ޗައިނާގެ ގުޅުމަށް ބޮޑު އަހުމިއްޔަތެއް ދެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އާއި ޗައިނާއާ ދެމެދު ޤާއިމްކުރެވިފައިވާ ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކޮން ޒުއަންޔޫއާއެކު ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ބައްދަލު ކުރެއްވުމެއްގަ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށްޓަކައި ޗައިނާއިން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރެއްވި އެވެ. މީގެ އިތުރުން ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ކުރިއަށް އޮތްތާނގައި ވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން، ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން ރަމްޒުވާ ކަމުގައި ވިދާޅުވިއެވެ. ކުރިއަށް އޮތްތާނގައިވެސް ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، ޗައިނާއިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައި ވެސް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރގެ އަރިހުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ފުކަންގާއި، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރޑް ސެކްރެޓަރީ ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް