ބީޗް ވޮލީ ތަރައްގީކުރުމަށް ބީޗް ވޮލީ ޑިވޮލޮޕްމެންޓް ކޮމިޝަނެއް އުފައްދައިފި

ބީޗްވޮލީ ޑިވެލޮޕްމެންޓް ކޮމިޝަންގެ ޗެއާމަނަކަށް އައްޔަންކުރެއްވި އަބްދުﷲ ނަޝީދު --ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ބީޗްވޮލީ ޑިވެލޮޕްމެންޓް ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނުގެ ޗެއާމަންކަމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސަށް، އެ އެސޯސިއޭޝަންގެ އަސާސީ ގަވައިދުން ލިބިދޭ ބާރުގެ ދަށުން އަލަށް އުފެއްދި ބީޗްވޮލީ ޑިވެލޮޕްމަންޓް ކޮމިޝަންގެ ޗެއާމަނަކަށް އައްޔަންކުރައްވާފައިވަނީ ކުރީގެ ވޮލީ ކުޅުންތެރިޔާ އަދި ކޯޗު އަބްދުﷲ ނަޝީދެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވި، މުޙައްމަދު ލަތީފް، "ސަން ސްޕޯޓްސް"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، މިފަަދަ ކޮމިޝަނެއް ބީޗްވޮލީ ކުރިއެރުވުމަށް އުފެއްދެވީ މި ކުޅިވަރަކީ ރާއްޖެއަށް ނަތީޖާ ނެރެވިދާނެ ކުޅިވަރަކަށްވެފައި މިއީ މުސްތަގުބަލް އޮތް ކުޅިވަރަކަށްވާތީ، މިހާރުއްސުރެ މި ކުޅިވަރު އިތުރަށް ޕްރޮމޯޓް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ރީތި ގޮޑުދޮށްތައް އޮންނަ ގައުމަކަށްވެފައި މި ކުޅިވަރު އިތުރަށް ތަރައްގީކުރެއްވިއްޖެ ނަމަ އޭގެ ފައިދާ ރާއްޖެގެ ފަތުރުވެރިކަމަށްވެސް ކުރާނެކަމަށެވެ.

ލަތީފް ވިދާޅުވީ، ބީޗް ވޮލީ ޑިވޮލޕްމެންޓް ކޮމިޝަނެއް އުފައްދަވައި އަދި މި ކޮމިޝަނަށް ޗެއާމަނަކު އައްޔަން ކުރެއްވީ ވީއޭއެމްގެ އަސާސީ ގަވައިދުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި މިކަމުގައި އެކްސްކޯގެ ލަފާވެސް ހޯދާފައިވަނެކަމަށެވެ. އަދި މި ވަގުތަށް މިފަދަ ކޮމިޝަނެއް އުފެއްދުން މުހިއްމު ކަމަށް އެސްކޯއިން ރައީސަށް ލަފާދެއްވާފައިވާކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

މުހައްމަދު ލަތީފް އިތުރަށް ވިދާޅުވީ ނަޝީދަކީ ބީޗްވޮލީގައި ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށާއި ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި މި ކޮމިޝަންގައި ތިއްބަވާ އިތުރުބޭފުޅުންގެ ނަންތައް އިއުލާންކުރައްވާނެކަމަށެވެ.

comment ކޮމެންޓް