ކެއުމަކާ އެކު ސައިފްގެ 'ޝެފް'ގެ ޝޫޓިން ނިމުމަކަށް!

'ޝެފް'ގެ ޝޫޓިން ނިންމާލުމަށް ބޭއްވި ކެއުމުގެ ތެރެއިން ---

ސައިފް އަލީ ޚާންގެ ކޮމެޑީ ޑްރާމާ 'ޝެފް'ގެ ޝޫޓިން ނިންމާލައިފި އެވެ. ފިލްމުގެ ޝޫޓިން ނިންމާލާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެއުމަކާ އެކު އެވެ.

ސައިފްގެ ކުރިއަށް އޮތް ފިލްމު 'ރަންގޫން' ގެ ޕްރޮމޯޝަން މަސައްކަތުގައި އުޅުމުގެ ސަބަބުން ޝޫޓިން ނިންމާލުމަށް ބޭއްވި ކެއުމުގައި ސައިފް ބައިވެރިވެފަ އެއް ނުވެ އެވެ.

'ޝެފް'ގެ ޑައިރެކްޓަރު ރާޖާ މެނަން ބުނީ ފިލްމު އަދި އެއްކޮށް ނުނިމޭ ކަމަށާއި ނަމަވެސް ފިލްމުގެ 95 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.

"ނިއު ޔޯކުގައި އަދި މަންޒަރުތަކެއް ނަގާނެ. އެކަމަކު އެ މަންޒަރުތައް ނެގުމަށް ދާނީ ވަރަށް ކުޑަ ޓީމެއް. އެހެންވެ މިހާރު މި ޕާޓީ އެއް ބޭއްވީ،" މެނަން ބުނެފައިވެ އެވެ.

'ޝެފް' އަކީ 2014 ވަނަ އަހަރު ރިލީސް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު 'ޝެފް' އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. އެ ފިލްމު ރިލީޒް ކުރާނީ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ބަންދްރާ ވެސްޓް ޕިކްޗާސް އާއި ބުޝަން ކުމާރު އަދި ވިކްރަމް މަލޯތުރާ އެވެ.

ފިލްމް 'ޝެފް' އަކީ ވަޒީފާ އިން ވަކިވެ، އަމިއްލަ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާ ކައްކާ އެއްގެ ހަޔާތުގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް