އުތުރު ކޮރެއާގައި ހުންނަވާ މެލޭޝިއާ ސަފީރު އަނބުރާ ގައުމަށް ވަޑައިގަތުމަށް އަންގައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމް -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (ފެބްރުއަރީ 20): އުތުރު ކޮރެއާގައި ހުންނަވާ މެލޭޝިއާގެ ސަފީރު އަނބުރާ ގައުމަށް ވަޑައިގަތުމަށް މެލޭޝިއާ އިން އަންގައިފި އެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އުތުރު ކޮރެއާގައި ހުންނަވާ އެގައުމުގެ ސަފީރު އަނބުރާ ވަޑައިގަތުމަށް އެންގީ 'މަޝްވަރާތަކެއް' ކުރުމަށެވެ. މީގެ ކުރިން އެމިނިސްޓްރީން ވަނީ މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ ސަފީރު މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އުތުރު ކޮރެއާގެ ސަފީރު ކަން ޗޯލް އެމިނިސްޓްރީއަށް ހާޒިރު ކުރީ، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރާ ގުޅިގެން މެލޭޝިއާ އިން ހިންގާ ތަހުގީގާ ބެހޭ ގޮތުން އެބޭފުޅާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

"ޕްރެސް ކޮންފަރެންސެއްގައި ސަފީރު ވަނީ މެލޭޝިއާ ސަރުކާރުން ކޮންމެވެސް ކަމެއް ފޮރުވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފައި. އަދި ބޭރުގެ ބާރުތަކާ ގުޅިގެން މެލޭޝިއާ އިން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވާފައި،" މެލޭޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކުއަލަލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮންގް ނަމް އަވަހާރަކޮށްލުމާ ގުޅިގެން މެލޭޝިއާ އިން ވަނީ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ މީހަކާއި މެލޭޝިއާގެ ފިރިހެނަކާއި އިންޑޮނޭޝިއާގެ އަންހެނަކާއި ވިއެޓްނާމުގެ ޕާސްޕޯޓެއް އޮތް އަންހެނަކު ހިމެނެ އެވެ.

މީގެ އިތުރުން މެލޭޝިއާ ފުލުހުން ވަނީ އެމައްސަލައާ ގުޅިގެން އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދަމުންދާ ކަމަށް ބުނެފަ އެވެ. އެ ހަތަރު މީހުން މެލޭޝީއާ އިން ފުރައިގެން ދިޔައީ ކިމް ޖޮންގް ނަމް އަވަހާރަކޮށްލި ދުވަހު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ފުލުހުން ގަބޫލު ކުރާ ގޮތުގައި ހޯމަ ދުވަހު ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ކިމް އަވަހާރަކޮށްލީ އޭނާގެ މޫނަށް ވިހައެއް ސްޕްރޭކޮށްގެންނެވެ.

ދެކުނު ކޮރެއާއިން ވަނީ ކިމްގެ މަރުގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ ކަމަށާއި މީގެ ކުރިން ވެސް އުތުރު ކޮރެއާ އިން ވަނީ ކިމް އަވަހާރަކޮށްލަން މަސައްކަތްކޮށްފަ ކަމަށް ބުނެފަ އެވެ. ނަމަވެސް އެތުހުމަތުތަކާ ގުޅިގެން އުތުރު ކޮރެއާއިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. (ބީބީސީ)

comment ކޮމެންޓް