އުއްމީދުކުރީ މޮޅުވާނެކަމަށް، އެއްވަރުވީ އަމިއްލައަށް ހެދުނު ގޯސްތަކެއްގެ ސަބަބުން: ފެސްކޯ

އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި ވެލެންސިއާއާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދު ހަވީރު އިންޑިއާގެ މޯހަން ބަގާން އަތުން ކްލަބު ވެލެންސިއާ މޮޅުނުވީ ހެދުނު ކުދިކުދި ގޯސްތަކެއްގެ ސަބަބުންކަަށާއި އެއް ޕޮއިންޓާ އެކީ އިންޑިއާއަށް ގޮސް ކުރިއަށްދާން އުނދަގޫވާނެ ކަމަށް ވެލެންސިއާގެ ކޯޗު އަހްމަދު މުޖްތަބާ (ފެސްކޯ) ބުނެފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު މޯހަން ބަގާންއާ ދެކޮޅަށް އޭއެފްސީ ކަޕް ޕްލޭއޮފްގައި ވެލެންސިއާ ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ފެސްކޯ ބުނީ އުންމީދުކުރީ މެޗުންމޮޅުވުމަށްކަމަށާއި ނަމަވެސް ޕޮއިންޓަކުން ފަރުޖައްސާލަންޖެހުނީ އަމިއްލައަށް ހެދުން ގޯސްތަކުގެ ސަަބަބުންކަމަށެވެ.

ފެސްކޯބުނީ ކޮންމެ ގޮތަކުންވިޔަސް އެންމެ ބޮޑު ފައިދާއެއް ނެގޭނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ކަމަށާއި އެފުރުޞަތު ގެއްލުމަކީ މުބާރަތުގައި ކުރިއަށްދާން އިތުރު ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.

ފެސްކޯ ބުނީ އިންޑިއާގައި ކުޅޭ މެޗުގެ ހުރިހާވެސް އެޑްވާންޓޭޖެއް އޮތީ މޯހަން ބަގާނަށް ކަމަށާއި ނަމަވެސް މަސައްކަތް ކުރާނީ ހެދޭ ގޯސްތައް ރަނގަޅުކޮށް ގުރޫޕް ސްޓޭޖަށް ކޮލިފައި ވުމަށްކަމަށެވެ.

"މޯހަން އަކީ މޮޅު ޓީމެއް، ނަމަވެސް މި މެޗުން 3 ޕޮއިންޓް ހޯދުނީސް އަމިއްލައަށް ހެދުނު މިސްޓޭކްތައް ރަނަގަޅު ކުރެވުނުނަމަ،" ފެސްކޯ ބުންޏެވެ.

ނޫސްވެރީންނާ ވާހަކަދައްކަމުން މޯހަން ބަގާންގެ އެސިސްޓެންޓް ކޯޗު ޝަންކަރްލާލް ބުނީ މޮޅަށް ކުޅުނީ އޭނާގެ ޓީމުން ކަމަށާއި ނަތީޖާ ނެރޭނެ ބައިވަރު ފުރުޞަތު ލިބުނުކަމަށެވެ.

ޝަންކަރުލާލު ބުނީ ކުޅުންތެރީންގެ ކުޅުމާ މެދު ހިތްހަމަޖެހޭކަމަށާއި ޕޮއިންޓެއްވެސް ފުދޭކަމަށެވެ.

"ހޫނު މާހައުލެއްގަ ކުޅެ ޕޮއިންޓެއް ލިބުނީމަ ހިތްހަމަޖެހޭ، ނަމަވެސް އިންޑިޔާގައި ކުޅޭ މެޗުގައި އަހަރެމެން ނަތީޖާ ނެރޭނަން،" ޝަންކަރްލާލް ބުންޏެވެ.

ވެލެންސިއާގެ ކުޅުމާ މެދު ދެކެނީ ކިހިނެއްތޯ އެހުމުން ޝަންކަރްލާލް ބުނީ އެކަމާ މެދު ވާހަކަދައްކަން ބޭނުންނުވާކަމަށާއި މެޗުގައި އެ ޓީމަށް ލިބުނު ހުސް ފުރުޞަތުތަކުގެ ސަބަބުން ރަނގަޅަށް ކުޅުނީ ކޮންބައެއްކަން އެންމެންނަށްވެސް އެނގޭނެކަމަށެވެ.

އޭފްސީކަޕްގެ ދެވަނަ ލެގުގައި މޯހަން ބަގާން އާއި ވެލެންސިއާ ކުޅޭ މެޗު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އިންޑިޔާގައެވެ. މިމެޗުގައި ވާދަކުރުމަށް ވެލެންސިއާ އިންޑިޔާއަށް ފުރާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.

comment ކޮމެންޓް