ބޮޑު ބަޖެޓަކުން ހަދާ "ހައްދު"ގެ ތަރިންގެ އަގު ވެސް ބޮޑު

"ހައްދު"ގެ ލީޑު ރޯލުން ފެނިގެންދާނެ ތިން ތަރިން--

މިދިޔަ އަހަރާ އެކު މިއަހަރު ވެގެންދާނީ ދިވެހި ފިލްމީ ދާއިރާ 'ތިޔާގި' އަހަރަކަށެވެ. ދިވެހި ފިލްމުތައް މަދުކަމަށް ބެލުންތެރިން ކުރާ ޝަކުވާ މިހާރު ކުރެވޭކަށް ނެތެވެ. ފިލްމަކަށް ފަހު ފިލްމެއް ދަނީ ބޮޑު ސްކްރީނުގައި އަޅުވަމުންނެވެ. ފިލްމުތަކުގެ ފެންވަރު ރަނގަޅުވެ، ފިލްމުގެ އަގުތައް ވެސް މައްޗަށްދާ އިރު ތަރިންގެ އަގު ވެސް ދަނީ ބޮޑުވަމުންނެވެ.

ކުރިއަށް ޕްރިމިއާ ކުރަން ހުރި ފިލްމުތަކުގެ ތެރެއިން މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ "ހައްދު"އަކީ ފިލްމުގެ އިތުރުން ކާސްޓުންގެ އަގު ވެސް ބޮޑު ފިލްމެކެވެ.

މަހުދީ އަހުމަދުގެ ސްކްރީންޕްލޭ އަކަށް އޯކޭޒްއިންކް ޕްރޮޑަކްޝަނުން އުފައްދާ އެ ފިލްމުގެ މައުލޫމާތު ހިއްސާކުރަމުން ދިވެހިންނަށް މޮޅު ފިލްމުތަކެއް ގެނެސްދީފައިވާ ފައްތާހު ބުނީ، ފިލްމު "ހައްދު"ގައި އަގު ކުޑަ އެއްވެސް ތަރިއެއް ފެނިގެން ނުދާނެ ކަމަށެވެ.

"މިއީ އެބޯވް ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ގެ ބޮޑު ބަޖެޓެއް ހިމެނޭ ފިލްމެއް. މީގައި ހިމެނޭ ހުރިހާ ކާސްޓުންގެ އަގު ވެސް ވަރަށް ބޮޑު ވާނެ. އަގު ކުޑަ އެއްވެސް ކާސްޓެއް ނޫޅޭނޭ. އެ ތަރިންގެ މޮޅު އެކްޓިންއަށް ޕޯޓެބަލް އަގެއްދޭން ވިސްނީ،" ބެލުންތެރިންނާ ހަމައަށް މޮޅު 11 ފިލްމެއް ގެނެސްދިން ފައްތާހު ބުންޏެވެ.

"ހައްދު" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ފައުޒިއްޔާއާ އެކު ފައްތާހާއި ނިއުމާ---

ފިލްމު "ހައްދު"ގެ ލީޑް ރޯލުން ފެނިގެންދާނީ މިހާރު އިންޑަސްޓްރީގައި ހުރި އެންމެ އުހުގައި ފިޔަ ޖަހަމުންދާ ތަރި، މަރިޔަމް އައްޒަ އެވެ. އައްޒަގެ މަގުބޫލުކަން ބޮޑުވެފައިވާ އިރު، މިއީ މިހާތަނަށް އައްޒަ ކުޅޭ އެންމެ އަގު ބޮޑު ފިލްމަށް ވެގެންދާނޭ ކަމަށް ފައްތާހު ބުނެ އެވެ.

އައްޒަގެ އިތުރުން، ފިލްމުގެ ލީޑް ރޯލުން ދެން ފެނިގެންދާނީ އައިމިނަތު ރިޝްފާ އާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުތް ޝިބާން އަހުމަދެވެ. އާ މޫނަކަށްވީ ނަމަވެސް ޝިބާންއާ މެދު ފައްތާހުގެ އުއްމީދުތައް އިންތިހާ ބޮޑެވެ.

ފިލްމު، "ހިމޭންދުނިޔެ" އިން ޑައިރެކްޓަރެއްގެ ދަތުރު ފެށި ފައްތާހު ބުނީ، އަންނަ މަހުގެ 25 ވަނަ ދުވަހު ފިލްމުގެ ޝޫޓިންއަށް ކުރޫ ފުރާއިރު، ފިލްމުގެ މަންޒަރުތައް މާލޭގެ އިތުރުން ރާއްޖޭގެ ތިން ރަށެއްގައި ނަގާނެ ކަމަށެވެ.

"ފުރަތަމަ ހއ. އުތީމު އަދި ކެލާ އަށް ޓީމު ދާގޮތަށް އޮތީ. އެރަށުގެ ޝުޓިން ނިންމާލުމަށްފަހު ދެން ދާނީ ރ. ވާދޫ އަށް. އަތޮޅުތެރޭ ޝޫޓިން ނިންމާލުމަށް ފަހު ބާކީ ހުރި ބައިތައް ޝޫޓު ކުރަން ނިންމާފައިވަނީ މާލޭގައި،" ފައްތާހު ބުންޏެވެ.

ފިލްމުގައި އަމިއްލަ ރާގުގެ ފަސް ލަވަ ހިމެނޭއިރު، ލަވަތަކުގެ މިއުޒިކް ހަދާފައިވާ ތިއްތި އާއި ގިނަ ލަވަތަކެއްގެ މިއުޒިކް ހަދާފައިވާ އިންތި އަދި ފަތޯ އެވެ.

ފިލްމުގެ ޕްރޮމޯޝަނަލް ލަވަ "ވޮއިސްއޮފް މޯލްޑިވެސް"އިން އާއްމުންގެ މަގްބޫލުކަން ހޯދި އަހުމަދު ޔާފިއުގެ އަޑުންކިޔަން ހަމަޖެހިފައިވާއިރު، ދެން ހުރި ހުރިހާ ލަވައެއް ކިޔާނީ މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ.

"މި ފިމްލުގެ ހުރިހާ ކަމެއްވެސް ވަރަށް ސަޅިވާނެ. އައްޒަ އަދި ރިޝްފާގެ އެކްޓިންނަށް ބެލުންތެރިން ވަރަށް ސަޕޯޓް ކުރާނެ. މުޅި އެތި މޮޅު އެއްޗަކަށް ހެދުމަށްޓަކައި މި ފިލްމަށް މުޅިންވެސް ޕްރޮފެޝަނަލް މީހުން ނަގާފަ މިހުރީ. އެހެންވީމަ މި ފިލްމު ވަރަށް މޮޅު ވާނެ. އެހާމެ ސަޅި ވާނެ،" ފައްތާހު ބުންޏެވެ.

"ހައްދު" ގެ ހުރިހާ މަަސައްކަތެއް ނިމި ބެލުންތެރިންނާ ހަމައަށް އަންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. މިކަން ވެގެންދާނީ މިދިޔަ އަހަރު ނިމިގެން ދިޔައިރު ފިލްމު ފައްތާހުގެ ފިލްމެއް ނެތުމުން ހިތާމަ ކުރި މީހުންނަށް އުފާވެރި ހަބަރަކަށެވެ.

comment ކޮމެންޓް