މަހުލޫފް އަނެއްކާވެސް ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފި

މަހްލޫފް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި -- ސަން: ފައިލް ފޮޓޯ

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ބޭސްފަރުވާއަށް އަނެއްކާވެސް އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.

މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާން ސަންއަށް ވިދާޅުވީ، މޯލްޑިވްސް ކަރެލްޝަނަލް ސާވިސްގެ ހުއްދައާ އެކު އޭނާ ބޭސްފަރުވާއަށް ފުރާވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. މިފަހަރު ރާއްޖޭން ބޭރުގައި ބޭސްފަރުވާކުރަން ކަރެކްޝަނަލް ސާވިސްއިން މަހުލޫފަށް ދީފައި ވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.

މިއީ މަހުލޫފް ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ. އެލާޖިކް މައްސަލައެއްގައި ހަމަށް ފަރުވާ ހޯއްދެވުމަށް އެންމެ ފުރަތަމަ އޭނާ ބޭސްފަރުވާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ބޭސްފަރުވާ ނިންމަވާލެއްވުމަށްފަހު ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ އެނބުރި ވަޑައިގެންފައެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ އެއް މައްސަލަ ސާބިތުވެ އެއް މައްސަލާގައި ހަ މަހަށް އަދި އަނެއް މައްސަލާގައި ހަތަރު މަހަށް މަހުލޫފު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. އެ ދެ ހުކުމް ތަންފީޒުކޮށް ނިމޭނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.

comment ކޮމެންޓް