އާރްސީއެންސީ އިން ކުރި ދައުވާއަށް މައުމޫންގެ ބޭފުޅުން އިންކާރު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުން -- ސަން ފައިލް ފޮޓޯ

ހަދާފައިވާ އިމާރާތަކަށް ކުލި ނުދައްކާ ކަމަށް ބުނެ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީއެންސީ) އިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ދައުވާއަށް އެބޭފުޅުން އިންކާރު ކުރައްވައިފިއެވެ.

އެ ދައުވާ އުފުލާފައި ވަނީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫނާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫންގެ މައްޗަށެވެ.

އެ ހަތަރު ބޭފުޅުން ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިމާރާތެއް ހަދައި ނިމިފައިވާ ކަމަށް ބުނެ އާރްސީއެންސީ އިން އެބޭފުޅުންގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާ އަށް އިންކާރު ކުރާ ކަމަށެވެ.

އެ ދައުވާ އަށް އިންކާރު ކުރަނީ އެ އިމާރާތުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވޭތީ އާއި އިމާރާތް ހަދާފައިވާ ފެންވަރު ރަނގަޅު ނޫން ކަމަށް ފެންނާތީ ކަމަށް އެ ހަތަރު ބޭފުޅުން ވިދާޅުވިއެވެ.

އެ މައްސަލައަކީ ކޯޓުގައި ހިނގަމުންދާ މައްސަލައަކަށްވާތީ މައްސަލަ ނިމުމުގެ ކުރިން އިތުރު އެއްޗެއް ދަންނަވަން ބޭނުންނުވާ ކަމަށް ވެސް އެ ހަތަރު ބޭފުޅުން ވިދާޅުވިއެވެ.

comment ކޮމެންޓް