އީގަލްސްއިން މިސްރުގެ އިތުރު ޑިފެންޑަރެއް ގެނެސްފި

ކްލަބު އީގަލްސްއާ ގުޅުނު މިސްރު ޑިފެންޑަރު މަހުމޫދު ސައީދު(ކ)އާއި އެކްލަބުގެ ކޯޗު އިހުސާން އަބްދުލްޤަނީ(ވ) --- ފޮޓޯ/ އީގަލްސް

ކްލަބު އީގަލްސްއިން މިސްރުގެ އިތުރު ޑިފެންޑަރެއްގެ ސޮއި ހޯދައިފިއެވެ.

އީގަލްސްއިން މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ގެނައި ބިދޭސީ ޑިފެންޑަރަކީ މަހުމޫދު ސައީދެވެ. އެ ކްލަބުން ވަނީ މިދިޔަ ސީޒަނުގައި ކުޅުނު މިސްރު ޑިފެންޑަރު އެލްހުސިނީ މަހްމޫދު ވެސް ޓީމުގައި ބެހެއްޓުމަށް ނިންމައިފައެވެ.

އެންމެ ފަހުން އީގަލްސްއިން ގެނައި ޑިފެންޑަރު މަހްމޫދު ސައީދަކީ މިސްރުގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ވާދީ ޑެގްލާ އަދި ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ނަޖޫމް އަލް މުސްތަކްބަލްއަށް ކުޅެފައިވާ ޑިފެންޑަރެކެވެ.

މިދިޔަ ސީޒަނުން ފެށިގެން އީގަލްސްއަށް ކުޅެމުންދާ މިސްރު ޑިފެންޑަރު އަލްހުސިނީ މަހްމޫދު: މިސީޒަނުގައި އޭނާއާއެކު މިސްރުގެ މަހްމޫދު ސައީދު ވެސް އީގަލްސްގެ ޑިފެންސް ލައިނުން ފެނިގެންދާނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެލްހުސިނީ މަހުމޫދާއެކު މިދިޔަ ސީޒަނުގައި ވެސް މިސްރުގެ އިތުރު ކުޅުންތެރިއެއް އީގަލްސްއިން ފެނިގެންދިޔައެވެ. މިދިޔަ ސީޒަނުގައި މިސްރު ފޯވަޑް މުހައްމަދު ސެޑިކްގެ ފަރާތުން އެޓީމު ކުޅުނު ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މި ސީޒަނުގައި އީގަލްސްގެ އިތުރުން ޓީސީ ސްޕޯޓްސްއިން ވެސް މިސްރުގެ ކުޅުންތެރިއެއް ފެނިގެންދާނެއެވެ. އެއީ ޓީސީއަށް މިހާރު ކުޅެމުންދާ އީސާ އެލް މަގްރަބީއެވެ. އޭނާ ވަނީ ބަނގަލްދޭޝްގައި ކުރިއަށްދާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި އެގައުމުގެ ލީގު ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ޓީސީ މޮޅުވި މެޗުގެ ފުރަތަމަ 11އިން ފެނިފައެވެ.

މިސްރުގެ ދެ ޑިފެންޑަރުންގެ އިތުރުން މި ސީޒަނުގައި ބިދޭސީ ކުޅުންތެރިންގެ ގޮތުގައި އީގަލްސްއިން ފެނިގެންދާނީ ފާއިތުވެދިޔަ ދެ އަހަރުވެސް އެ ކްލަބަށް ކުޅުނު ސްރީލަންކާ ގޯލްކީޕަރު ސުޖަން ޕެރޭރާ އަދި ނެދަލެންޑްސް ފޯވަޑް ޑޮނަވަން ޑީކްމަންއެވެ.

comment ކޮމެންޓް