މެލޭޝިއާގެ ބޮޑެތި ޔުނިވާސިޓީތަކާއެކު ގްލޯނެޓް އެޑިއުކޭޝަން ފެއާ ފަށައިފި

ގްލޯނެޓް އެޑިއުކޭޝަން ފެއާއަށް ޒިޔާރަތްކުރި ދަރިވަރުންތަކަކަށް ފެއާގެ ސްޓޯލް އަކުން މައުލޫމާތު ހޯދަނީ: ފެއާ މާލޭގައި އޮންނާނީ މިއަދާ މާދަމާ، ނޭޝަނަލް އާޓްސްް ގެލެރީގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެލޭޝިއާގެ މަޝްހޫރު ބޮޑެތި ޔުނިވާސިޓީތަކާއެކު، ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ގްލޯނެޓް ލިމިޓެޑުން ބާއްވަމުން އަންނަ އެޑިއުކޭޝަން ފެއާ މިއަދު ފަށައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިއަދާ މާދަމާ ކުރިއަށް ގެންދާ މިއަހަރުގެ ފެއާގައި މެލޭޝިއާގެ ނުވަ ޔުނިވާސިޓީ/ ކޮލެޖުން ބައިވެރިވެއެވެ.

އޭގެތެރޭގައި ސަންވޭ ޔުނިވާސިޓީ، އޭޝިއާ ޕެސިފިކް ޔުނިވާސިޓީ (އޭޕީޔޫ)، ޔޫސީއެސްއައި ޔުނިވާސިޓީ، ޓޭލާސް ޔުނިވާސިޓީ، ކޭޑީޔޫ ޔުނިވާސިޓީ ކޮލެޖްގެ އިތުރުން ސެޖީ ޔުނިވާސިޓީ އެންޑް ކޮލެޖާއި އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ (އައިއެމްޔޫ) ފަސްޓް ސިޓީ ޔުނިވާސިޓީ ކޮލެޖް އަދި އިންފުރާންސްޓުރަކްޗަރު ޔުނިވާސިޓީ ހިމެނެއެވެ.

ގްލޯނެޓް އެޑިއުކޭޝަން ފެއާއަށް ޒިޔާރަތްކުރި ދަރިވަރުންތަކަކަށް ފެއާގެ ސްޓޯލްއަކުން މައުލޫމާތު ދެނީ: މިއަހަރުގެ ފެއާއަށް ގާތްގަނޑަކަށް 2000 ދަރިވަރުން ޒިޔާރަތްކުރާނެ ކަމަށް ފެއާ އިންތިޒާމްކުރާ ފަރާތުން ލަފާކުރޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ އިތުރުން، އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ދެވަނައަށް ދުވަސްވީ ޔުނިވާސިޓީ، މޮނާޝް ޔުނިވާސިޓީގެ މެލޭޝިއާ ކެމްޕަހާއި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް ނޮޓިންގްހަމްގެ މެލޭޝިއާ ކެމްޕަހުން ބައިވެރިވެއެވެ.

ގްލޯނެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް ވިދާޅުވީ، މިއަހަރުގެ ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުން ސްކޮލަޝިޕް ފުރުސަތުތަކާއި ޑިސްކައުންޓް ފުރުސަތުތަކުގެ އިތުރުން ކޮލެޖް ތަކަށް ކުރިމަތިލުމުގެ ފުރުސަތާއި މެލޭޝިއާގައި ކިޔަވަން ދިއުމުގެ ކުރިން ވިސާގެ ކަންތައްތަކާ ގުޅޭ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

މިއަހަރުގެ ފެއާ ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް އަދި މާދަމާ 5:00 އިން 11:00 އަށެވެ. އަދި ފެއާއަށް ޒިޔާރަތްކުރާ ދަރިވަރުންގެ ތެރޭގައި ހާއްސަ ލަކީޑުރޯއެއް ބާއްވަން ވަނީ ހަަމަޖެހިފައެވެ.

ގްލޯނެޓް އެޑިއުކޭޝަން ފެއާއަށް ޒިޔާރަތްކުރި ދަރިވަރުންތަކަކަށް ފެއާގެ ސްޓޯލްއަކުން މައުލޫމާތު ދެނީ: މިއަހަރުގެ ފެއާގައި މެލޭޝިއާގެ 11 ޔުނިވާސިޓީއަކުން ބައިވެރިވޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން ފެއާއަށް ޒިޔާރަތްކޮށް ރަޖިސްޓްރީވާ ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދަރިވަރަކަށް ބެލެނިވެރިއަކާއެކު މެލޭޝިއާއަށް ދިއުމަށް ދެކޮޅު ޓިކެޓާއި ތިން ރޭ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ދަރިވަރަކު ބަލާލަން ބޭނުންވާ ޔުނިވާސިޓީއަކަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ވެސް ދަތުރުގެ ތެރެއިން ލިބޭނެއެވެ.

ނަސީމް ވިދާޅުވީ، ކުރީ އަހަރުތަކެކޭ އެއްގޮތަށް މިފަހަރުގެ ފެއާ ވެސް އަތޮޅު ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިފަހަރުގެެ ފެއާ ފުވައްމުލައް ސިޓީގައި ހުންނަ ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި އަންނަ ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ފެއާގައި ހަތަރު ޔުނިވާސިޓީއަކުން ބައިވެރިވާނޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، 2007 ވަނަ އަހަރުން ފެށިގެން އަހަރަކު ދެ ފަހަރު ގްލޯނެޓުން ބާއްވަމުން އަންނަ އެޑިއުކޭޝަން ފެއާއަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު މިއީ އެ ފެއާ ބާއްވާ 20 ވަނަ ފަހަރެވެ.

comment ކޮމެންޓް