12 ފެބުރުއަރީގެ އެޕިސޯޑާ ގުޅޭ)

މައިކަލްގެ ލަދުކުޑަކަން ފެނިފައި ހުއްޓުން އަރާފައި ބަލަން ހުރި މީހާގެ ދެލޯ ރަތްވެ އަނގުރުކޮޅަކަށް ވިއެވެ. އެގޮތަށް ހެނާގެ ގަޔަށް އަތްލުމުގެ ހިތްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ ފަހަތުން އައިގޮތަށް އޭނަ މައިކަލްގެ ގިރުވާނުގައި ހިފައި ދަމައިގެންފައި މޫނަށް އެތިފަހަރެއް ވީއްލައިލަން އުޅުނު ވަގުތު މައިކަލް އެނބުރިލާފައި އެމީހެއްގެ އަތުގައި ހިފަހައްޓަމުން އެމީހާއާ ހަތަރުކަޅި ހަމަކޮށްލައިފިއެވެ.

"ކަލޭގެ ތި ހިތްވަރު. ކަލޭ ދުވަހަކު ހިތުން ނުފިލާވަރުގެ ލަނޑެއް ދީފަ އަހަރެން ހުއްޓާލާނީ...." އާތިފުގެ ދެލޮލުން ފެނުނީ ނުރައްކާތެރި ވިދުވަރެކެވެ. ހެނާ އޭނާގެ ސްކާފް އިސްތަށިގަނޑަށް މަހައިލަމުން އަވަހަށް އެތެރެއަށް ވަންއިރު އޭނާގެ ހިތް ތެޅެމުން ދިޔައީ ބާރަށެވެ. އޭނާގެ ސަބަބުން ބައްޕަ އާއި މައިކަލްގެ ކުރިމަތިލުމެއް ހިޏގާކަށް މަންމަވެސް ނުރުހޭނެއެވެ. އެންމެ ދެރަވީ އެކަމާއެވެ. މައިކަލް ކިތަންމެ ނުބަޔަސް މަންމަގެ ދައްތަގެ ހުރި އެކަނި ނިޝާންކަމުން ޚާއްސަގޮތެއް ބަހައްޓައެވެ. އެހެންވިޔަސް މިފަހަކަށް އައިސް މަންމަ މައިކަލް އަންނަންވާއިރަށް މާ ހެދިގެން ހުރުމާއި އެ އުމުރުގައިވެސް މޭކަޕް ކުރާތީ މަންމަގެ ނިޔަތާ މެދުވެސް ބައެއްފަހަރު ހެނާ ހައިރާންވެއެވެ. ހިތުގައި އެފަދަ ޝައްކުތަކެއް ހިނގައިގެންވެސް ނުވާނެއެވެ. މައިކަލް އަކީ މަންމަގެ ބޮޑުދައިތަގެ ދަރިއެކެވެ. ހެނާ އަމިއްލަ ނަފުސަށް އަޑުލިއެވެ.

ވީވެސް ހެނާ ހީކުރިގޮތަށެވެ. މައިކަލް އެގެއަށް ނުވަންނަން އަމުރުކުރި ސަބަބު އެނގުމުން މަންމަ އައިސް ރޮއިފައި ހަޅޭއްލެވީ ހެނާއަށެވެ. ހެނާގެ ސަބަބުން އޭނަގެ ހުރި އެންމެ ކޮއްކޮއާ ގުޅުން ކެނޑުނީ ކަމުގައި ބުނީ ވަރަށް ބޮޑަށް މޫނު ބަނަކޮށްލައިގެން އިނދެއެވެ. ނުވީތާކަށް އޭނަގެ ބައްޕައާ ވެސް މަންމަގެ ދެމެދުގައި ހޫނު ޒުވާބެއް ހިނގިއެވެ. ހެނާ ދެރަވިއެވެ. އަމިއްލަ ނަފުސް ކުށްވެރި ކުރިއެވެ. އޭނަގެ ސަބަބުން އެންމެންގެ މެދުގައި ބޮޑު މައްސަލަތަކެއް ޖެހި އުފާވެރިކަންވަނީ ގެއްލިފައެވެ. މިއޮތްހާ ދުވަހު އުފާވެރި އާއިލާއެއްގެ ގޮތުގައި އެކީގައި އުޅެވިދާނެކަމުގައި އޭނަ ހީކުރިއެވެ. މަންމަ އާއި ބައްޕަ އަދި ކޮއްކޮ އާޒް އާއި ހަތަރުމީހުން އެކީގައި ކައި ބޮއި އެއްތާކު ވާހަކަދައްކާ އަނގަތަޅާލަން ތިބޭއިރު އެހެން ކަހަލަ އުފާތަކެއް އިހުސާސްކުރެވުނެވެ. އެތައް ދުވަހަކަށް ފަހު އާއިލީ ހިތްހަމަޖެހުން ލިބެންފެށިއެވެ. އެހެން މީހުންގެ ލޯބިވެސް ހާސިލުކުރެވުނެވެ. ނަމަވެސް އެއީ ވަގުތީ އުފަލެކެވެ. ސައިބޯނި ބޮއްކެއް ފަދައިން ރީތި ކަން އިރުކޮޅަކަށް ދެމިހުރުމަށްފަހު އެއްކޮށް ދިޔައީއެވެ. މިވީ ކިހިނެއްހެއްޔެވެ؟ ހެނާ ކުޑަދޮރުކައިރީގައި ބޭރަށް ބަލަން ހުރީ މޮޅިވެރިވެފައެވެ.

އަމީރާއަށް ހޭލެވުނީ ވަރަށް ބިރުވެރި އިހުސާސްތަކަކާ އެކުގައެވެ. ގައިމަތީގައި ބަރު އެއްޗެއް އޮތްހެން ހީވިއިރު މޭމައްޗަށް ކެތް ނުކުރެވޭވަރަށް ތަދުވެއެވެ. އަޑުގަދަކަމުން ކަންފަތަށް ތަދުވެއެވެ. އެއިވެނީ ކޮން އަޑުފަށްގަނޑެއް ހެއްޔެވެ؟ މަޑުމަޑުންގޮސް ލޯ ހުޅުވައިލުމުން ގައިމަތީގައި އޮތް ކުޑަ މަޚުލޫގު އުދުއްސައިގަތެވެ. ފިޔަގަނޑު ކުޑަކޮށް ދިއްލުނެވެ. އެކުއްޖާގެ ފިޔަގަނޑެއް ވެސް އެބަހުއްޓެވެ. އަމީރާ ވަށައިގެން ހޯދައިލީ ބިރުވެރިކަމުން ފުރިފައިވާ ދެލޮލަކުންނެވެ. އޭނައަށް އޮވެވުނީ ފޭލިގެއެއްކަހަލަ ތަނެއްގައެވެ. މަޑުތަންމައްޗެއްގައެވެ. ކުޑަކޮށް ފޮތިގަނޑު ދޭތެރެއިން ބަލައިލައިފައި އެކުއްޖާ ނާމާން ގޮތަކަށް ހީނލަމުން "މަންމާ" އޭވެސް ގޮވައިލިއެވެ. އަމީރާގެ ގައިގައި ވާހައި ލޯލިތައް ހުރީ ކޮޅަށެވެ. އޭނައަށް މަންމަ ކިޔައިގެން ނުވާނެއޭ ކިޔާ ހިތާހިތުން ހަޅޭއްލެވިޔަސް އަނގައިން އެންމެ ލަފުޒެއްވެސް ނުނިކުތެވެ. އޭނަ އެއޮތް ކުޑަކުއްޖާދެކެވެސް ބިރުގެންފިއެވެ. އެފަދަ ކުއްޖަކު ކޮންމެފަދަ ނުބައިކަމެއްވެސް ކޮށްފާނެއެވެ. އަމީރާ ކަންތައްތައް ހަނދާންވާންފެށިއެވެ. ލޫސިއާން އޭނަގެންގޮސް ކަނޑަށް އެއްލާލުމުން މަރުވެގެން މިއައީ ކަށްވަޅަށްބާވައެވެ.

އޭނަ މިކުރަނީ ކޮންކަހަލަ ޚިޔާލެއްހެއްޔެވެ؟ މިއީ ކަށްވަޅެއްނޫނެވެ. އޭނަ މިއޮތީ ހޭލައެވެ. ފުންމައިގެން އިށީދެފައި ހަށިގަނޑަށް ވިސްނައިލިއިރު ލައިގެން މިއޮތީ ހިކި ހެދުމެކެވެ. އޭނަ ތެތްހެދުން ބޭލުވީ ކާކުބާވައެވެ. އެކުޑަކުއްޖާ ކިރު ބޯންވެގެން އޭނަގެ ގަމީސް އޮތީ އިރާލާފައެވެ. އަމީރާ އެތާއޮތް ރަޖާ ގައިގައި އޮޅާލައިގެން ހަށިގަނޑު ފޮރުވިއެވެ. އޭނަ ކެއްސަންފެށިއެވެ. ކޮންމެވެސް ވަރަކަށް ނޭވާލާން އުނދަގޫވެފައިވިއެވެ.

