ދިވެހި ފުޓްބޯޅަ ދަންނަން، ވެލެންސިއާ ބަލިކުރެވޭނެ: ޝަންކަރުލާލް

މޯހަން ބަގާން ޓީމު ފޮޓޯ އަކަށް ހުއްޓިލައިގެން-- ފޮޓޯ ގޯލް ޑޮޓް ކޮމް

ގަލޮޅު ދަނޑަކީ މޯހަން ބަގާން އަށް އައު ދަނޑެއް ނޫން ކަމަށާއި ވެލެންސިޔާ ބަލިކޮށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް ދިޔުން ނޫން އެހެން އެއްވެސް ކަމަކަށް ނުވިސްނާ ކަމަށް އެ ޓީމުގެ ކެޕްޓަން ކަތްސުމި ޔޫސާ ބުނެފިއެވެ.

އޭއެފްސީ ކަޕް ޕްލޭއޮފްގައި ވެލެންސިއާ ދެކޮޅަށް މާލެގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މޯހަން ބަގާންގެ ކެޕްޓަން ޔޫސާ ބުނީ ވެލެންސިއާ ދެކޮޅަށް ނުކުންނާނީ މޮޅުވާން ކަމަށާއި މިވަގުތު ހަމައެކަނި ވިސްނުމަކީ ޕްލެއޮފް ފަހަނަ އަޅާ ގޮސް ގުރޫޕް ސްޓޭޖަށް ކޮލިފައި ވުން ކަމަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ކުޅޭ މެޗާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބަގާންގެ އެސިސްޓެންޓް ކޯޗު ޝަންކަރްލާލް ޗަކްރަބޯތީ ބުނީ އޭނާގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މައްސަލައަކީ ތަންކޮޅެއް ހޫނު ގަދަވުން ކަމަށެވެ.

މޯހަން ބަގާން ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން މާދަމާގެ ނުފެންނާނެ ކަމަށް އަދި އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން މާލެ އައިސްފައި ނުވާ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅޭ ގޮތުން ޝަންކަރު ބުނީ މުހިއްމު ނޫން ކުޅުންތެރިއަކު އެ ޓީމުގައި ނުހުންނާނެ ކަމަށާއި ކޮންމެ ކުޅުންތެރިއަކީ މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.

އޭއެފްސީ ޕްރިލިމިނަރީ ބުރުގައި މޯހަން ބަގާން ކުޅުނީ ކޮލޮމްބޯ އެފްސީއާ އެވެ. އެޓީމު ޕްލޭއޮފަށް ދަތުރުކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ.

comment ކޮމެންޓް