Last Updated: 7 year 1 month ago

އޭއެފްސީ ކަޕް ޕްލޭއޯފް (ފުލްޓައިމް): ވެލެންސިއާ 1–1 މޯހަން ބަގާން

ބުލޮގު ޚުލާސާ

އޭއެފްސީ ކަޕް ޕްލޭއޯފް ބުރުގައި ރާއްޖޭގެ ކްލަބު ވެލެންސިއާ އާއި އިންޑިއާގެ މޯހަން ބަގާން ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

މެޗު ފަށާނީ މިއަދު ހަވީރު 4:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި. މި ދެ ޓީމު މެޗަށް ނުކުތުމުގެ ކުރިން ފާހަގަކޮށްލެވޭ ބައެއް ކަންތައްތައް:

  • ވެލެންސިއާ ޕްލޭއޯފް ބުރަށް ދަތުރުކުރީ ބޫޓާންގެ ތިމްޕޫ ސިޓީގެ މައްޗަށް 3-0 ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައިގެން.
  • މޯހަން ބަގާން ޕްލޭއޯފް ބުރަށް ދަތުރުކުރީ ސްރީލަންކާގެ ކޮލަމްބޯ އެފްސީގެ މައްޗަށް 4-2 ލަނޑުގެ އެގްރިގޭޓަކުން ކުރި ހޯދައިގެން.
  • މޯހަން ބަގާންއަކީ މިދިޔަ ސީޒަނުގެ އިންޑިއާގެ އައި-ލީގުގެ ރަނަރަޕް ޓީމު.
  • ވެލެންސިއާއަކީ ރާއްޖޭގެ އެފްއޭ ކަޕްގެ ޗެމްޕިއަނުން.
  • މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕްގެ ގަދަ 16އާ ހަމައަށް މޯހަން ބަގާން ދަތުރުކުރި.
  • އެންމެ ފަހުން އޭއެފްސީ ކަޕްގައި ވެލެންސިއާ ވާދަކޮށްފައި ވަނީ 2009 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި.
  • މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި މޯހަން ބަގާން އޮތީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ އެއް ގްރޫޕެއްގައި. އިންޑިއާގައި ކުޅުނު މެޗުން މާޒިޔާގެ މައްޗަށް 5-2 ލަނޑުން މޯހަން ބަގާން ކުރި ހޯދިއިރު، ރާއްޖޭގައި ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެން. އެ ފަހަރު ގްރޫޕްގެ އެއްވަނައިގައި އޮވެ މޯހަން ބަގާން ނިންމާލިއިރު، މާޒިޔާ ނިންމާލީ ގްރޫޕްގެ ފުލުގައި.
17:53

މެޗުގެ ކުޅުން ނިމިއްޖެ. މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެން.

17:50

ވެލެންސިއާގެ ހާފްގެ ތެރެއިން ކަޓްސޫމީ ޔޫސާއަށް ކުރި ފައުލަކާ ގުޅިގެން ވިސާމްއަށް ރީނދޫ ކާޑެއް ދައްކައި، މޯހަން ބަގާންއަށް ހިލޭ ޖެހުމެއް ދައްކައިފި.

17:50

ދެވަނަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި ތިން މިނެޓްގެ ކުޅުން ދައްކައިފި.

17:44

'84- ޕްރަބިރް ދާސް ނަގައިދިން ހުރަހަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި ކަޓްސޫމީ ޔޫސާ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި. އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

17:41

'81- ވެލެންސިއާއަށް ފުރުސަތެއް. އިބްރާހިމް ޝިޔާމް (ދޮނާ) ދިން ބޯޅައަކުން މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެސްޓް ފޮނުވާލި ހަމަލާ، ކީޕަރު ޕައުލް ޝިލްޓަން ވަނީ މަތަކޮށްފަ.