"ސުބުހާނަﷲ. އެއީ ކޮންކަހަލަ އެއްޗެއް؟ ވާހަކަތަކުންނާއި ފިލްމުތަކުންވެސް މީހުންނަށް ޖިންނި އަދި އޭލިއަން ކުދިންވެސް ލިބޭ. އެކަމަކު މިކަހަލަ ނުލަފާ އެއްޗެއް ނުދެކެން. އެކުއްޖާ އެއުޅެނީ އަހަރެން މަރާލަން ނޫންކަމެއްވެސް ނޭނގޭ. ލޫސިއާންގެ އަސްލު ސިފަވެސް އެހާ ހުތުރީބާ. ރީތި ސިފައެއް ޖެހިގެން ޖިންނީންނަށް އުޅެވިދާނެ. އެހެންވިޔަސް ލޫސިއާންދެކެ ވާ ލޯތްބަކަށް ދެން ބަދަލެއްވެސް ނާންނާނެ. ނަމަވެސް ދަރިފުޅުދެކެ އެއްވެސް ލޯތްބެއް ނުވެވުނު. ބިރުގަންނަނީ. ކޮބާތަ ލޫސިއާން. އަހަރެން ސަލާމަތްކޮށްދިން މީހެއްވެސް ނޭނގޭ، އަދި މިއޮވެވެނީ ކޮންތާކު ކަމެއްވެސް ނޭނގޭ. މިއިވެނީ ކޮން އަޑުތަކެއްބާ. މިއުޒިކް ކުޅެނީ ކާކު؟ ހާދަ ބާރަކަށޭ. ކުޑަކޮށް އަލިވެފައި ހޫނުވެސް އެބަވޭ....." އަމީރާ ތެދުވެގެންގޮސް ފޭލިގޭގެ ފޮތިގަނޑު ކަހާލިއިރު ފޭލިގެއާ ދިމާލުން އެއްފަރާތުގައި ބޮޑު އަލިފާންގަނޑެއް އަންދާފައި ހުރިތަން ފެނުނެވެ. ކުޑަތަންކޮޅަކަށް ހިނގާލުމާ އެކު މެޔަށް ނުބައި ގޮތެއްވިއެވެ. މިހުރެވުނީ ޖިންނީން ކޮންސަޓެއް ބާއްވައިގެން އުޅޭ ރަށެއްގައެވެ. އެތައް ޖިންނީންނެއް ނެށުމުގެ ފޯރީގައި ތިބިއިރު ބައެއްމީހުންގެ އުނުގައި ފޮތިކޮޅެއްވެސް ނެތެވެ. ޝައިތާނުން އުޅޭނީ އެވައްތަރަށްތާއެވެ.

ގަހުގެ ފުރަގަހުގައި ހުރެފައި އަމީރާ ދުވަމުންގޮސް ފޭލިގެއާ ހަމަޔަށް ފޯރިއިރު އިނީ ބިރުންގޮސް ހަލާކުވޭވޭއެވެ. އޭނަގެ ފޯނުވެސް އޮތްނަމައެވެ. ގުޅާނީވެސް ކާކަށް ހެއްޔެވެ؟ މުރަނަފަތްތަކުގެ މަތިން މީހަކު ހިނގާލާކަހަލަ އަޑެއް އިވުމުން އަމީރާ ގަތީ އަމަށަކު ބިރެއްނޫނެވެ. އަނގައިގައި އެންމެ ކުޅުތިއްކެއްވެސް ނެތި އެއްކޮށް ހިކުނެވެ. އެތައް ޖިންނީންނެއް އުޅޭ ތަނަކަށް އޭނަ ގެނެސް އެއުޅެނީ ކީއްކުރަންބާވައެވެ. އޭނަ ސަލާމަތްކުރީވެސް ޖިންނިއެއް ހެއްޔެވެ؟ ކުއްލިއަކަށް އަމީރާގެ ކުރިމަތިން ލޫސިއާން ފާޅުވުމުން ސިހުނެވެ. ލޫސިއާންގެ އަތުގައި އޮތީ ނިކަން ރީތިކޮށް ފިހެލާފައި ހުރި ޒުވާރިތަކެވެ. ޒުވާރި ފަތެއްގައި އޮޅާލައިގެން ގެނެސް ދިއްކޮށްލުމުން އަމީރާ ނުހިފަން އިނދެފައިވެސް އަތުލިއެވެ. ލޫސިއާން ރުޅިއަރުވާލައިގެން މިހާރަކު ކަމަކުނުދާނެއެވެ. ލޫސިއާން އަމީރާގެ ކައިރީގައި އިށީދެލާފައި ގަޔާ ކައިރިކޮށްލިއެވެ.

