ރާއްޖެ އިން އޯޓީއެމް ފެއާގައި ބައިވެރިވެއްޖެ

އޯޓީއެމް ފެއާގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޭންޑު -- ފޮޓޯ: އެމްއެމްޕީއާރުސީ

އިންޑިއާގެ މުމްބާއީގައި މިއަދު ފެށި "ވަން ވޯލްޑް ޓްރެވަލް މާޓް 2017"ގައި ދިވެހި 15 ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖެ އިން ބައިވެރިވި 15 ކުންފުންޏަކަށް ރާއްޖެ އިސްތިހާރު ކުރުމަށް ޓަކައި 64 އަކަ މީޓަރުގެ ސްޓޭންޑެއް ވަނީ ދީފަ އެވެ. އެ ސްޓޭންޑުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.

އޯޓީއެމްގެ މިދިޔަ އަހަރުގެ ފެއާގައި 50 ގައުމަކުން 1156 ކުންފުންޏެއް ބައިވެރިވި އެވެ. މިއަހަރުގެ ފެއާގައި 50 ގައުމަކުން 1000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ. އެ ފެއާ ކުރިއަށް ދަނީ 200،000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއްގަ އެވެ.

އެ ފެއާގައި އިންޑިއާ އިން ބޭރު ގައުމުތަކަށް ދާ އެގައުމުގެ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ބާއްވާ ފެއާ އެކެވެ. އެ ފެއާއަށް މިދިޔަ އަހަރު 13،000 އަށް ވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުންނާއި ޓޫރިޒަމް ދާއިރާގެ ދަރިވަރުންނާއި ޓްރެވަލް ޓްރޭޑް ބަޔާސް ވެސް ހިމެނެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެނީ ފަސް ވަނައިގަ އެވެ. މިދިޔަ އަހަރު އެގައުމުން ރާއްޖެއަށް އައި ފަތުރުވެރިން އަދަދު ވަނީ 5.2 ޕަސެންޓު އިތުރުވެފަ އެވެ.

comment ކޮމެންޓް