މޯހަން ބަގާން އަތުން ވެލެންސިއާ ސަލާމަތްވެއްޖެ

އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި ވެލެންސިއާއާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕް ޕްލޭއޯފްގެ ފުރަތަމަ ލެގު މެޗުގައި އިންޑިއާގެ މޯހަން ބަގާން އަތުން ރާއްޖޭގެ ކްލަބު ވެލެންސިއާ ސަލާމަތްވެއްޖެއެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ވެލެންސިއާއާއި މޯހަން ބަގާން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ.

އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި ވެލެންސިއާއާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ހަ ވަނަ މިނެޓުގައި މޯހަން ބަގާންއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މޯހަން ބަގާންއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްކޮޓްލެންޑް ފޯވަޑް ޑެރީލް ޑަފީއެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ޕްރަބިރް ދާސް ދިން ބޯޅައެއް ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު، މޯހަން ބަގާންއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ވެލެންސިއާއަށް ލިބުނު ފުރުސަތުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޗިނޯންޔޭ ޕްރިންސް ޗިންޑާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައިނުވާއިރު، މޯހަން ބަގާންއަށް ލިބުނު ފުރުސަތުން ޑަފީ ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ 1-0 ލަނޑުން މޯހަން ބަގާން ކުރީގައި އޮވެގެންނެވެ.

އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި ވެލެންސިއާއާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ 66 ވަނަ މިނެޓުގައި މޯހަން ބަގާންއަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ބަލްވަންތު ސިންގް ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ކުޅުންތެރިޔަކު ބޯޅައިގައި އަތްލުމުން ވެލެންސިއާއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދީނީ ބިދޭސީ ފޯވަޑް އޮމޮދޫ ގޮޑްފްރޭ ވެސްޓްއެވެ.

އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި ވެލެންސިއާއާއި މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވެލެންސިއާއިން ނަތީޖާ ހަމަހަމަކުރިތާ ދެ މިނެޓް ފަހުން ފުރަތަމަ ފަހަރަށް ލީޑު ނެގުމަށް ވެސް އެޓީމަށް ފުރުސަތެއް ލިބިގެންދިޔައެވެ. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެސްޓް ދިން ބޯޅައިން ނިހާން ފޮނުވާލި ހަމަލާ، ޑިފެންޑަރު އެޑުއާޑޯ ސޯރެސް ފެރޭރާ ވަނީ ދިފާއުކޮށްފައެވެ. އޭރު މޯހަން ބަގާންގެ ކީޕަރު ޕައުލް ޝިޓަން ހުރީ ކުރިއަށް ނުކުމެއެވެ.

މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ވެސް ވެލެންސިއާއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. އިބްރާހިމް ޝިޔާމް (ދޮނާ) ދިން ބޯޅައަކުން މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެސްޓް ފޮނުވާލި ހަމަލާ، ކީޕަރު ޕައުލް ޝިލްޓަން ވަނީ މަތަކޮށްފައެވެ.

އިންޑިއާގައި މޯހަން ބަގާންއާއި ވެލެންސިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ވެލެންސިއާއިން ޖާގައެއް ކަށަވަރުކުރުމަށް އެ މެޗުން މޮޅުވުން މުހިންމެވެ.

comment ކޮމެންޓް