ވިޝްކާގެ ލީޑު ކެރެކްޓަރާ އެކު އެލައިޑްގެ ކަމަނަ އިންޝުއަރަންސް އިސްތިހާރުކުރަނީ

ވިޝްކާގެ ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސް ހަމަޖެއްސުން -- ސަން ފޮޓޯ

އެލައިޑް އިންޝުއަރަންސުން އަންހެނުންނަށް ޚާއްސަކޮށް ތައާރަފުކުރި "ކަމަނަ" އިންޝުއަރަންސް ޕޮލިސީ އިސްތިހާރުކުރުމުގައި ދިވެހި ފިލްމް "ވިޝްކާ" ބޭނުންކުރުމަށް ނިންމައިފިއެވެ.

އެލައިޑް އިންޝުއަރަންސްއާއި ފިލްމް "ވިޝްކާ" ޕްރޮޑިއުސްކުރާ ޔާރާ ޕްރޮޑަކްޝަންސްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެލައިޑްގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ޝަރީފް، އަދި ވިޝްކާ ފިލްމުގެ ލީޑު ކެރެކްޓަރުގެ ރޯލު ކުޅޭ ރިޝްމީ ރަމީޒެވެ.

"ވިޝްކާ"އަކީ ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީ އާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުގައި ލޯތްބާއި، ނަފްރަތާއި، ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ހުރިހާ ކަމެއް އެކުލެވިގެންވެއެވެ.

އެލައިޑް އިންޝުއަރަންސްގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ، "ވިޝްކާ"ގެ ލީޑު ރޯލުން އަންހެނެއް ފެނިގެންދާ އިރު، މި ފިލްމުގައި ދައްކައިދެނީ ރާއްޖޭގެ މާހައުލުގައި ދިމާވާ ކަންތައްތަކެއް ކަމަށެވެ.

"އެ ކެރެކްޓަރު ބޭނުންކޮށްގެން އަޅުގަނޑުމެންގެ ކަމަނަ ޕޮލިސީ ޕްރޮމޯޓުކުރުމަށް ޔުނީކް ފުރުސަތެއް މި ލިބުނީ. މިހާރު އަންހެނަކަށް ލިބޭނެ ހުރިހާ ރައްކާތެރިކަމެއް އެ ޕްލޭނުން ލިބޭނެ،" ނިއުޝާދު ވިދާޅުވިއެވެ.

ނިއުޝާދު ވިދާޅުވި ގޮތުގައި، ފިލްމެއްގެ ކެރެކްޓަރެއް ބޭނުންކޮށްގެން ޕްރޮޑަކްޓެއް މާކެޓުކުރުމަކީ ރާއްޖޭގައި މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ.

"އަޅުގަނޑުމެން އެހެނިހެން ގޮތްގޮތުންވެސް އަޅުގަނޑުމެންގެ މާކެޓިންގް ޓެކްނިކްސް ބޭނުންކޮށްގެން މި ފިލްމަށް ބޫސްޓެއް ދޭނަން،" ނިއުޝާދު ވިދާޅުވިއެވެ.

"ކަމަނަ" އިންޝޫރެންސް ޕްލޭނުގައި އުމުރުން 18 އަހަރާއި 48 އަހަރުގެ ކޮންމެ އަންހެނަކަށް ވެސް ބައިވެރިވެވޭނެއެވެ. އަދ އެ ޕްލޭނުގެ ދަށުން އެންމެ ކުޑަކޮށް އިންޝުއަކޮށްދޭ ވަރަކީ 50،000 ރުފިޔާއެވެ.

އެލައިޑުގެ މި ޕޮލިސީގެ ދަށުން ލިބޭ ފައިދާތައް:

  1. ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމާއި ގުނަވަނެއް ބަދަލު ކުރަން ޖެހުން ފަދަ ހާލަތްތެއް ދިމާވުން ފަދަ ހާލަތްތަކުގައި ވެސް ބަދަލު ނަގައިދިނުން.
  2. ވަޒީފާ ގެއްލުން ނުވަތަ ބޮޑު ކަމެއް ދިމާވެގެން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަގަން ޖެހުން ފަދަ ކުއްލި ހާލަތެއްގައި ބޭނުން ކުރުމަށް އިންޝުއާކުރާ މިންވަރުގެ ފަސް ޕަސެންޓަށްވާ ފައިސާ، ފުރަތަމަ ދެ އަހަރަށް ފަހު ކޮންމެ ދެ އަހަރަކުން ހާއްސަ ފަންޑަކަށް ލާނެ.
  3. މި ޕްލޭން ނަގާ ފަރާތް މަރުވެއްޖެ ނަމަ، އިންޝުއަކުރި ޖުމްލަ އަގުގެ 150 ޕަސެންޓް ފައިސާ އޭނާގެ ވާރިސަށް ދޭނެ. މީގެ އިތުރުން، ބޯނަސްގެ ގޮތުގައި ޖަމާވެފައިވާ ފައިސާ އާއި ކުއްލި ހާލަތުގެ ފަންޑުގައި ހުންނަ ފައިސާ ވެސް ލިބޭނެ.
comment ކޮމެންޓް