ސިޓީން މޮޅެއް ހޯދި ނަމަވެސް، މޮނާކޯގެ ފަލްކާއޯ ފެންވަރު ދައްކާލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ ކޮޅަށް މޮނާކޯގެ ފަލްކާއޯ، އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރަނީ: އެ މެޗުން ސިޓީ މޮޅުވީ 5-3 ލަނޑުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ މޮޅެއް ހޯދި ނަމަވެސް، ފްރާންސްގެ މޮނާކޯގެ ކެޕްޓަން ރަޑަމެލް ފަލްކާއޯ ފެންވަރު ދައްކާލައިފި އެވެ.

މެންޗެސްޓާ ސިޓީގެ އެއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މޮނާކޯގެ މައްޗަށް ސިޓީން ކުރި ހޯދާފައި ވަނީ 5-3 ލަނޑުގެ ނަތީޖާއަކުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 5-3 ލަނޑުން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔައީ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި މޮނާކޯގެ ކޮލަމްބިއާ ފޯވަޑް ފަލްކާއޯގެ ފަރާތުންނެވެ. ފަލްކާއޯއަކީ ކުރިން ލޯނުގެ ދަށުން އިނގިރޭސި ދެ ކްލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގައި ނާކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ. ނަމަވެސް އޭރު އޭނާއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަތަކެވެ.

ރޭގެ މެޗުގެ 26 ވަނަ މިނެޓުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ މެންޗެސްޓާ ސިޓީންނެވެ. ސިޓީއަށް ރަހީމް ސްޓާލިން ލީޑު ހޯދައިދިން ނަމަވެސް، ފަލްކާއޯ ވަނީ ލަނޑެއް ޖަހައި މޮނާކޯއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފަލްކާއޯ އެލަނޑު ކާމިޔާބުކުރީ ފަބީނިއޯ ނަގައިދިން ބޯޅައެއް ވެއްޓިލާފައި ބޮލުންޖަހައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކީލިއާން އެމްބާޕޭ ލޮޓިން ވަނީ މޮނާކޯއަށް ލީޑު ހޯދައިދީފަ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން މޮނާކޯ ކުރީގައި އޮވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މޮނާކޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު އަގުއެރޯ އުފާފާޅުކުރަނީ: އެ މެޗުން ސިޓީ މޮޅުވީ 5-3 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓްފަހުން މޮނާކޯއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ފަލްކާއޯ ފޮނުވާލި ޕެނަލްޓީ ސިޓީގެ ގޯލްކީޕަރު ވިލީ ކަބަލޭރޯ ވަނީ މަތަކޮށްފަ އެވެ. ސިޓީގެ ގޯލު ބެލެހެއްޓުމަށް ކަބަލޭރޯއަށް މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭނާއަކީ ޕެނަލްޓީއަށް މޮޅު ކީޕަރެއްކަން އޭނާ ކުރިން ވެސް ވަނީ ސާބިތުކޮށްދީފަ އެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ، ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އޭގެ ތިން މިނެޓް ފަހުން ފަލްކާއޯ ވަނީ އިތުރު ލަނޑެއް ޖަހައި މޮނާކޯއަށް އަލުން ލީޑު ހޯދައިދީފަ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ކީޕަރު ކަބަލޭރޯގެ ބޯމަތިން ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީއާއި މޮނާކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 5-3 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ފަހު 20 މިނެޓްތެރޭ ތިން ލަނޑުޖަހައި ސިޓީން ވަނީ ދެ ލަނޑަށް ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 71 ވަނަ މިނެޓުގައި ސިޓީއަށް އަގުއެރޯ ނަތީޖާ ހަމަހަމަކޮށްދިން އިރު، މެޗުގެ 77 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ހޯދައިދިނީ ޖޯން ސްޓޯންސް އެވެ. މެޗުގެ 82 ވަނަ މިނެޓުގައި ސިޓީގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ކުޅެމުން ދިޔަ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވަނީ ޖަރުމަންގެ ބަޔާން ލެވަކޫސަން އަތުން 4-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެފަ އެވެ.

އެ މެޗުގައި އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސައުލްއާއި، އެންޓޮއިން ގްރީޒްމަންއާއި ކެވިން ގެމޭރޯ އަދި ފެނާންޑޯ ޓޮރޭސް އެވެ. ލެވަކޫސަންގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކަރީމް ބެލަރާބީ ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ދެވަނަ ލަނޑަކީ އެތުލެޓިކޯގެ ސްޓެފަން ސަވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

comment ކޮމެންޓް