ތުރުކީއަށް މިހާރު ގެންނަނީ ތާރީޚުގައި ވެސް ނުގެންނަ ފަދަ އިސްލާޙީ ބަދަލެއް: އުރުދުޣާން

އުރުދުޣާން

އަންކަރާ (ފެބްރުއަރީ 20) : ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަކީ އެގައުމުގެ ތާރީޚުގައި ވެސް ނުގެންނަ ފަދަ ދިމުގްރާތީ އިސްލާޙީ ބަދަލެއްކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސިފަކުރައްވައިފި އެވެ.

ތުރުކީގެ ދެކުނުގައި ގާއިމްކުރި ތަރައްގީގެ ބައެއް މަޝްރޫއުތައް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކުން ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެނައި ބަދަލުތައް ރައްޔިތުންގެ ތާއީދު ބޭނުންވާ ކަމަށާ އެއީ ތުރުކީގެ ތާރީޚުގައި ވެސް ގެންނަ ދިމުގްރާތީ އެންމެ ބޮޑު އިސްލާޙު ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އުރުދުޣާންވަނީ އައު ގާނޫނު އަސާސީ އަށް ތާއީދުކޮށް ވޯޓު ދިނުމަށް ތުރުކީގެ އާންމުންނަށާއި ސިޔާސީ ޕާޓީތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ތުރުކީގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކާ އެކު އައު ގާނޫނު އަސާސީގައި ހިމެނެނީ 18 މާއްދާ އެވެ. މިމަހުގެ ކުރީކޮޅު ތުރުކީ ޕާލަމެންޓުން ގާނޫނު އަސާސީ އަށް ގެނައި މިބަދަލުތައް ރައީސް އުރުދުޣާންވަނީ ތަސްދީގު ކުރައްވައިފަ އެވެ. މިބަދަލުތަކާ އެކު ތުރުކީގެ އައު ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ހުށަހަޅައިގެން ރައްޔިތުންގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން އައު ގާނޫނު އަސާސީ އަށް ތާއީދުކޮށްފި ހާލަތެއްގަ އެވެ. އެހިސާބުން ތުރުކީގައި ދެން އޮންނާނީ އެމެރިކާގައި އޮންނަ ބާވަތުގެ ރިޔާސީ ނިޒާމެކެވެ.

ތުރުކީ ރިޔާސީ ނިޒާމަކަށް ބަދަލުކުރުމަށް ޓަކައި ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ކަންތައްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ބާރުތަކާއި ތަންފީޒީ ބާރުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައިވުން ހިމެނެ އެވެ. މީގެތެރޭގައި ހުރިހާ ވަޒީރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ އެންމެހާ ބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދިނުން ހިމެނެ އެވެ. އަދި ޝަރުއީ ނިޒާމުގެ ބައެއް ކަންކަމުގެ ތެރެއަށް ސީދާގޮތެއްގައި ވަނުމުގެ ބާރު ވެސް ރައީސް އަށް ލިބިދީފައިވެ އެވެ. މިގޮތުން ފަނޑިޔާރުންނާ އަދި އެޓާނީންނާއި ޕްރޮސެކިއުޓަރުންގެ އައްޔަންކުރާނެ އެންމެ މަތީ މަޖިލީހެއް އެކުލަވާލުމުގައި ވެސް ބޮޑެތި ބާރު ރައީސަށް ލިބިދީފައިވެ އެވެ. އެމަޖިލީހުގެ 11 މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ޢައްޔަން ކުރުމުގެ ބާރު ލިބިދެނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަނެއް ހަތް މެންބަރުން އައްޔަން ކުރާނީ ޕާލަމެންޓުންނެވެ.

ތުރުކީހެ ރިޔާސީ ނިޒާމުގެ ދަސްތޫރާއި އޮނިގަނޑުގައި ރައީސަށް ލިބިދީފައިވާ އެހެން ބާރުތަކުގެ ތެރޭގައި ޕާލަމެންޓްގެ ހުއްދައަކާނުލައި ހަ މަސް ދުވަހުގެ މުއްދަތަށް ގައުމުގައި ކުއްލި ހާލަތު އިޢްލާން ކުރުމުގެ ބާރުވެސް ހިމެނެ އެވެ. މީގެއިތުރުން ސިޔާސީ ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަތުމުގެ ފުރްސަތު ވެސް ރައީސަށް ލިބިވަޑައިގަންނަވަ އެވެ.

ތުރުކީގައި މިހާރު އޮންނަ ބަރުލަމާނީ ނިޒާމުގައި ސިޔާސީ އެއްވެސް ޕާޓީއަކަށް ނިސްބަތްވެ ވަޑައިގަތުމުގެ ފުރްސަތު ރައީސަކަށް ނޯވެ އެވެ.

ދެ ހާސް ތިން ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރެއްގެ ގޮތުންނާއި ރައީސެއްގެ ގޮތުން ތުރުކީގައި ވެރިކަން ކުރައްވަމުން ގެންދަވަނީ އުރުދުޣާން އެވެ. ރިޔާސީ ނިޒާމަށް ބަދަލުކުރުމަށްފަހު ވެސް ފަސް އަހަރުގެ ދެދައުރަށް ކުރިމަތިލުމުގެ ފުރްސަތު އުރުދުޣާނަށް ލިބިވަޑައިގަންނަވާނެ އެވެ. ތުރުކީގެ އިދިކޮޅު ޕާޓީތައް ބަލިކަށިވެފައިވުމުގެ ސަބަބުން ރިޔާސީ ދެދައުރު ފުރިހަމަކުރުމަކީ އުރުދުޣާނަށް ދަތިކަމަކަށް ނުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް