ޕެރޭޒްއާއި ވަލްކޮޓްގެ ލަނޑުން ސަޓަން އަތުން މޮޅުވެ، އާސެނަލް ކުއާޓާއަށް

އެފްއޭ ކަޕްގައި އާސެނަލްއާއި ސަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ލޫކަސް ޕެރޭޒްއާއި ތިއޯ ވަލްކޮޓްގެ ލަނޑުން ނޮން ލީގް ޓީމެއް ކަމަށްވާ ސަޓަން ޔުނައިޓެޑް ބަލިކޮށް، އާސެނަލުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ރޭ ސަޓަންއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗަށް އާސެނަލް ނުކުތްއިރު، ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫ އަދި ސްޕެއިން މިޑްފީލްޑަރު މެސުޓް އޮޒިލް ޓީމުގައި ހިމަނާފައެއް ނުވެއެވެ. އޭގެ އިތުރުން ތަޖުރިބާކާރު ގޯލްކީޕަރު ޕީޓާ ޗެކް އަދި ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒް ވެސް ޓީމުގެ ފުރަތަމަ 11ގައި ހިމަނާފައެއް ނުވެއެވެ.

އެފްއޭ ކަޕްގައި އާސެނަލްއާއި ސަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގައި ސަޓަން ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް، އާސެނަލުން ލީޑު ހޯދީ މެޗުގެ 26 ވަނަ މިނެޓުގައެވެ. ގްރެނިޓް ޖަކާ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސަޓަންގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ސަޓަންއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕީނާއަށް ހެދުނު ގޯހަކުން އެޑަމް މޭއަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓްފަހުން އާސެނަލުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. އެލެކްސް އިވޯބީ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ތިއޯ ވަލްކޮޓްއެވެ. އެ ލަނޑަކީ އާސެނަލަށް އޭނާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ. އަދި އޭނާއަކީ އާސެނަލްގެ ތާރީހުގައި އެޓީމަށް 100 ލަނޑު ހަމަކުރި 18 ވަނަ ކުޅުންތެރިޔާއެވެ.

އެފްއޭ ކަޕްގައި އާސެނަލްއާއި ސަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

ވަލްކޮޓްގެ ލަނޑަށްފަހު ސަޓަންއަށް ލަނޑު ޖެހުމަށް ކައިރިކައިރީގައި ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މޭ އަދި ބެޑްސެންޓޭ ގޯމިސްއަށް ލިބުނު ބޯޅައިން އުފެއްދި ހަމަލާތައް އާސެނަލްގެ ގޯލުގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެއެވެ.

އެފްއޭ ކަޕްގެ ކުއާޓާގައި ވެސް އާސެނަލް ނުކުންނަން ޖެހޭނީ ނޮން ލީގު ޓީމަކާ ދެކޮޅަށެވެ. އާސެނަލް ނުކުންނަން ޖެހޭނީ ބާންލީ ބަލިކޮށް ކުއާޓާއިން ޖާގަ ހޯދި ލިންކޮން ސިޓީއާ ދެކޮޅަށެވެ. ކުއާޓާގައި ދެން ކުޅޭ މެޗުތަކަށް ބަލައިލާއިރު، ޗެލްސީ ނުކުންނަން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މިލްވޯލްއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ނުކުންނަން ޖެހޭއިރު، މިޑްސްލްބަރާ ނުކުންނަން ޖެހޭނީ މިމަހުގެ 28 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާއި ހަޑާސްފީލްޑް ބައްދަލުކުރާ ރީޕްލޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ ދެޓީމު ރީޕްލޭ މެޗެއް ކުޅެން ޖެހުނީ ފުރަތަމަ މެޗު އެއްވަރުވެގެން ނިމުމުންނެވެ.

comment ކޮމެންޓް