ކާމިޔާބު ބައެއް މީހުން އަބަދު އެއްގޮތަކަށް ހެދުން އަޅަނީ ކީއްވެ؟

ސްޓީވް ޖޮބްސް އާއި މާކް ޒަކަބާގް ވަނީ އެއްގޮތަަކަށް ހެދުން އެޅުމަކީވެސް 'ޓްރެންޑަކަށް' ވެދާނެ ކަން ސާބިތުކޮށްދީފަ --

ފެޝަނަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހެދުން އެޅުމަކީ ފަހަކަށް އައިސް ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. ނަމަވެސް އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް އާއި ފޭސްބުކުގެ ބާނީ މާކް ޒަކަބާގް ފަދަ ބައެއް މަޝްހޫރު ޝަހުސިއްޔަތުން ވަނީ ކޮންމެ ދުވަހަކު އެއްގޮތަކަށް ހެދުން އެޅުމަކީ ވެސް 'ޓްރެންޑަކަށް' ވެދާނެ ކަން ސާބިތުކޮށްދީފަ އެވެ. ވީމާ އެފަރާތްތަކުން އެގޮތަށް ހެދުން އެޅުމުގެ ސަބަބަކީ ކޮބައިބާ އެވެ؟

ބޭކާރުވާ ވަގުތު މަދުވުން

ކޮންމެ ދުވަހަކު ލާނެ ހެދުމަކާ ބެހޭ ގޮތުން ވިސްނުމަކީ އެކަމަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އަދި އެދުވަހު ހިޔާރު ކުރި ހެދުމާ ބެހޭ ގޮތުން ފަހުން ހިތްހަމަނުޖެހިއްޖެ ނަމަ ހެދުމާ ބެހޭ ގޮތުން ކަންބޮޑުވާން ޖެހޭ ކަމެކެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް އެއްގޮތަކަށް ހެދުން އަޅާ ނަމަ ހެދުމާ ބެހޭ ގޮތުން ވިސްނުމުގައި ހޭދަ ކުރާ ވަގުތު މަދުވާނެ އެވެ.

ނިންމަންޖެހޭ ނިންމުންތައް މަދުވުން

ތިމާގެ ވަޒީފާގެ ގޮތުން ކޮންމެ ދުވަހަކު ވެސް ގިނަ ނިންމުންތައް ނިންމަންޖެހުމަކީ މީހާއަށް ވަރުބަލިކަން ނުވަތަ 'ޑިޒިޝަން ފެޓީގް' އިހުސާސުވާނެ ކަމެކެވެ. ނަމަވެސް އޭގެ ތެރެއިން އެންމެ ނިންމުމެއް މަދުވި ނަމަވެސް އެފަދަ ވަރުބަލިކަމާ ކުރިމަތިލާން ޖެހޭ މިންވަރު ކުޑަވާނެ އެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ފާހަގަ ކުރައްވާފައިވާ ކަމެކެވެ.

"އަޅުގަނޑު ލަނީ ހަމައެކަނި އަޅި ނުވަތަ ނޫ ކުލައިގެ ސޫޓް. އެއީ އަޅުގަނޑު ނިންމަން ޖެހޭ ނިންމުންތައް ގިނަ ކަމުން އެނިންމުންތައް މަދުކުރަން،" އޮބާމާ ވިދާޅުވެފައިވެ އެވެ.

އާޓް ޑިރެކްޓަރެއް ކަމަށްވާ މަޓިލްޑާ ކާލް އޮފީހަށްދާ އިރު އަބަދުވެސް ހެދުން އަޅަނީ އެއްގޮތަކަށް --

ހަރަދު ކުޑަވުން

ރީތި ހެދުމެއް ފެނުމުން އެހެދުން ހެޔޮވަރު ނުވާނެ ކަމަށް ހީވި ނަމަވެސް ބައެއް ފަހަރު ހެދުން ގަނެވޭގޮތްވެ އެވެ. ނަމަވެސް އަބަދު އެއްގޮތަކަށް ހެދުން އަޅާނަމަ އެގޮތަށް ހަރަދު ކުރުމާ ދުރުހެލިވެވޭނެ އެވެ. އަދި ހެދުން ހެޔޮވަރު ކުރަން ނުވަތަ ބަދަލުކުރަން ދާ ވަގުތާއި ހަރަދު ވެސް ކުޑަވާނެ އެވެ.

ސްޓްރެސް ކުޑަވުން

ކުރިން ފާހަގަ ކުރި ހުރިހާ ކަންތައްތަކީ ވެސް މީހާގެ ސްޓްރެސް ލެވެލް ދަށްކޮށްދޭނެ ކަންތައްތަކެވެ. އެމެރިކާގެ ނިއު ޔޯކުގެ އާޓް ޑިރެކްޓަރެއް ކަމަށްވާ މަޓިލްޑާ ކާލް އަކީ އޮފީހަށްދާ އިރު އަބަދު ވެސް ހުދު ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ އޮފީސް ފަޓުލޫނުގައި ފެނިގެންދާ މީހެކެވެ. އަދި އެގޮތަށް ހެދުން އަޅާތާ އަހަރުތަކެއް ވެފައިވާ އިރު ކާލް ބުނާ ގޮތުގައި އޭގެ ސަބަބުން ހެދުން އެޅުމާ ބެހޭ ގޮތުން އޭނާ ސްޓްރެސްވާ މިންވަރު ވަނީ ވަރަށް ކުޑަވެފަ އެވެ.

comment ކޮމެންޓް