ވޯރާއިންގެ ހާދިސާ އިން އިބުރަތް ހާސިލްކުރަން ޖެހޭ!

ވޯރާއިން ރާއްޖޭގައި ވިޔަފާރި ކުރިޒަމާން-- އެމީހުން ދިޔައީ ކަޅު ފައިސާ ބޭނުންކޮށްގެން ގައުމުގެ ކަންކަމާއި ބެހެމުން:

އަނެކާ ކާންދީގެން ބޯންދީގެން އުޅޭ ނަމަ ތިމާޖެހޭނީ އޭނާ ޖަހާހާ ބެރަކަށް ނަށާށެވެ. ގައުމެއްގެ ނިސްބަތުން ވެސް އެކަން އޮތީ އެހެނެވެ. ދިވެހި ތާރީހުން އެކަން ހެކިދެނީ 1857 ވަނަ އަހަރު އުތުރު ހުޅަގު އިންޑިއާ އިން ރާއްޖެ އައި ވޯރާ ވިޔަފާރިންގެ ހާދިސާއިންނެވެ. އެބައި މީހުންނަށް ރާއްޖޭގައި ވިޔަފާރިކުރަން ތިބުމުގެ ހުއްދަ ދިނުމާ އެކު ދިވެހިންގެ ވިޔަފާރި ހުއްޓުވައި ރާއްޖޭގެ ވިޔަފާރީގެ ކޮންޓުރޯލް ނެގި އެވެ. ނަތީޖާއަކަށްވީ ދިވެހިންގެ ކަންކަމަށް އެމީހުން ބަސް ކިޔުމެވެ.

ތާރީހު ދިރާސާކުރައްވާ ފަރާތަކުން މައުލޫމާތުދޭ ގޮތުގައި ވޯރާ އިން އޭރު ދިޔައީ ދިވެހި ވެރިންގެ ގޭގެއަށް ކާބޯތަކެތި ހަދިޔާކޮށް އެގޭގޭ ހަރަދުތައް ބަލަހައްޓަމުންނެވެ. އޭރުގެ ރަދުން ކަމަށްވާ ނޫރައްދީން ބަންޑާރައިންނާއި ބޮޑުންގެ ތެރެއިން އެތައްބަޔަކު ވޯރާ އިންނާގުޅިފައިވެ އެވެ. ކަޅު ފައިސާގެ އަވާގައިޖެހި ދިވެހި ބޮޑުންނާއި ދައުލަތް ބޮޑެތި އަދަދުތަކުން އިންޑިއާގެ ވޯރާއިންނަށް ދަރާވިކި ހުސްވި އެވެ. ނަތީޖާއަކަށްވީ ސަރުކާރުގެ ހުކުމްތައް ވޯރާއިންގެ މައްޗަށް ނުހިންގޭނެކަން ވޯރާއިންނަށް ވިސްނުމުން އެމީހުން ހިތުހުރި ގޮތަކަށް ކަންކަން ކުރާންފެށެމެވެ.

އެއީ އޭރެވެ. ފަހުގެ ތާރީހެއްގައި ވެސް އެފަދަ ނުރައްކަލެއް ރާއްޖެ އިން ފެނިގެން ދިޔަ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރާ ހަވާލު ކުރުމާ އެކު މިސްރާބު ނުބައި ދިމާލަކަށް ދިޔަތަން ފެނުނެވެ. ހުޅުލެ އާއި ހުޅުމާލެ ހިމެނޭ ގޮތަށް ބޮޑެތި ވިޔަފާރީން ދިވެހިން ބާކީވެ، ވަކި ގައުމެއް ގަދަކުރަން އުޅުނުތަން ފެނިގެން ދިޔަ އެވެ. އެ އެއްބަސްވުން އުވާލަން ޖެހުނު މައިގަނޑު ސަބަބަކަށް ވެސް ރާއްޖޭގެ މައި ދޮރާށީގެ ސަބަބުން އިގްތިސާދަށް ލިބިދާނެ ގެއްލުން ހިމެނުނެވެ.

އިންވެސްޓްތަކަށް އާއެކޭ، އަޅުވެތި ކަމަށް ނޫނެކޭ

އިގްތިސާދީ މިނިވަންކަމެއް ނެތް ނަމަ އެއީ ހަގީގީ މިނިވަން ބައެއް ނޫނެވެ. ކޮންމެ އަކަސް ބަވަނަ ވެފައިވާ ދުނިޔޭގައި އިންވެސްޓްމަންޓުތަކާއެކު ނޫނީ ކުރިއެއް ނާންނާނެ އެވެ. ތަރައްގީ ގެންނަން ވެސް ވާނީ ފޮރިންއިންވެސްޓްމަންޓްތަކާ އެކު އެވެ. ނަމަވެސް އެއީ ވިޔަފާރި ކުރާ އުސޫލުންނެވެ. މިގައުމުގައި އިންވެސްޓުކޮށް ފައިދާ ހޯދާނީ ދިވެހިންނަށް ވަޒީފާގެ ފުރުސަތާއި ޓެކްސްއާ އެކު އެވެ. ހަމައެއާ އެކު އެމީހުންގެ ވިޔަފާރިއަށް އަމާޒުކޮށްގެންނެވެ. ގައުމު އަތްދަށަށްލައި އަޅުވެތި ކުރާ އުސޫލަކުން ނޫނެވެ.

"ހަގީގަތުގައި ނުރައްކާ އެބައޮތް، ފައިސާ ބޭނުންކޮށްގެން ނުވަތަ އިގްތިސާދު ކޮންޓުރޯލްކޮށްގެން ގައުމަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރޭ، އެފުރުސަތުތައް ކުޑަކުރަން ޖެހޭ،" ދިވެހި ސަލާމަތީ ބާރެއްގެ އިސް ފަރާތަކުން ވިދާޅުވި އެވެ.

