ޔުނައިޓެޑްގެ ސްކޮޑުން ރޫނީއާއި ޝޯއަށް ފުރުސަތެއް ނެތް!

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ: ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި އެޓިއެންއާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑްގެ ސްކޮޑުން ރޫނީއަށް ޖާގައެއް ނުލިބޭ --- ފޮޓޯ/ އޭޕީ

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ސެއިން އެޓިއެންއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގު މެޗަށް ނެގި މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑުގައި ކެޕްޓަން ވޭން ރޫނީއާއި ޑިފެންޑަރު ލޫކް ޝޯ ނުހިމެނުނެވެ.

ރަށުން ބޭރުގައި ކުޅޭ އެ މެޗަށް ނެގި ސްކޮޑުގައި ރޫނީ ހިމަނާފައިނުވާ އިރު، ރޫނީއަށް ލިބުނު އަނިޔާއަކާ ގުޅިގެން އެޓިއެންއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު މެޗާއި އެފްއޭ ކަޕްގައި ބްލެކްބާން ރޯވާސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ފެނިފައެއް ނުވެ އެވެ.

އަނިޔާގެ ސަބަބުން އެ ދެމެޗަށް ކޯޗު ހޯސޭ މޮރީނިއޯ ނެގި ސްކޮޑުން ރޫނީއަށް ޖާގަ ނުދިން ނަމަވެސް، އެންމެ ފަހުން އެޓީމުން ބޭއްވި ފަރިތަކުރުންތަކުގައި ރޫނީ ވަނީ ބައިވެރިވެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި ޑިފެންޑަރު ލޫކް ޝޯ: ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި އެޓިއެންއާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑްގެ ސްކޮޑުން ރޫނީގެ އިތުރުން ޝޯއަށް ވެސް ޖާގައެއް ނުލިބޭ --- ފޮޓޯ/ ގެޓީ

ޒުވާން ޑިފެންޑަރު ޝޯއަށް މިދިޔަ ސީޒަނުގައި ލިބުނު އަނިޔާތަކަށް ފަހު، އޭނާ އަށް ވަނީ އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތް ނުވެފަ އެވެ. ޔުނައިޓެޑަށް 2017 ވަނަ އަހަރު މިހާތަނަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ.

ރޫނީއާއި ޝޯއަށް ސްކޮޑުން ޖާގަ ދީފައިނުވާ އިރު، ސްޕެއިން މިޑްފީލްޑަރު އެންޑާ ހެރޭރާ ހުރީ ސަސްޕެންޝަންގަ އެވެ. އަދި ފިލް ޖޯންސްއާއި މަޓިއޯ ޑާމިއަންއަކީ ޔުނައިޓެޑްގެ އަނިޔާގެ ލިސްޓުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

މިރޭގެ މެޗަށް ނުކުންނަ އިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގު މެޗުގައި 3-0 ލަނޑުގެ ނަތީޖާއަކުން ޔުނައިޓެޑް ވަނީ އެޓިއެން ބަލިކޮށްފަ އެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވެފައިވަނީ އެޓީމުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްގެ ހެޓްރިކުންނެވެ.

ޔޫރޮޕާ ލީގު މެޗަށް ނެގި ޔުނައިޓެޑްގެ ސްކޮޑު:

ގޯލްކީޕަރުން- ޑޭވިޑް ޑެހެއާ، ކިއެރެން އޯ ހާރާ، ސާޖިއޯ ރޮމޭރޯ.

ޑިފެންޑަރުން- އެރިކް ބެއިލީ، ޑެލޭ ބްލިންޑް، ފޮސޫ މެންސާ، މާކޮސް ރޯހޯ، ކްރިސް ސްމޯލިން، އެންޓޯނިއޯ ވެލެންސިއާ.

މިޑްފީލްޑަރުން- އޭޝްލީ ޔަންގް، މައިކަލް ކެރިކް، މާރުއާން ފެލައިނީ، ހުއާން މަޓާ، ހެންރިކް މިކިތާރިޔަން، ޕައުލް ޕޮގްބާ، ހެސޭ ލިންގާޑް، ބަސްޓިއަން ޝުވެންސްޓެއިގާ.

ފޯވަޑުން- ޒްލަޓަން އިބްރަހިމޮވިޗް، އެންތޮނީ މާޝިއަލް، މާކަސް ރަޝްފާޑް.

comment ކޮމެންޓް