ބިދޭސީއަކު ނުކުޅެދޭ މީހަކަށް އަނިޔާކޮށް މާރާމާރީ ހިންގައިފި

ގއ. ކޮލަމާފުށި ---

ގއ. ކޮލަމާފުށީގައި ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު، އެރަށުގައި އުޅޭ ނުކުޅެދޭ މީހަކަށް އަނިޔާކޮށް މާރާމާރީ ހިންގައިފިއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން، މިހާދިސާގައި އަނިޔާވި އަލްހަމް ވަހީދުގެ މަންމަ ބުނީ އޭނާގެ، 23 އަހަރުގެ ދަރިފުޅަށް އެ ބިދޭސީ މީހާ އަބަދުވެސް ޖެއްސުންކޮށް އުނދަގޫކޮށް ހަދާ ކަމަށެވެ. އަލްހަމަކީ އެރަށު ފެނަކައިގައި ވަޒީފާ އަދާކުރާ މީހެއް ކަމަށާއި އޭނާއަށް ހަމަލާދީފައިވަނީ ވަޒީފާއަށް ދާން ދިޔަ މަގުމަތީގައި "ކޮލާ" އިން ކަމަށް އޭނާ ކިޔައިދިނެވެ.

"ކޮލާ އަށް ދަރިފުޅު ދިޔައީ އޮފީހަށް ދާން ވެގެން. އޭނަ އުޅެނީ ކޮލާ ގައި ހުންނަ ފެނަކައިގަ. މާފުށި އޮންނަނީ މާ ދުރުގަ. ހިނގާފަ ދާއިރު ކޮންމެ ދުވަހަކުވެސް އެ ބަންގާޅު މީހާ އޭނާ އަށް އުނދަގޫ ކުރޭ،" އަލްހަމްގެ މަންމަ ކިޔައިދިނެވެ.

ކޮލަމާފުއްޓަކީ އެއްކޮށް އޮތް ނަމަވެސް ދެ ރަށެވެ. އެއީ މާފުއްޓާއި ކޮލާ އެވެ. އެ ދެ ރަށް ގުޅުވާފައި އޮންނަ އިރު ކޮލާ އާއި މާފުށި އޮންނަނީ ވަރަށް ދުރު ހިސާބެއްގައެވެ.

ބިދޭސީ މީހާ ހަމަލާދީ ޒަޚަމްކޮށްލި އަލްހާމްގެ މަންމަ ކިޔައިދިން ގޮތުގައި އަލްހަމަކީ އޭނާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ.

"އެ ބިދޭސީ މީހާ އަކީ މިގޭ ކައިރީ ގެއެއްގަ އުޅޭ މީހެއް. އޭނަ ދާނެ ކޮލާގައި ހުންނަ އޮޑި ބަންނަ ހަރުގެއަކަށް ކާއެއްޗެހި ހިފައިގެން. ކޮންމެ ދުވަހަކުވެސް އެހިސާބުން އޭނަ އަލްހާމަށް ޖެއްސުން ކުރާނެ،" އަލްހަމް ގެ މަންމަ ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި އަލްހަމަށް ހަމަލާދީ ޒަޚަމްކޮށްލިތަން އެރަށު ކައުންސިލްގެ ނައިބު ރައީސަށް ފެނުނެވެ. އޭނާ އަށް ފެނުނު އިރު ބަންގްލަދޭޝް މީހާ ހުރީ ގާ ބުރިއެއް ނަގައި، އަލްހަމް ގައިގައި ޖަހަން އަތް މަޅައިގެންނެވެ. އަލްހަމަށް އޭނާ ދެމުން ދިޔަ ހަމަލާތައް ހުއްޓީ އެހިސާބުންނެވެ.

މާރާމާރީއާ ގުޅިގެން ކޮލަމާފުށީ ސިއްހީ މަރުކަޒުގައި އަލްހަމަށް ފަރުވާ ދިނުމަށްފަހު އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އަދި އެއާއެކު އެ ބިދޭސީ މީހާ ހައްޔަރުކޮށް ވިލިގިލީ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށާއި، ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ. މިއަދު ހަވީރުގެ ވަގުތެއްގައި އެ ބިދޭސީ މީހާ ވަނީ އެނބުރި ކޮލަމާފުއްޓަށް ގޮސްފައެވެ.

މި ހާދިސާ އާ ގުޅިގެން ފުލުހުންގެ ވެސް އަދި އެރަށު ކައުންސިލްގެ ކޮމެންޓެއްވެސް ލިބޭ ގޮތް އަދި ނުވެއެވެ.

comment ކޮމެންޓް