ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން ކަމަށް އަލީ ލަތީފް ހަމަޖައްސައިފި

ވީއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަންކަމަށް އައްޔަންކުރި އަލީ ލަތީފް --- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަންކަމަށް އަލީ ލަތީފް ހަމަޖައްސައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް މިއަދު ވީއޭއެމް މީޑީއާ ގްރޫޕްގައި ވިދާޅުވެފައި ވަނީ ވޮލީބޯޅަ އެސޯސިއޭޝަންގެ ހުސްވެފައިވާ ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަންގެ މަގާމަށް ސ. ހިތަދޫ ޑިލައިޓް އަލީ ލަތީފް 21 ފެބްރުއަރީން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމުގެ މެނޭޖަރުކަންކޮށްފައިވާ އަލީ ލަތީފް މި މަގާމަށް ހަމަޖެއްސުމާ ގުޅިގެން މިއަދުން ފެށިގެން އޭނާއަކީ ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އަލީ ލަތީފު މިހާތަނަށް ހުންނެވީ ގައުމީ ފިރިހެންޓީމުގެ މެނޭޖަރުގެ މަގާމުގަ އެވެ.

އަލީ ލަތީފް މި މަގާމަށް ހަމަޖެއްސި އިރު އެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު ނަޝީދު (ކާނަލް) އެވެ. ނަމަވެސް މަޤާމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާ ނުކުރެވޭކަމަށް ބުނެ ކާނަލް ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން މަޤާމުން ވަކިކޮށްފަ އެވެ.

އެހެންނަމަވެސް ކާނަލް ވިދާޅުވެފައި ވަނީ އެބޭފުޅާ ޑިސިޕްލިނަރީ ކޮމެޓީގެ ޗެއާމަން ކަމުގެ މަގާމުން ވަކިކުރެއްވި ކަމެއް ނޭނގޭ ކަމަށާއި މަގާމުން ވަކިކުރެއްވިކަން އެނގިވަޑައިގަތީ މީޑީއާގެ ޒަރިއްޔާއިން ކަމަށެވެ. އަދި މަގާމުން ވަކި ކުރުމަށް ފޮނުވި ސިޓީ ކަމަށް ބުނާ ސިޓީ އެއް މީޑީއާގެ ތެރެއިން އެބޭފުޅާއަށް ވެސް ފެނިވަޑައިގެންނެވި ކަމަށާއި ނަމަވެސް އޭގައިވާ ބައެއް މައުލޫމާތު ވެސް ސައްހަ ނޫން ކަމަށެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފަށް އޮތް ތާއިދު އޭނާ އިންތިހާބަށް ކުރިމަތިލީ ކުލަބުން އަންބުރާ ގެންގޮސް އެ ކުލަބުން އޭނާ ވަކިކޮށްފައި ވާތީ ވޮލީ އެސޯސިއޭޝަންގައި ރައީސަކު ނުހުންނާނެ ކަމަށް ވެސް ކާނަލް ވަނީ ވިދާޅުވެފަ އެވެ. އަދި މަގާމުން ވަކިވެފައިވާ ރައީސަކު ނަންގަވާ އެއްވެސް އަމުރަކަށް ތަބާވާން ނުޖެހޭނެކަމަށް ވެސް ކާނަލް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް