މާފަންނުއާގޭގައި އަމިއްލަ މީހަކު ހަދާފައި ހުރި ގުދަނެއް ހުސްކުރަން އެންގި މައްސަލަ ކޯޓަށް

މާފަންނުއާގެއިން ދައުލަތަށް ލިބުނު ބައި ވަކިކޮށް ފާރު ރާނާފައި --- ސަންފޮޓޯ// މުހައްމަދު އަފްރާހް

މާފަންނު އާގޭގައި އަމިއްލަ މީހަކަށް ކުއްޔަށް ދީފައި ހުރި އިމާރާތެއް ހަދާފައި ހުރި ގުދަނަކާއި އޮފީސްބައި ހުސްކުރަން ފުލުހުންނާއި ހައުސިންގް މިނިސްޓްރީން އެންގި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ހުޅުމާލެ ފުލެޓް ނަންބަރު ބ-3-7- ސީ އަހުމަދު ހަލީލު، އެގޭގެ ވެރިފަރާތް ފާޠިމަތު ފަރީދު އަދި ހައުސިން މިނިސްޓްރީގެ މައްޗަށް ކުރި ދައުވާގައި ބުނެފައި ވަނީ މާފަންނުއާގެއިން އޭނާ އިމާރާތެއް ކުއްޔަށް ހިފާފައި ވަނީ 37 އަހަރުގެ މުއްދަތަށް ކަމަށެވެ. އެކަން އެއްބަސްވުމުން އެނގެން އޮންނާނެ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

މާފަންނު އާގެއިން އިމާރާތް ކުއްޔަށް ހިފައި ތަނުގެ ކުއްޔާއި ގުދަނަކާއި އޮފީސް މަރާމާތަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

ދައުވާގައި އެދިފައި ވަނީ މާފަންނުއާގެއިން 37 އަހަރަށް ކުއްޔަށް ނަގާފައިވާ އިމާރާތް، އެގޭގެ ވެރިފަރާތާ އެކު ވެފައިވާ އެއްބަސްވުން ބާތިލު ނުކުރާހާ ހިނދަކު ދެމި އޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެއްބަސްވުން ދެމިއޮތްހާ ހިނދަކު ސަރުކާރުގެ އެއްވެސް އިދާރާއަކަށް އެތަން ހުސްކުރަން ނޭނގޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ދައުވާގައި ވަނީ އެދިފަ އެވެ.

މާފަންނުއާގެ އިން 12741.75 އަކަފޫޓް 1990ގެ އަހަރުތަކުގެ ތެރޭގައި ދައުލަތަށް ނެގި އެވެ. ބަދަލު ދިނުމަށް ފަހު އެ ބިން ދައުލަތަށް ނަގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޭރު ތީމުގޭގައި ދިރިއުޅުއްވާތީ ތީމުގޭގެ ސަލާމަތީ ސަބަބުތަކަށް ޓަކަ އެވެ.

ދައުލަތަށް ނަގާފައިވާ ބައި ވަކިކޮށް ހައުސިންގް މިނިސްޓްރީން ފާރެއް ރާނާފައިވާ އިރު އަހުމަދު ހަލީލަށް ކުއްޔަށް ދީފައިވާ ގުދަން ހުރީ ދައުލަތުގެ ބައި ކަމަށް ބުނެ ފާރު ރާނާފައިވާ ބައިގެ ތެރޭގަ އެވެ.

ދައުލަތަށް އެގޭން ނަގާފައިވާ ބައިގައި އިމާރާތް ކޮށްފައި ހުރިތަންތަން ހުސްކުރަން މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ތަނުގެ ވެރިފަރާތަށް އެންގި އެވެ.

އޭގެ ފަހުން ދައުލަތުގެ ފަރާތުން ވަނީ ބަދަލު ދިނުމަށް ފަހު މާފަންނުއާގެއިން އިތުރުބައެއް ނަގަން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގަ އެވެ.

comment ކޮމެންޓް