ގައްދޫގައި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

ގައްދޫގައި ނަރުދަމާގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ

ގދ. ގައްދޫގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިޤު އިބްރާހިމެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ދިވެހި ސަރުކާރާއި އޯޕެކް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)ގެ ލޯން އެހީގެ ދަށުން 41 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރާ އެ މަޝްރޫއުގެ ދަށުން، އަށް ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް 410 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް ބެހެއްޓޭނޭ ކަމަށެވެ.

އެގޮތުން މަޝްރޫއު ނިމޭއިރު، 708 ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކަށް ނަރުދަމާގެ ނިޒާމް ގުޅާލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން، ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މިއަދު ގދ. ގައްދޫގައި ނަރުދަމާގެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފެށިއިރު، ގއ. ކޮލަމާފުށީގައި އިއްޔެ ވަނީ ރައްކާތެރި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ.

comment ކޮމެންޓް