ގައުމީ ފިރިހެން ވޮލީ ޓީމު ތައިލޭންޑުގައި ކޭމްޕްކުރަނީ

ސައުތު އޭސިއަން ގޭމްސްގައި ރާއްޖޭގެ ފިރިހެން ޓީމް ޕާކިސްތާނާ ދެކޮޅަށް ކުޅެން ނުކުތުމުގެ ކުރިން --- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ސަރަހައްދުގެ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ތައިލޭންޑުގައި ކޭމްޕް ކުރަން ހަމަޖެހިއްޖެއެވެ.

'ސަން ސްޕޯޓްސް'އާ ވަހަކަފުޅު ދައްކަވަމުން ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، އަންނަ މަހުގެ 20 އިން 29ގެ ނިޔަލަށް ރާއްޖޭގައި ބާއްވާ ސެންޓްރަލް ޒޯން ސަރަހައްދުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ޓީމު ތައިލޭންޑުގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ޓީމު ތައިލެންޑަށް ފުރާނެ ސީދާ ތާރީހެއް އަދި ފައިނަލެއް ނުވޭ. މާޗް މަހުގެ ފުރަތަމަ ހަފްތާތެރޭގައި ޓީމު ތައިލެންޑަށް ފުރާނެ. ގައުމީ ވޮލީ ޓީމް ތައިލެންޑުގައި 14 ދުވަހުގެ މުއްދަތަކަށް މަޑުކުރާނެ،" އޭނާ ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ތައިލޭންޑުގައި ޓީމު ކޭމްޕް ކުރާ 14 ދުވަހުގެ ތެރޭގައި ހަތް މެޗެއް ކުޅެން ހަމަޖެހިފައިވާ ކަމަށާއި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތައިލޭންޑުގެ އެއްވަނަ ޑިވިޝަނުގެ ޓީމުތަކާއި ދެކޮޅަށް ކަމަށެވެ.

"ރާއްޖޭގައި ބާއްވާ އޭވީސީ މުބާރާތް ދިވެހި ޓީމުން ކާމިޔާބުކުރުމަކީ މުޅި ވޮލީ އާއިލާގެވެސް ހުވަފެނެއް. އެކަން ކާމިޔާބު ކުރަން ބޭނުންވާ ކޮންމެ އުކުޅެއް ބޭނުން ކުރާނަން. މި މުބާރާތުގައި ވާދަކުރާނެ ގައުމުތައް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން މުޅިން ކަށަވަރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ސަރަހައްދުގެ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ޓީމު މިހާރުވެސް ދަނީ މާލޭގައި ފަރުތަކުރަމުންނެވެ. އެޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ގައުމީ ވޮލީ ކޯޗު މުހައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުންނެވެ.

comment ކޮމެންޓް