ދަގަނޑުފުޅިން ލުއިފުޅިއަށް ބަދަލުކޮށްލަން ރަނުގެ ފުރުސަތެއް!

ލުއިފުޅި ޕްރޮމޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މޯލްޑިވް ގޭސް އިން ލުއި ފުޅީގެ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ހެޔޮ އަގެއްގައި ލުއިފުޅި ގަންނަން ލިބޭ "ލުއި ޕްރޮމޯ" ޕްރޮމޯޝަން ފަށްޓަވައިދެއްވީ މިއަދު މޯލްޑިވް ގޭސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފައިނޭންސް މެނޭޖަރު އަހްމަދު ރަމީޒެވެ.

މޯލްޑިވް ގޭހުން މިއަދު ފެށި އެ އެ ޕްރޮމޯޝަނުގެ ދަށުން ލުއިފުޅީގެ ސިލިންޑަރު 1000 ރުފިޔާ އަށް ލިބޭނެ އެވެ. އަދި ގޭހާ އެކުގައި ނަމަ 1200 ރުފިޔާއަށް ލިބޭނެ އެވެ. މީގެ ކުރިން ސިލިންޑަރު ރެޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަމުން ދިޔައީ 1774 ރުފިޔާ އެވެ.

މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މާކެޓިން މެނޭޖަރު އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، އެ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މޯލްޑިވް ގޭހުން ފެށި ލުއިފުޅި ޕްރޮމޯއާ ބެހޭ ގޮތުން އައިމިނަތު މުހައްމަދު މައުލުމާތު ދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

"މި ދެމަސް ދުވަހުގެ ޕްރޮމޯޝަނަކީ މިއީ ހަމަ ރަނުގެ ފުރުސަތެއް ހުރިހާ ކަސްޓަމަރުންނަށްވެސް. މިހާރު އެ ބޭފުޅުން އެ ގެންގުޅުއްވާ ދަގަނޑުފުޅި ބަދަލުކޮށްލައްވަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލުއި ފުޅިއަކީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ހާއްސަ ޓެސްޓެއް ކޮށްފައިވާ ފުޅިއެއް ކަމަށާއި، އެ ފުޅިއަކީ އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ނުގޮވާނެ ފުޅިއެއްކަމަށެވެ.

ލުއިފުޅި ޕްރޮމޯ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ޝެއާ އެންޑް ވިން ޕްރޮމޯޝަނުގެ ގުރުއަތުން ހޮވިފައިވާ އައިމިނަތު ހަސްނާ އަށް ލުއި ފުޅި އެއް ހަދިޔާ ކޮށްފައެވެ.

އުފުލައި ގެންގުޅެން ފަސޭހަ ލުއި ފުޅިއަކީ ބަރުދަނުގައި އެންމެ ފަސް ކިލޯ ހުންނަ ފުޅި އެކެވެ. އަދި އެ ފުޅިއަކީ، ދަބަރު ނުޖަހާ ގޮތަށް ފަރުމާކޮށްފައިވާ ފުޅި އެކެވެ. އޭގެ އިތުރުން އެ ފުޅީގައި ގޭސް ހުންނަ މިންވަރުވެސް ފެންނަން ހުންނާނެ އެވެ.

comment ކޮމެންޓް