ރަޝިއާ އިން އދ. އަށް އައްޔަންކޮށްފައިވާ ސަފީރު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ރަޝިއާއިން އދ އަށް އައްޔަންކޮށްފައިވާ ސަފީރު ވިޓަލީ ޗާކިން ވަނީ އަވަހާރަވެފައި -- ފޮޓޯ: ރޮއިޓާސް

އދ (ފެބްރުއަރީ 21): ރަޝިއާ އިން އދ. އަށް އައްޔަންކޮށްފައިވާ ސަފީރު ވިޓަލީ ޗާކިން އިއްޔެ ކުއްލިގޮތަކަށް އަވަހާރަވެއްޖެ އެވެ.

މިއަދު އުމުރުން 65 އަހަރުވާނެ ޗާކިން އަވަހާރަވީ ނިއު ޔޯކުގައި މަސައްކަތުގައި އުޅުއްވަނިކޮށް ކުއްލި ގޮތަކަށް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވެ އެވެ. އެމިނިސްޓްރީން ވަނީ ޗާކިން އަކީ 'ވަރަށް ފާހަގަކޮށްލެވޭ ޑިޕްލޮމެޓެއް"ގެ ގޮތުގައި ސިފަކޮށްފަ އެވެ.

އަދި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ ޗާކިން އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅު ކުރައްވާފަ އެވެ. ރައީސްގެ އިތުރުން މުޅި ދުނިޔޭގެ ސަފީރުން ދަނީ ޗާކިންއަށް އިހުތިރާމު އަދާ ކުރަމުންނެވެ.

ރަޝިއާގެ ސަފީރެއްގެ ގޮތުގައި 2006 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ޗާކިން އަވަހާރަވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ.

އދ.ގައި ހިދުމަތް ކުރެއްވުމުގެ ކުރިން ޗާކިން ވަނީ ކެނެޑާ އަދި ބެލްޖިއަމްގެ ސަފީރުގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް