ސްޓެލްކޯއިން ކެއާ ސޮސައިޓީއަށް އެއް އަހަރު ދުވަހަށް ޓީޗަރަކު ހަމަޖައްސައިފި

ސްޓެެލްކޯ އިން އެއް ކެއާސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ސްޓެލްކޯއިން ކެއާ ސޮސައިޓީއަށް އެއް އަހަރު ދުވަހަށް ޓީޗަރަކު ހަމަޖައްސައިފި އެވެ.

ކެއާ ސޮސައިޓީއަށް އެއް އަހަރަށް ޓީޗަރަކު ހަމަޖެއްސުމަށް ކެއާ ސޮސައިޓީ އާއި ސްޓެލްކޯއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝުކޫރު ސޯލިހެވެ. ކެއާ ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެގްޒެކްޓިވް ޑައިރެކްޓަރު ނައުޝާން މުހައިމިނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝުކޫރު ސޯލިހް ވިދާޅުވީ، އެކި ރޮނގު ރޮނގުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެ ކުންފުނީގެ ފަރާތުން ވަޒީފާގެ ފުރުސަތު ހަމަޖައްސަވާފައިވާ ކަމަށާއި ރެކްރިއޭޝަން ގޮތްގޮތުންނާއި ވަޒީފާގެ ރޮނގުން ވެސް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސްޓެެލްކޯ އިން އެއް ކެއާސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސަން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ އަބްދުއް ޝުކޫރު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ

ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ބޯޑު މެންބަރު އަހްމަދު ސާހިދު ވިދާޅުވީ، ސްޓެލްކޯގެ ފަރާތުން ހަމަޖައްސަދޭ ޓީޗަރަގެ އެހީތެރިކަމަކީ ކެއާ ސޮސައިޓީން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތައުލީމަށް ލިބިގެންދިޔަ ބޮޑު އެހީތެރިކަމެއް ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

ކުޅެދުންތެރި ކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަކަށް އެހީތެރިވުމަށް އެންމެންވެސް ބައިވެރި ވާން ޖެހޭ ކަމަށާއި އެއީ ހަމަ އެކަނި ވަކި ސޮސައިޓީއެއްގެ ފަރާތުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ސާހިދު ފާހަގަކޮށްފައި ވެއެވެ. އަދި ހާއްސަ ވިޔަފާރިތަކާއި ދައުލަތުގެ މަސައްކަތް ކުރައްވާ ބޭބޭފުޅުންނަށް މިކަމުގައި އެހީތެރި ވެވޭނެ ކަމަށް ސާހިދު ވިދާޅުވިއެވެ.

މި ހަފްލާގައި ކެއަރ ސޮސައިޓީގެ ފަރާތުން ސްޓެލްކޯއަށް ވަނީ ހަދިޔާ އެއް ހުށަހަޅާފައެވެ.

މީގެ ކުރިން ސްޓެލްކޯއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ 27 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފައެވެ.

comment ކޮމެންޓް