އިބްރަހިމޮވިޗަކީ ތަފާތު ދައްކާނެ ކުޅުންތެރިއެއްކަމާމެދު ޝައްކެއް ނުކުރަން: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް: މޮރީނިއޯ ވަނީ އޭނާއަށް ތައުރީފްކޮށްފައި --- ފޮޓޯ/ އޭޕީ

މިސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްއަކީ ތަފާތު ދައްކާނެ ކުޅުންތެރިއެއްކަމާމެދު އެއްވެސް ޝައްކެއް ނުކުރާކަމަށް އެކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ، އޭނާ ވަނީ ލަނޑެއް ޖަހައި ބްލެކްބާން ރޯވާސް އަތުން ޔުނައިޓެޑް މޮޅުކޮށްދީފައެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވީ 2-1 ލަނޑުންނެވެ.

މިސީޒަނުގައި ޔުނައިޓެޑަށް އިބްރަހިމޮވިޗް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އޭނާ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ރޭގެ ލަނޑާއެކު އޭނާ މިސީޒަނުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު 24 އަށް ވަނީ އަރައިފައެވެ.

"އަހަރެންނަކަށް ނޭނގޭ އިބްރަހިމޮވިޗް ޖެހި ލަނޑުތަކުގެ އަދަދެއް. އަހަރެންނަށް ކުރިން ވެސް އެނގޭ އޭނާއަކީ ވަރަށް މުހިންމު ކުޅުންތެރިޔަކަށްވާނެކަން. އެއީ ކުރިން ވެސް ޔަގީންވާ ކަމެއް. އޭނައަކީ ތަފާތު ދައްކާނެ ކުޅުންތެރިއެއްކަން އަހަރެންނަށް އެނގޭ،" އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ.

ބްލެކްބާންގެ ޑެނީ ގްރަހަމް ލަނޑެއް ޖަހާފައިވަނިކޮށް، ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މާކަސް ރަޝްފާޑެވެ. އިބްރަހިމޮވިޗްގެ ލަނޑު ފެނިގެންދިޔައީ މެޗުގެ 75 ވަނަ މިނެޓުގައެވެ. އެ މޮޅާއެކު ޔުނައިޓެޑް ވަނީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް