ޖޫން މަހުގެ ކުރިން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ: މިނިސްޓަރު

އިކޮނޮމިކް މިިނިސްޓަރު ސައީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރު ޖޫން މަހުގެ ކުރިން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރެވޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާ ބެހޭ ގޮތުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކަށް މައުލޫމާތު ދިނުމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)އާ އެކު މިއަދު ކަސްޓަމްސް ބިލްޑިންގުގައި ފެށި ދެ ދުވަހުގެ ވޯކްޝޮޕް ފައްޓަވައިދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާއާ އެކު ސޮއިކުރާ އެއްބަސްވުމުގެ ހުރިހާ މަޝްވަރާއެއް މިހާރު ނިމި، ދެ ގައުމުގެ ސަރުކާރުގެ މުއައްސަސާތަކުން އެންމެ ފަހުގެ ކަންތައްތައް ފައިނަލް ކުރަމުންގެންދާ ކަމަށެވެ.

ކަސްޓަމްސް ބިލްޑިންގުގައި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ޖޫންގެ ކުރިން މީގަ [ފްރީ ޓްރޭޑް އެގްރިމެންޓްގައި] ސޮއިކުރެވުން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފްރީޓްރޭޑް އެގްރިމެންޓްގެ ބޭނުމަކީ ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓްކުރާ ފަރާތްތަކަށް ލުއިފަސޭހަ އަދި ހެޔޮ އަގެއްގައި އެކްސްޕޯޓް ކުރެވޭނެ މަގެއް ފަހިކޮށްދިނުން ކަމަށެވެ. އަދި އޭގެ ސަބަބުން ހާއްސަކޮށް މަސްވެރިންނަށް ނުވަތަ މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރާ ފަރާތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް ޖަޕާނު އަދި ޔޫއެސްއޭއަށް ވެސް ދައުވަތު ދީފައިވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިއަދު ފެށި ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަނުމަށް މަޝްވަރާކުރުމުގައި ކަންކަން ކުރާނެ ގޮތް ދަސްކޮށް، އެފަދަ ކަންކަމުގެ ގާބިލުކަން ރާއްޖޭގައި އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށް އަދުގެ ސަރުކާރުން ދެކޭތީ އެކަމުގެ ގާބިލުކަން މުއައްސަސާތަކާއި ކުންފުނިތަކާއި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އިތުރުކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިއަދު ފެށި ވޯކްޝޮޕްގެ ބައިވެރިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ތަމްރިނު ޕްރޮގްރާމްގައި އަލިއަލުވާލާނެ މައުލޫތަކުގެ ތެރޭގައި، މިނިވަން ވިޔަފާރިއާ ބެހޭ މައުލޫމާތާއި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނާ ބެހޭ މައުލޫމާތާއި މަލްޓިލެޓެރަލް ޓްރޭޑިން ސިސްޓަމާބެހޭ މައުލޫމާތާއި ރީޖަނަލް ޓްރޭޑް ސިސްޓަމާބެހޭ މައުލޫމާތާއި މަލްޓިލެޓެރަލް އަދި ރީޖަނަލް ޓްރޭޑް އެއްބަސްވުންތަކާ ބެހޭގޮތުން ޑަބްލިއުޓީއޯގެ ގަވާއިދުތަކާބެހޭ މައުލޫމާދު ދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ވޯކްޝޮޕްގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އެސޯސިއޭޝަންތަކާއި ޔުނިވާސިޓީ އަދި ކޮލެޖްތަކުން 63 ބޭފުޅުން ބައިވެރިވެ މައުލޫމާތު ހޯދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް