21 އަހަރަށްފަހު އަފްރީދީ ބައިނަލްއަގުވާމީ ކްރިކެޓާ ދުރަށް

އަފްރީދީ: އުމުރުން 36 އަހަރުގައި ބައިނަލްއަގުވާމީ ކްރިކެޓުން ވަނީ ރިޓަޔާކޮށްފަ

އެކާވީސް އަހަރަށް ފަހު ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔާކުރުމަށް ޝާހިދު އަފްރީދީ ނިންމައިފި އެވެ.

ޕާކިސްތާންގެ ސުޕަ ލީގުގެ މެޗަކަށްފަހު ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާ ކުރަން ނިންމިކަން އިއުލާން ކުރަމުން އުމުރުން 36 އަހަރުގެ އަފްރީދީ ބުނެފައި ވަނީ ބައިނަލްއަގުވާމީ ކުރިކެޓް ކުޅުން ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް ޕާކިސްތާން ސުޕަލީގުން އަދި ފެންނާނެ ކަމަށެވެ.

"ޕާކިސްތާން ގައުމީ ކްރިކެޓް ޓީމުގައި ވެސް އަދި ބައިނަލް އަގުވާމީ ކްރިކެޓްގައި ވެސް ކާމިޔާބީތަކެއް ހޯދިއްޖެ ދެން ބޭނުމީ ރިޓަޔާ ކުރަން،" އަފްރީދީ ބުންޏެވެ.

ބައިނަލްއަގުވާމީ ކްރިކެޓުން އަފްރީދީ ރިޓަޔާ ކުރި އިރު އޭނާވަނީ 2010 ވަނަ އަހަރު ޓެސްޓްކްރިކެޓުން ރިޓަޔާކޮށް 2015 ވަނަ އަހަރު އޭނާ ވަނީ ވަންޑޭ އިންޓަނޭޝަނަލް ކްރިކެޓް ކުޅުން ހުއްޓާލައި ޖެހިގެން އައި އަހަރު ޕާކިސްތާން ޓުވެންޓީ ޓުވެންޓީ ޓީމުގެ ކެޕްޓަންކަން ވެސް ދޫކޮށްލާފަ އެވެ.

ޕާކިސްތާން ގައުމީ ޓީމް ކްރިކެޓްގައި ހޯދި ގިނަ ކާމިޔާބީ ތަކުގައި އަފްރީދީގެ ހިއްސާ ބޮޑުއިރު އޭނާ ޕާކިސްތާންގެ ގައުމީ ޓީމަށް އޭނާ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 1996 ވަނަ އަހަރުއެވެ. އަފްރީދީގެ ކާމިޔާބު ކެރިއަރުގައި އޭނާވަނީ 398 ވަންޑޭ އިންޓަނޭޝަނަލް މެޗުގެ އިތުރުން 98 ޓްވެންޓީ20 ބައިނަލްއަގްވާމީ މެޗު ކުޅެފަ އެވެ.

comment ކޮމެންޓް