"އައިމްސޮރީ ބޭބީ. އަހަރެން އެކުރީ ގޯސްކަމެއް. އެވަރަށް ބިރުގަންނަވާކަށް ނުވެސް ވާނެ. ކަނޑަށް ވައްޓާލީ ބިރުގަންނަވަން. ވީކްކަމުން ކިރިޔާ މަރުވެސްނުވީ. ބައްޕަމެން މިރޭ މިތާ ޕާޓީއެއްވެސް ބާއްވަނީ. އަދި ކެއުން ނުވެސް ފެށޭ. އެކަމަކު މީރާންމެން ޒުވާރި ފިހެންފެށީމަ އެމީއަށް މީރުވާނެކަން އެނގޭތީ މިގެނައީ. އާރ ޔޫ އޯކޭ ނައު؟ " ލޫސިއާން އަހައިލިއިރު އެއަޑުގައި އޯގާތެރިކަންވިއެވެ. ބައިޕޯލާ ނޫނީ ސޭޑިސްޓިކް ޖިންނިއަކީހެއްޔެވެ؟ އަމީރާ ކިތަންމެ ރުޅިގަދަވިޔަސް އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ. ވާހަކަދައްކާހިތެއް އަމުދަކުން ނުވިއެވެ.

"އެމީ. އަހަރެން މިވާހަކަ ދައްކަނީ މިހިރަ ގަހަކާނޫން...." ފައިން ފޮތިގަނޑުގައި ޖެހުމާއިއެކު ލޫސިއާން ތަންކޮޅެއް ބާރަށް ބުނެލުމުން އަމީރާގެ ހިތަށް ބިރުވެރިކަން ވަނެވެ.

"ކޮން ވާހަކައެއް ދައްކަންވީ..." އަމީރާ އަހާލިއެވެ.

"ހިނގާ ނަށަން ދާން...." ލޫސިއާން އެދުނެވެ.

"ނުދަންނަން ނަށާކަށް....." އަމީރާ ދެކޮޅުހެދިއެވެ.

"އަހަރެން ދަސްކޮށްދީފާނަން..." ލޫސިއާންގެ ހުދު ދަތްތަކުގެ ދޭތެރޭގައި ކުދިކުދިވަމުން ދިޔަ ޒުވާރިތަކަށް ބަލަންއިންއިރު ލޫސިއާންގެ ރީތިކަމާއި ދަރިފުޅުގެ ހުތުރުކަމާއިމެދު ވިސްނުނެވެ.

"ހެހެ....." ލޫސިއާން ހިނގަނޑެއްޖަހާލާފައި އަމީރާގެ އަތުގައި ހިފައި ކޮޅަށްނެގިއެވެ. އަމީރާއަށް ދެކޮޅުހަދާނެ ފުރުސަތެއް ލިބޭނީ ކިހިނެއްހެއްޔެވެ؟ އޭނަ ބޭނުންވާގޮތަށް ދިރިއުޅުމުގެ އެހާ ކުޑަ ކަމެއްވެސް ނިންމޭކަށް ނެތެވެ. އޭނަގެ ހަޔާތުގެ ނައު ދޫކޮށްލާފައިވަނީ ލޫސިއާންގެ އަތްމައްޗަށެވެ. ލޫސިއާންއަކީ ވެރިމީހާއެވެ. ދިރިއުޅުމުގެ ހުރިހާ ގޮތްތަކެއް ނިންމުމުގެ ބާރު އޮތީ އޭނަގެ އަތްމަތީގައެވެ. މިއީ އަމީރާ ފަދަ މިނިވަންކޮށް އުޅުނު ކުއްޖަކަށް އުފުލަން ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް މިއަދު ހަތަރުފަރާތުން މަޖުބޫރީ ކަމުގެ ފާރު އޭނަ ވަށާލާފައިވިއެވެ. ލޫސިއާން އަމީރާ އުރާލައިގެން ކަހަލަ ގޮތަކަށްގޮސް ޖިންނީންގެ ތެރެއަށް ވަދެގަތުމުން ގަތްބިރުން ލޫސިއާންއާ ވީހާވެސް ކައިރިވުން ނޫންކަމެއް އަމީރާއަކަށް ނުކުރެވުނެވެ. މިހާ ކައިރިން ތަފާތު ވައްތަރުގެ މަޚުލޫގުން ފެންނާން ފެށުމުން އަމީރާގެ ސިކުނޑިއަށް އެކަން ބަލައިގަތުން ކުޅަދާނައެއް ވެސް ނުވިއެވެ. ބިރުންގޮސް އޭނަ ރޫރޫއަޅަމުންދިޔައީ ބައެއް ޝައިތާނުންގެ ހުތުރު ބިރުވެރި ސިފަތައް ފެނިފައެވެ. ނަމަވެސް އިންސާނުންގެ ތެރެއިން ނުފެންނަ ފުރިހަމަ ރީތި މީހުންނާއި ޕަރީންތައްވެސް ފެނުނެވެ.

