ރޮނާލްޑޯ ބޭނުންވަނީ ވިންގަށް ކުޅެން: ޒިދާން

ރެއާލްގެ ޕޯޗުގަލް ތަރި ރޮނާލްޑޯ(ކ) އަދި ކޯޗު ޒިދާން: ރޮނާލްޑޯއަކީ ކޮންމެ މަގާމަކަށްވެސް ކުޅެވޭނެ ފަދަ މޮޅު ކުޅުންތެރިއެއް ކަަމަށް ޒިދާން ގަބޫލުކުރޭ ---

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބޭނުންވަނީ ވިންގަށް ކުޅެން ކަމަށާއި އެ މަގާމުގައި ހުރެ އޭނާގެ ފަރާތުން ގޯލްތަކެއް ފެނިގެންދާނެ ކަމަށް އެކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލަށް ރޮނާލްޑޯ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް އޭނާއަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެ ދެ މެޗަކީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި 3-1 ލަނޑުން ނަޕޯލީ އަތުން މޮޅުވި މެޗާއި، ސްޕެނިޝް ލަ ލީގާގައި އެސްޕަންޔޯލްއާ ދެކޮޅަށް ކުޅެ 2-0 ލަނޑުން ރެއާލް މޮޅުވި މެޗެވެ.

މާދަމާ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރޮނާލްޑޯ ކުޅޭ މަގާމު އޮޅުންފިލުވުމަށް ނޫސްވެރިޔަކު ސުވާލުކުރުމުން ޒިދާން ވަނީ އެ ސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބުދީފައެވެ.

"ރޮނާލްޑޯ އަބަދުވެސް ކުޅޭނީ ފަޅިއަކުން. އެއީ އޭނާ އާންމުކޮށް ކުޅޭ މަގާމު. އޭނާއަށް ލަނޑުތަކެއް ޖެހޭނެކަމާމެދު އަހަރެން ޝައްކެއް ނުކުރަން. ރޮނާލްޑޯއަކީ ތަފާތު، މޮޅު ކުޅުންތެރިޔަކަށްވުމުން އޭނާއަށް ކޮންމެ މަގާމަކަށް ވެސް ކުޅެވޭނެ. އޭނާގެ ކެރިޔަރުގައި 300، 400 ލަނޑު ޖަހާފައިވަނީ ވެސް ވިންގަށް ކުޅެގެން،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ، ސީޒަންގެ ފަހުކޮޅުގެ ބައެއް މެޗުތަކުގައި ރޮނާލްޑޯއަށް ރެސްޓް ދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެކަމަކު ލަ ލީގާގައި މާދަމާރޭ ކުޅޭ މެޗުގައި އޭނާ ފެނިގެންދާނެ ކަމަށެވެ.

މިސީޒަނުގައި ލަ ލީގާ ކާމިޔާބުކޮށް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީ ދިފާއުކުރުމަށް ރެއާލުން ދަނީ މަސައްކަތްކުރަމުންނެވެ.

ލަ ލީގާގެ އެއްވަނާގައި މިވަގުތު ރެއާލް އޮތީ ކުޅުނު 21 މެޗުން ލިބުނު 52 ޕޮއިންޓާއެކުއެވެ. ރެއާލަށްވުރެ ދެ މެޗު އިތުރަށް ކުޅެފައިވާ ވާދަވެރި ބާސާ ދެވަނާގައި އޮތީ 51 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް