ހޮންކޮންގެ ކުރީގެ ލީޑަރު ސަންގްގެ މައްޗަށް 20 މަހުގެ ޖަލު ހުކުމެއްކޮށްފި

ޮރަޕްޝަނުގެ މައްސަލައެއްގައި ހޮންކޮންގެ ކުރީގެ ލީޑަރު ޑޮނަލްޑް ސަންގްގެ މައްޗަށް ވަނީ ޖަލު ހުކުމެއް ކޮށްފަ -- ފޮޓޯ: އޭޕީ

ހޮންކޮން (ފެބްރުއަރީ 22): ކޮރަޕްޝަނުގެ މައްސަލައެއްގައި ހޮންކޮންގެ ކުރީގެ ލީޑަރު ޑޮނަލްޑް ސަންގްގެ މައްޗަށް 20 މަހުގެ ޖަލު ހުކުމެއްކޮށްފި އެވެ.

ސަންގަކީ ކޮރަޕްޝަނުގެ މައްސަލައެއްގައި ކުށްވެރިވި ހޮންކޮންގެ އެންމެ އިސް އޮފިޝަލެވެ.

ސަންގުގެ ޝަރީއަތުގައި ޕްރޮސިކިއުޓަރުން ވަނީ، 2010 އަކުން 2012 އަށް ހޮންކޮންގެ ލީޑަރު ކަމުގައި ސަންގް ހުންނެވި އިރު އޭނާ ވަނީ މަސްލަހަތަށް ފުށޫ އަރާ ފަދަ އަމަލުތައް ކުރައްވާފައި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޭނާގެ ލީޑަރު ކަމުގެ ދަށުން ލައިސެންސް ދިން ބްރޯޑްކާސްޓް ކުންފުންޏެއް ކަމަށްވާ ވޭވް މީޑިއާގެ އިންވެސްޓަރެއްގެ ފަރާތުން ފްލެޓެއް ކުއްޔަށް ނެންގެވުން ހިމެނެ އެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ އެ ފްލެޓް ކުއްޔަށް ނެންގެވިކަން ސަންގް ހާމަ ނުކުރެއްވުމަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ކަމަށް ނިންމާފަ އެވެ. އަދި އޭނާގެ މައްޗަށް 20 މަހުގެ ޖަލު ހުކުމެއްކޮށްފަ އެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ހޮންކޮންގެ ކޯޓަކުން ވަނީ ރިޝްވަތު ގަބޫލު ކުރެއްވި މައްސަލައެއްގައި ސަންގްގެ ކުރީގެ ޗީފް ސެކްރެޓަރީ، ރަފައެލް ހުއިގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއްކޮށްފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް