ހިޓްލަރު ބޭނުންކުރި ފޯނު 243,000 ޑޮލަރަށް ވިކިއްޖެ

ހަނގުރާމައިގެ އިރުޝާދުތައް ދޭން ހިޓްލަރު ބޭނުން ކުރި ފޯނު -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (ފެބްރުއަރީ 20): ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެޑޮލްފް ހިޓްލަރު ބޭނުން ކުރި ފޯނު 243،000 ޑޮލަރަށް އެމެރިކާގެ ނީލަމެއްގައި ވިއްކާލައިފި އެވެ.

އެނީލަން ކުރިއަށް ގެންދިޔަ އެލެގްޒެންޑާ ހިސްޓޯރިކަލް އޮކްޝަންސް އިން ފޯނު ގަތް މީހާއަކީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.

ހިޓްލަރުގެ ނަން ކަނޑާނަގާފައިވާ އެ ފޯނު ފެނިފައި ވަނީ ޖަރުމަނުގެ ބާލިންގައި ހުރި ހިޓްލަރުގެ ބަންކަރުންނެވެ. ޖަރުމަނުން ބަލި ގަބޫލު ކުރުމުން ސޯވިއެޓް ސިފައިން ވަނީ ސުވެނިއާއެއްގެ ގޮތުގައި އިނގިރޭސި އޮފިސަރެއް ކަމަށްވާ ރޯލްފް ރޭނާއަށް އެފޯނު ދީފައެވެ. އަދި އޭގެ ފަހުން ރޭނާގެ ދަރިފުޅު ވަނީ އެފޯނު ވިއްކާލައިފައެވެ.

އެފޯނަކީ ހަނގުރާމައިގެ އިރުޝާދުތައް ދިނުމަށް ހިޓްލަރު ބޭނުން ކުރި ފޯނު ކަމުން އެއީ 'ބޮޑެތި ގެއްލުންތައް ދީފައިވާ ހަތިޔާރެއް'ގެ ގޮތުގައި ނީލަން ކުރިއަށްގެންދިޔަ ފަރާތްތަކުން ސިފަކުރެ އެވެ.

އެފޯނުގެ އިތުރުން ހިޓްލަރަށް ނިސްބަތްވާ، މުށިން ހަދާފައިވާ ކުއްތާއެއްވެސް އެނީލަމުގައި 24،300 ޑޮލަރަށް ވިކިފައިވެ އެވެ. (ބީބީސީ)

comment ކޮމެންޓް