީ އެ ގައުމުގެ ސަރުކާރުގައި ނައިބު ރައީސުގެ މަގާމު އުފައްދައި، ރިޔާސީ ދައުރު ފަސް އަހަރުން ހަތް އަހަރަށް އިތުރުކޮށްފަ އެވެ.

އުމުރުން 19 އަހަރުގައި އަލިޔެވްއާ ކައިވެނި ބައްލަވައިގަތް މެހްރިބާން ވަނީ މެޑިކަލް ޔުނިވާސިޓީއަކުން ތައުލީމު ހާސިލު ކުރައްވައިފަ އެވެ. އަދި 2005 އިން ފެށިގެން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މެހްރިބާން ޗެރިޓީއެއް ވެސް ހިންގަވަ އެވެ.

އަލިޔެވްއަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ގާނޫނު އަސާސީއަށް ގެނައި އިސްތިލާހުތަކަކީ އަޒަރުބައިޖާނުގައި އާއިލީ ވެރިކަމެއް ގާއިމު ކުރުމަށް ގެނައި އިސްލާހުތަކެކެވެ.

ތިރީސް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން އަޒަރުބައިޖާންގެ ވެރިކަން ކުރެއްވި ހައިދަރު އަލިޔެވްއަށް ފަހު އޭނާގެ ދަރިކަލުން އިލްހާމް އަލިޔެވް ވެރިކަމަށް ވަޑައިގެންނެވީ 2003 ވަނަ އަހަރެވެ. (އޭޕީ)

comment ކޮމެންޓް