އިމްޕޯޓް ޑިއުޓީގެ ގޮތުގައި ޖެނުއަރީ މަހު ލިބުނު އާމްދަނީ 25 ޕަސެންޓް އިތުރުވެއްޖެ

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ: މިދިޔަ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 25 ޕަސެންޓް އިތުރު --- ސަން ފައިލް ފޮޓޯ

ފާއިތުވި އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ކަސްޓަމަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 25 ޕަސެންޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރު ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 226 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 181 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ސީއައިއެފް އަގު ވެސް ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 36 ޕަސެންޓް އިތުރުވެފަ އެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު ރާއްޖެއަށް އެތެރެކޮށްފައި ވަނީ 2.4 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރު ޖެނުއަރީ މަހު އެ އަދަދު ވަނީ 3.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 18 ޕަސެންޓް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓްކޮށްފައިވާ އިރު، 13 ޕަސެންޓް އެތެރެކޮށްފައި ވަނީ ސިންގަޕޫރުންނެވެ. އަދި 11 ޕަސެންޓް އިންޑިއާ އިން އެތެރެކޮށްފައިވެ އެވެ.

މުދާ އެކްސްޕޯޓް ކުރި މިންވަރަށް ބަލާއިރު ވެސް، މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ މި އަހަރު ޖެނުއަރި މަހު މުދާ އެކްސްޕޯޓް ކުރި މިންވަރު 137 ޕަސެންޓް އިތުރެވެ.

އެގޮތުން މިއަހަރު ޖެނުއަރީ މަހު ރާއްޖެ އިން ވަނީ 633 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޖެނުއަރީގައި އެކްސްޕޯޓް ކޮށްފައި ވަނީ 265 މިލިއަން ރުފިޔާގެ މުދަލެވެ.

ދިވެހިރާއްޖެ އިން މައިގަނޑުގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައް ކަމަށްވާ އިރު، މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ 69 ޕަސެންޓް ހިއްސާކުރަނީ މަހުގެ ބާވަތްތަކެވެ. އެ ބާވަތްތައް އެކްސްޕޯޓްކޮށްފައި ވަނީ ތައިލޭންޑަށެވެ.

comment ކޮމެންޓް