ކިމް ޖޮންގް ނަމްގެ ހަށިކޮޅާ ހަވާލުވާން އޭނާގެ ދަރިކަލުންވީ މެލޭޝިއާގައި ކަމަށް ބުނެފި

އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކަމަށްވާ ކިމް ޖޮންގް ނަމް ވަނީ މިދިޔަ ހަފްތާ ތެރޭގައި މެލޭޝިއާގައި އަވަހާރަކޮށްލާފައި -- ފޮޓޯ: އޭޕީ

ކުއަލަލަމްޕޫރު (ފެބްރުއަރީ 21): މެލޭޝިއާގައި އަވަހާރަކޮށްލި އުތުރު ކޮރެއާގެ ކިމް ޖޮންގް ނަމްގެ ހަށިކޮޅާ ހަވާލުވާން އޭނާގެ ދަރިކަލުން މެލޭޝިއާ އަށް ވަޑައިގެންފި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

މެލޭޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ކިމްގެ އެންމެ ދޮށީ ދަރިކަލުން ކިމް ހަން ސޮލް ވަނީ އިއްޔެ ރޭ މަކާއޯ އިން މެލޭޝިއާއަށް ވަޑައިގެންފަ އެވެ.

ހަން ސޮލް މެލޭޝިއާއަށް ވަޑައިގަތްކަން މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތެއްގައި ހާމަ ނުކުރި ނަމަވެސް ކިމް ޖޮންގް ނަމްގެ ހަށިކޮޅު ބާއްވާފައި އޮތް ކުއަލަލްޕޫރުގެ ހޮސްޕިޓަލުގައި މިއަދު ވަނީ ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކަމަށްވާ ކިމް ޖޮންގް ނަމްގެ ހަށިކޮޅު އެގައުމާ ހަވާލުކުރަން އުތުރު ކޮރެއާ އިން އެދުނު ނަމަވެސް މެލޭޝިއާ އިން ވަނީ ކިމްގެ ހަށިކޮޅު ހަވާލު ކުރާނީ އޭނާގެ އާއިލާގެ ބޭފުޅެއްގެ ޑީއެންއޭ ސާމްޕަލެއް ލިބުމުން ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން ދެގައުމުގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.

އެގޮތުން އުތުރު ކޮރެއާގައި ހުންނަވާ މެލޭޝިއާގެ ސަފީރު އަނބުރާ ގައުމަށް ވަޑައިގަތުމަށް މެލޭޝިއާ އިން ވަނީ އަންގައިފަ އެވެ. އަދި ކިމްގެ މަރުގެ ތަހުގީގާ ބެހޭ ގޮތުން މެލޭޝިއާ އިން ކޮންމެވެސް ކަމެއް ފޮރުވާ ކަމަށް އުތުރު ކޮރެއާގެ ސަފީރު ކަންގް ޗޮލް ވިދާޅުވުމާ ގުޅިގެން މެލޭޝިއާގެ ފޮރިން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށް، އޭނާ އެމިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

މެލޭޝިއާގެ ފުލުހުން ގަބޫލު ކުރާ ގޮތުގައި ކިމް އަވަހާރަކޮށްފައި ވަނީ އޭނާގެ މޫނަށް ވިހައެއް ސްޕްރޭކޮށްގެންނެވެ. އަދި ކިމްގެ ޕޯސްޓުމޯޓަމް ހެދި ނަމަވެސް އޭނާ އަވަހާރަވި ސަބަބު އަދި ޔަގީން ނުވާ ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުންޏެވެ. ނަމަވެސް ކިމް އަށް ހާޓް އެޓޭކެއް ޖެހުނު ކަމެއް ނުވަތަ އޭނާގެ ގަޔަށް އެއްޗެއް ހަރާފައިވާ ކަމުގެ އެއްވެސް ހެއްކެއް ޕޯސްޓްމޯޓަމް އިން ނުފެންނަ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކުއަލަލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮންގް ނަމް އަވަހާރަކޮށްލުމާ ގުޅިގެން މެލޭޝިއާ އިން ވަނީ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ މީހަކާއި މެލޭޝިއާގެ ފިރިހެނަކާއި އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ ޕާސްޕޯޓެއް އޮތް އަންހެނަކު ހިމެނެ އެވެ.

މީގެ އިތުރުން މެލޭޝިއާ ފުލުހުން ވަނީ އެމައްސަލައާ ގުޅިގެން އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދަމުންދާ ކަމަށް ބުނެފަ އެވެ. އެ ހަތަރު މީހުން މެލޭޝީއާ އިން ފުރައިގެން ދިޔައީ ކިމް ޖޮންގް ނަމް އަވަހާރަކޮށްލި ދުވަހު ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)

comment ކޮމެންޓް