ރާއްޖޭގައި އިންވެސްޓްކުރުމަށް އަންނަ ފަރާތްތަކަށް އޮންނަ ފުރުސަތުތައް ތައްމިނަށް ދޭން ޖެހެ އެވެ. ކުރި އެރުން ލިބޭނީ އެގޮތުގަ އެވެ. އެހަނަސް ވަކި ބައެއްގެ ކޮންޓްރޯލް މުޅި އިގުތިސާދަށް ފޯރާ ގޮތަށް އެކަން ކުރާ ނަމަ، ނުވަތަ ކުރެވޭ ނަމަ އެކަމާ ދޭތެރޭ ދެ ވަނަ ނަޒަރިއްޔާތަކުން ވިސްނާލަން ޖެހެ އެވެ. ސުވާލަކީ ދިވެހި އިގްތިސާދަށް އަޅުވެތިކަމުގެ ބިރު އެބައޮތްތޯ އެވެ؟

22 ނޮވެމްބަރ 2016: ނިއުދިއްލީގައި ބޭއްވި ތިންވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ރަޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ބަޔަކަށް ހިސޯރު ކުރުމަކީ މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް ހަދަން ޖެހޭ ގަވައިދުތައް ހަދައި ތަންފީޒު ކުރަމުން އަންނަ ކަމަށް ވިސާމް ވިދާޅުވި އެވެ.

"ވިޔަފާރިއާ ގުޅޭ ކަންކަން ބަލަހައްޓާ އިދާރާއެއްގެ ހައިސިއްޔަތުން ނުގަވައިދުން ކަމެއް ހިނގަމުންދާ ނަމަ އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފި ނަމަ އެކަމާ ގުޅޭ ގަވައިދެއް ތައްޔާރުކޮށް ތަންފީޒު ކުރާނަން،" ވިސާމް ވިދާޅުވި އެވެ.

ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް މިސަރުކާރުން ގެނެސްފައިވާ ބަދަލާ އެކު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ އެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެ އިސްލާހުގައިވެ އެވެ.

ސުޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގާނޫނު ބުނާ ގޮތުން ރާއްޖޭގައި އިންވެސްޓެއް އެންމެ ދިގު މުއްދަތަކަށް ވެސް ކުރެވޭނީ 99 އަހަރަށެވެ. ނަމަވެސް އެއީ އެންމެ ދަށްކޮށް ވެސް 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްކޮށްގެންނެވެ.

ހަރަދު ދެކޮޅު ޖައްސަން ޖެހޭ

ފުރިހަމަ އިގްތިސާދަކީ ލިބޭ އާމްދަނީއާއި ކުރާ ހަރަދު ދެކޮޅުޖެހޭ އިގްތިސާދެވެ. ރާއްޖޭގެ މިއަދުގެ ހާލަތަށް ބަލާ އިރު ބަޖެޓު ސަޕޯޓަށް ބޭރުގެ އެހީތަކަށް އަބަދު އެދެން ޖެހުމަކީ އިގްތިސާދީ މިނިވަން ކަމަށް އޮތް ހުރަހެކެވެ. އެހީއާ އެކު ޝަރުތުތައް ކުރާނެތީ އެވެ.

ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ އަހުމަދު އިނާޒް ވިދާޅުވި ގޮތުގައި އެކަން ކުރެވޭނީ ގިނަ ވިޔަފާރިތަކަށް ބަރޯސާވާ ނިޒާމެއްގެ ތެރެއިން ހަރަދުތައް ދެކޮޅު ޖެއްސިގެންނެވެ.

"އެހެން ދައުލަތަކަށް ބަރޯސާނުވެ އެހެން ގައުމަކަށް ނޫނީ އެހެން މިސާލަކަށް މަލްޓިނޭޝަނަލް ބޮޑެތި ކުންފުނިތަކަށް މުޅި އިގްތިސާދު ބަރޯސާނުވެ ވީހާ ވެސް ފުޅާދާއިރާއެއްގައި ގިނަ ވިޔަފާރިތަކުގެ މައްޗަށް އެކުލެވޭ ނިޒާމެއްގެ ތެރެއިން ޚަރަދުތައް ބެލެހެއްޓޭ ނަމަ އެހެން ގައުމަކަށް ބަރޯސާވާން ނުޖެހޭނެ،" އިނާޒް ވިދާޅުވި އެވެ.

ކޮންމެ އަކަސް އޭރުގެ ވޯރާއިން ރާއްޖެ އަތްދަށުލި އަތްދަށުލުމަށް މިހާރު ވެސް މިސާލު ލިބިގަންނަން ޖެހެ އެވެ. މިނިވަން އިގްތިސާދެއް ބިނާކުރުމަށް ޓަކައި ވަކި ބަޔަކަށް ބަރޯސާވުން ހުއްޓުވަން ޖެހެ އެވެ. ފުރުސަތު ދޭން ވާނީ ވިޔަފާރިކުރާށެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެ ނުރައްކާ އަބަދުމެ އޮންނާނެ އެވެ. ބައެއްގެ އަތްދަށު ނުވެ ގައުމު ކުރިއަރައިދާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށް އެ މަގުގައި ހިނގަން ޖެހެ އެވެ. ކުރިއަށް ދެވޭނީ ފޮރިން އިންވެސްޓްމަންޓަކާ އެކު އެވެ. އެހެނަސް ބައެއްގެ އަތްދަށު ލުމަށް ފުރުސަތު ދީގެން ނުވާނެ އެވެ.

comment ކޮމެންޓް