ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ޓެކްސީއަށް ވެސް ފައިސާ ދެއްކޭނެ

ބީއެމްއެލްގެ ކާޑުތައް ބޭނުންކޮށްގެން ޓެކްސީއަށް ފައިސާ ދެއްކޭ ޚިދުމަތެއް އެބޭންކުން ވަނީ ތައާރަފްކޮށްފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފައިސާ ދެއްކޭ "ބީއެމްއެލް ކޭޝްލެސް ރައިޑް"ގެ ޚިދުމަތް މިއަދު އެ ބޭންކުން ތައާރަފްކޮށްފި އެވެ.

ބީއެމްއެލުން "އަހަރެންގެ ބޭންކް"ގެ ނަމުގައި ކުރިއަށް ގެންދާ 28 ދުވަހުގެ ކެމްޕެއިނުގެ ދަށުން މިއަދު ތައާރަފް ކުރި މި ޚިދުމަތުގައި ފައިސާ ދެއްކުމަށް ބޭނުން ކުރާނީ ޓެކްސީތަކުގައި ހަރުކޮށްފައި ހުންނަ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިނެވެ. އަދި ބީއެމްއެލުން ގަބޫލުކުރާ ކޮންމެ ކާޑެއް ބޭނުންކޮށްގެން ވެސް ޓެކްސީއަށް ފައިސާ ދެއްކުމުން ފައިސާ ދެއްކި ކަމުގެ ރަސީދެއް ލިބޭނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ބީއެމްއެލްގެ ކޮންޓެކްޓް ލެސް ޕޭމަންޓް ކަމަށްވާ މޮބައިލް ޕޭ ބޭނުންކޮށްގެން ވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ އެވެ.

"ބީއެމްއެލް ކޭޝްލެސް ރައިޑް"ގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށްފަހު ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ އެ ފަދަ ފަސޭހަ ޚިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ކަސްޓަމަރުންނަށް ހޯދައިދެވުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

ބީއެމްއެލް ކާޑުން ކެޑޭ ބީއެމްއެލްގެ ޓެކްސީ ޕީއޯއެސް-- ފޮޓޯ/ ބީއެމްއެލް

އަދި އެ ޚިދުމަތް ތައާރަފް ކުރުމުން، ޓްރެފިކް ބޮޑު މަގުތަކުގައި ޓެކްސީ ދަތުރަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިންގެ ސެންޓާ އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން އެ ބޭންކުން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައު ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. ބޭންކުން ވަނީ މީގެ ކުރިން ސީއެސްއާރު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ވަރު މިއަހަރު ދެގުނަ އިތުރުކުރާނެ ކަމަށާއި ރާއްޖޭގެ ސަރަހައްދުތަކަށް ބޭންކްގެ ޚިދުމަތްތައް ފުޅާކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން ހާމަކޮށްފައެވެ.

comment ކޮމެންޓް