"ސައުދީ ރަސްގެފާނު ދަތުރުފުޅުގައި ދެނީ އެހީ"

ރައީސް ޔާމީން ސައުދީގެ ރަސްގެފާނާ ބައްދަލުކުރައްވަނީ -- ފައިލް ފޮޓޯ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ވަރަށް އަވަހަށް ރާއްޖެ ވަޑައިގަތުމަށް ނިންމުމާ އެކު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ފ. އަތޮޅު ސައުދީއިން ގަންނަން އުޅޭ ވާހަކައެވެ. އެކަމާ ގުޅޭ ގޮތުން ސައުދީ އެމްބްސީގެ ރަސްމީ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެދަތުރު ފުޅުގެ އެޖެންޑާގައި އޮތީ ރާއްޖެއަށް އެހީތަކެއް ދިނުން ކަމަށެވެ.

"މިހާރު އެދައްކާ [ފ. އަތޮޅު ގަންނަ ކަމަށް ދައްކާ] ވާހަކަތަކަކީ ދޮގެއް، އެކަމަކާ އެއްވެސް ކަމެއް މިކޮޅަށް އެނގިފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް އޮފީހުން ވެސް އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުމެއް ނޫނެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ސަރުކާރުން ނުކުރާނެ ކަމަށެވެ.

ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް މިސަރުކާރުން ގެނެސްފައިވާ ބަދަލާ އެކު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކުރެވޭނެ އެވެ. ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަކުރާ ޕްރޮޖެކްޓްތަކަށް ކަމަށް އެ އިސްލާހުގައިވެ އެވެ.

އިގްތިސާދީ ދާއިރާގައި މަސައްކަތް ކުރައްވާ ސަރުކާރުގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ ރާއްޖެ އިން ބައެއް ގަންނަން ސައުދީން އުޅޭކަން ގަބޫލް ނުކުރާ ކަމަށާއި ކުރިޔަސް ކުރާނީ އިންވެސްޓްމަންޓެއް ކަމަށެވެ.

ސުޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ގާނޫނު ބުނާ ގޮތުން ރާއްޖޭގައި އިންވެސްޓެއް އެންމެ ދިގު މުއްދަތަކަށް ވެސް ކުރެވޭނީ 99 އަހަރަށެވެ. ނަމަވެސް އެއީ އެންމެ ދަށްކޮށް ވެސް 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްކޮށްގެންނެވެ.

މިދިޔަ މަހު ފަހުކޮޅު ފ. މަގޫދޫ ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސައުދީ ސަރުކާރުގެ ވިޔަފާރީގެ ބޮޑު މަޝްރޫއެއް ފ. އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެކަހަލަ މަޝްރޫއެއް މިހާތަނަށް ހެދިފައި ވަނީ ދުނިޔޭގެ ވެސް ތިނެއް ނުވަތަ ހަތަރު ދިމާލެއްގައިކަން ރައީސް ފާހަގަކުރެއްވި އެވެ. އެ ތަނަކީ އެކި ވައްތަރުގެ ސިނާއަތްތައް ގާއިމް ކުރެވިގެންދާނެ "ޓައުން ޝިޕެއް"ގެ ގޮތުގައި ރައީސް ޔާމީން ވަނީ ސިފަ ކުރައްވާފަ އެވެ.

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންވަނީ ޗުއްޓީއެއް ހޭދަކުރެއްވުމަށާ އެކު އެވެ. ރަސްގެފާނު ވަޑައިގަންނަވާ ވަކި ތާރީހެއް އަދި ނޭނގުނު ނަމަވެސް އެޑްވާންސް ޓީމު ރާއްޖޭގައި އެބަ ހަރަކާތްތެރިވެ އެވެ.

comment ކޮމެންޓް