ޓީސީ ނުކުންނަނީ 70 އަހަރުވީ ކުލަބަކާ ދެކޮޅަށް!

އަލްގާ ބިޝްކެކް ޓީމު ފޮޓޯ އަކަށް ހުއްޓިލައިގެން: މިއީ 70 އަހަރުގެ ދުވަސްވީ މާޒީއެއް އޮތް ކުލަބެއް--ފޮޓޯ/ ވޯޑްޕްރެސް

މިހާރު ބަންގުލަދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ދެ ވަނަ މެޗުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު ހިމެނިފައި ވަނީ ވަރުގަދަ ގުރޫޕެއްގައެވެ.

ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ބަންގާޅު ލީގު ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު ޓީސީން ކާމިޔާބު ކުރި ނަމަވެސް ކުރިއަށް އޮތް މެޗުގައި ޓީސީ އަށް ހިންދެމިލައިގެން ތިބެވޭކަށްނެތެވެ. ސަބަބަކީ ޓީސީ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ ރާއްޖެއަށްވުރެ ވެސް އަދި ބަންގްލަދޭޝްއަށް ވުރެ ވެސް އެތައް ގޮތަކުން ވަރުގަދަ، ކިރްގިސްތާން ލީގުގެ ތިންވަނަ އެފްސީ އަލްގާ ބިޝްކެކްއާ ދެކޮޅަށެވެ.

އެ މެޗަށް ނުކުންނައިރު އެފްސީ އަލްގާ ބިޝްކެކްއަކީ ކިހާވަރެއްގެ ޓީމެއްތޯ ބަލާލުން މުހިއްމެވެ. ހަތްދިހަ އަހަރުގެ ދިގު ތާރީހެއް އޮތް އަލްގާ ބިޝްކެކްއަކީ ކިރްގިސްތާން ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ކުލަބެކެވެ. ކުލަބުގެ ދިގު ތާރިހުގެ ސަބަބުން ވެސް އެ ކުލަބަކީ ކިރްގިސްތާން ފުޓްބޯޅައިގެ ކިހާވަރެއްގެ ބާރެއްކަން އަންދާޒާކޮށްލެވޭނެ އެވެ.

އަލްގާ ބިޝްކެކް ނިސްބަތް ވަނީ ކިރްގިސްތާނުގެ އަވަށެއް ކަމަށްވާ ބިޝްކެކްއަށެވެ. މި ކުލަބު 1947 ވަނަ އަހަރު ވުޖޫދަށް އައީ ޒެނިތު ފުރުންޒޭގެ ނަމުގައެވެ. އޭގެ ފަހުން 10 ފަހަރެއްގެ މަތިން އެކުލަބުންވަނީ ކުލަބުގެ ނަން ބަދަލުކޮށްފައެވެ. 2005 ވަނަ އަހަރު އަލްގާ ބިޝްކެކް އުވާލުމަށްފަހު އަނެއްކާ ވެސް ވުޖޫދަށް އައިސްފައި ވަނީ 2007 ވަނަ އަހަރުއެވެ. ނަމަވެސް ހަމަ އެ އަހަރު އެކުލަބު ވަނީ އަނެއްކާވެސް އުވާލާފައެވެ.

އޭގެ ތިން އަހަރުފަހުން އެ ކުލަބު އަލުން ވުޖޫދަށް އައީ 2010 ވަނަ އަހަރުއެވެ. އެނބުރި ވުޖޫދަށް އައުމަށްފަހު އެކުލަބަށް ލީގުގައި ވެސް އަދި ކިރްގިސްތާން ކަޕުގައި ވެސް އެންމެ އެދެވޭ ކާމިޔާބީއެއް ހޯދިފައެއްނުވެ އެވެ. އަލްގާ ބިޝްކެކް އިން އެންމެ ފަހުން ކިރްގިސްތާން ލީގުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ 2002 ވަނަ އަހަރުއެވެ. ކިރްގިސްތާންކަޕްގެ ޗެމްޕިއަންކަން އެންމެ ފަހުން އެ ޓީމުން ހޯދާފައި ވަނީ 2003 ވަނަ އަހަރު އެވެ. ކިރްގިސްތާން ކަޕްގައި އެޓީމަށް ލިބުނު އެންމެ ފަހުގެ ކާމިޔާބީ އަކީ 2012 ވަނަ އަހަރު އެ މުބާރާތުގެ ދެވަނަ ހޯދުމެވެ. އަދި ހަމަ އެ އަހަރު އެ ޓީމުންވަނީ ލީގު ދެ ވަނަ ހޯދައިފައެވެ. އަލްގާ ބިޝްކެކްގެ އެންމެ ރަންދުވަސްވަރުގެ ގޮތުގައި ފާހަގަވެފައި ވަނީ ނަވާރަސަތޭކައިގެ ކުރީކޮޅުގެ އަހަރުތަކެވެ.

މާދަމާގެ މެޗަކީ ޓީސީއަށް ފަސޭހަ މެޗަކަށް ނުވާނެއެވެ. އަދި ޓީސީ މިވަގުުތު އޮތް ފޯމުން ޓީސީ އަތުން އަލްގާ ބިޝްކެކްއަށް ދެމިގަތުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި ފުރަތަމަ މެޗުން ކޮރެއާގެ ޕޮޗެއޯން އަތުން އެޓީމު ބަލިވެފައި ވުމަކީވެސް ކުރިއަށް ދިޔުމަށްޓަކައި އެޓީމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ކޮންމެ ގޮތެއް ވިޔަސް މާދަމާގެ މެޗު ބަލައިލަން ހިތްގައިމުވާނެ އެވެ. ގައުމުން ބޭރުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުން ކުރިއަށް އޮތް މެޗުގައި ފެނުމަށް ވެސް ދިވެހި ސަޕޯޓަރުން އެދޭނެއެވެ.

comment ކޮމެންޓް