17:38

'78- ޕްރަބިރް ދާސް ނަގައިދިން ހުރަހަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބަލްވަންތު ސިންގް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

17:33

'73- ވެލެންސިއާއަށް ފުރުސަތެއް. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެސްޓް ދިން ބޯޅައިން ނިހާން ފޮނުވާލި ހަމަލާ، ޑިފެންޑަރު އެޑުއާޑޯ ސޯރެސް ފެރޭރާ ވަނީ ދިފާއުކޮށްފަ. އޭރު މޯހަން ބަގާންގެ ކީޕަރު ޕައުލް ޝިޓަން ހުރީ ކުރިއަށް ނުކުމެ.

17:31

މޯހަން ބަގާންއިން ބަދަލެއް. ފެނާންޑޭސްގެ ބަދަލުގައި ކުޅެން ނުކުތީ ޕަންކާޖް މޫލާ.

އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ ދެވަނަ ލެގުގައި ކްލަބް ވެލެންސިއާއާއި މޯހާން ބަގާން ބައްދަލުކުރާ މެޗުގެ ތެރޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

17:31

'71- ވެލެންސިއާއިން ނަތީޖާ ހަމަހަމަކޮށްފި. ވެލެންސިއާއަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އޮމޮދޫ ގޮޑްފްރޭ ވެސްޓް.

17:29

މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޑިފެންޑަރެއް ބޯޅައިގައި އަތްލުމުން ވެލެންސިއާއަށް ޕެނަލްޓީއެއް ދީފި.

17:26

'66- މޯހަން ބަގާންއަށް ފުރުސަތެއް. ބޯޅަ ހިފައިގެން ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ބަލްވަންތު ސިންގް ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.

17:15

'56- ޕްރަބިރް ދާސް ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ބިކްރަމްޖީތު ސިންގް ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް މަތަކޮށްފި.

17:14

'55- ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޑަފީ އުފެއްދި ހަމަލާ، އެއްވެސް އުނދަގުލެއް ނެތި ކީޕަރު ފައިސަލް ހޯދައިފި.

17:12

'52- ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ފެނާންޑޭސް ހުރަސްކޮށްލި ބޯޅަ، ވިސާމްގެ ބޮލުގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

17:08

ވެލެންސިއާއިން އިތުރު ބަދަލެއް. ކުޑައްޓޭގެ ބަދަލުގައި ކުޅެން ނުކުތީ ޔޫސުފް ރަމީޒް (ރަމީ).

17:07

'48- ވެލެންސިއާއިން ބަދަލެއް. ޕްރިންސްގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ރިލްވާން (ރިލޭ).

17:05

ދެވަނަ ހާފްގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ވެލެންސިއާއިން.

16:49

މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފްގެ ކުޅުން ނިމުނީ 1-0 ލަނޑުން މޯހަން ބަގާން ކުރީގައި އޮވެގެން.

އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ ދެވަނަ ލެގުގައި ކްލަބް ވެލެންސިއާއާއި މޯހާން ބަގާން ބައްދަލުކުރާ މެޗުގެ ތެރޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

16:48

'+45 އުސާމް ދިން ބޯޅަ މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާތެރޭ ހުސްކޮށް ހުރި ހަމްދާންގެ ފައިގައި ރަނގަޅަށް ލައްވައެއް ނުލި.

16:47

ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ގޮތުގައި އެއް މިނެޓްގެ ކުޅުން ދައްކައިފި.

16:45

'43- ކީޕަރު ފައިސަލްގެ މޮޅު ސޭވްއެއް. ޕްރަބިރް ދާސް ދިން ބޯޅައަކުން ވެލެންސިއާގެ ގޯލާ ކައިރިން ޑަފީ ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ.

16:41

'39- ފެނާންޑޭސް ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑަފީ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. ކީޕަރު ފައިސަލް ވަނީ ފަސޭހަކަމާއެކު އެ ބޯޅަ ހޯދާފައި.

16:35

'33- ޔޫސާ ނަގައިދިން ހިލޭ ޖެހުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބަލްވަންތު ސިންގްއަށް ލިބުނުއިރު އޭނާ ހުރީ އޮފްސައިޑްގައި.

16:34

'32- ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޕްރަބިރް ދާސްއަށް ކުރި ފައުލާ ގުޅިގެން ހިސާމްއަށް ރީނދޫ ކާޑެއް ދައްކައި، މޯހަން ބަގާންއަށް ހިލޭ ޖެހުމެއް ދީފި.

16:31

'29- ވެލެންސިއާއަށް ފުރުސަތެއް. އުސާމް ދިން ބޯޅައަކުން މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕްރިންސް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕްރިންސަށް ބޯޅަ ލިބުނުއިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.

16:29

ވެެލެންސިއާގެ ހާފްގެ ތެރެއިން ޑަފީއަށް ވިސާމް ކުރި ފައުލާ ގުޅިގެން މޯހަން ބަގާންއަށް ހިލޭ ޖެހުމެއް.

އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ ދެވަނަ ލެގުގައި ކްލަބް ވެލެންސިއާއާއި މޯހާން ބަގާން ބައްދަލުކުރާ މެޗުގެ ތެރޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

16:28

'26- ކަކާ ދިން ބޯޅައެއް ހިފައިގެން މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ވެސްޓް ފޮނުވާލި ހަމަލާ ގޯލާ އަމާޒެއް ނުވި.

16:25

'23- މޯހަން ބަގާންގެ ހާފް ތެރެއިން ހަމްދާނަށް ޔޫސާ ކުރި ފައުލާ ގުޅިގެން ވެލެންސިއާއަށް ހިލޭ ޖެހުމެއް.

16:09

ޑަފީ އެލަނޑު ކާމިޔާބުކުރީ ޕްރިބިރް ދަސް ދިން ބޯޅައަކުން. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާތެރޭ ހުސްކޮށްހުރި ޑަފީއަށް ބޯޅަ ލިބުމާއެކު އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.

16:08

'6- މޯހަން ބަގާން ލީޑު ހޯދައިފި. މޯހަން ބަގާންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެރީލް ޑަފީ.

16:06

'4- ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޕްރަބިރް ދާސް ފޮނުވާލިި ހަމަލާ ވިސާމް ދިފާއުކޮށްފި.

16:03

'1- މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ވެސްޓް ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

16:02

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ މޯހަން ބަގާންއިން.

15:54

މޯހަން ބަގާންގެ ފުރަތަމަ 11:

  • ޕައުލް ޝިލްޓަން - ގޯލްކީޕަރު
  • ބިކްރަމްޖިތު ސިންގް
  • ޑެރީލް ޑަފީ
  • ކަޓްސޫމީ ޔޫސާ - ކެޕްޓަން
  • އެޑުއާޑޯ ސޯރޭސް ފެރޭރާ
  • ބަލްވަންތު ސިންގް
  • ސުބާސިޝް ބޯސް
  • ޝައުވިކް ގޯޝް
  • ރޭނިއާ ފެނާންޑޭސް
  • ޕްރަބިރް ދާސް
  • އަނަސް އެޑަތޮޑިކާ
15:51

ވެލެންސިއާގެ ފުރަތަމަ 11:

  • މުހައްމަދު ފައިސަލް - ގޯލްކީޕަރު
  • މުހައްމަދު ސިފާން (ކުޑައްޓޭ)
  • އަހްމަދު ވިސާމް
  • އޮމޮދޫ ގޮޑްފްރޭ ވެސްޓް
  • ހުސައިން ނިހާން
  • ހަމްދާން އިބްރާހިމް
  • ޗިނޯންޔޭ ޕްރިންސް ޗިންޑާ
  • ޗިޒީ ކަކާ ޗިންޑާ
  • ހިސާމް ސަލީމް
  • ޝާފިއު އަހްމަދު (ޝާފީ) - ކެޕްޓަން
  • އަހްމަދު އުސާމް