ފަޖުރުލުމާއި ކައިރިވާންދެން އެ ޕާޓީ ދެމިއޮތެވެ. އެއަށްފަހު މާހައުލު އަމާންވުމުން ލޫސިއާން އަމީރާ ގޮވައިގެން އޭނަ އޮތް ފޭލިގެއަށް ގެންދިޔައިރުވެސް އަދި ބިންމަތި އައްޔެއްނުވެއެވެ. ފަޖުރުގެ ތަރި އުޑުމަތީގައި ދިއްލިފާ ހުރިތަން ފެނުނެވެ. ލޫސިއާން އަމީރާގެ ކައިރިން މާފަށް އެދުނެވެ. އޭނައަށް ވާގޮތެއް ޚުދު އޭނައަށް ނޭނގޭ ކަމަށާއި ރޭގަނޑަށް ކޮންމެވެސް ކަހަލަ ބާރަކުން އޭނަގެ ހަށިގަނޑު ހިސާރަކޮށް އަމީރާއަށް ގެއްލުންދޭން އުޅެވެނީ ކަމުގައި ބުނިއިރު ދެރަވެފައިވާވަރު ފެނުމުން އަމީރާއަށްވެސް އަސަރުކުރިއެވެ. ލޯބިވެރިޔާއަށް މާފުދިނުމަކީ އެއްވެސް އަންހެންކުއްޖަކަށް އެހާ އުނދަގޫކަމަކަށް ނުވެ ހިނގައިދާނެއެވެ. އަމީރާއަށް ޖެހުނީ ލޫސިއާންގެ އުޒުރު ގަބޫލުކޮށް މާފު ދޭށެވެ. ލޫސިއާން ވައުދުވީ އެފަދަ ކަމެއް ތަކުރާރު ނުވާނެކަމުގައެވެ.

އަމީރާ އޮފީހުގައި އިނީ މަސައްކަތުގައި ވަރަށް ގަޔާވެ މަޝްޣޫލުވެގެންނެވެ. މިފަހަކަށް އައިސް އެންމެ ސަލާމަތްކަން ލިބިފައިވާތަނެއްގެ ގޮތުގައިވެސް ފެންނަނީ އޭނަގެ އޮފީހެވެ. ރަސްމީގަޑި ނިންމާލާފައި އެންމެން ދިޔައިރުވެސް އޭނަ މަސައްކަތް ނުނިމޭތީ އިނީ އެތާގައެވެ. ބާރު ގުގުރިއެއްގެ އަޑާއެކު ވިއްސާރަވާން އުޅޭކަމުގެ ސިގްނަލް ލިބުމުން ދޮރުގެ ބްލައިންޑްސްތައް ކަހާލާފައި ބޭރަށް ބަލައިލިއިރު އުޑުމަތިވަނީ އަޅިވިލާތަކުގެ ޗާދަރެއް އޮޅާލާފައެވެ. މޫދުގެ ރާޅުތައް ހަލަބޮލިވެފައި ކަނޑުގަދަވާނެ ވަރު އަންދާޒާކުރެވުނެވެ.

"މިހާ ވިއްސާރައިރުވެސް އެކަނިތަ؟ " ކުއްލިއަކަށް ރަފައެލްގެ އަޑު އިވުމުން އަމީރާ އެނބުރިފާ ބަލައިލިއެވެ. ރަފައެލް އަތްދިގު ކަޅުކުލައިގެ ގަމީހަކާއި ފަޓުލޫނެއްގައި ހުރިއިރު ވަރަށް ސްމާޓެވެ. އޭނަގެ އަތުގައި ކަޅުކޮފީއެއް ހުއްޓެވެ. މިފަދަ މޫސުމެއްގައި ބޯލަން އެންމެ ބޭނުންވާ އެކައްޗެވެ. އެރީތި މޫނުމަތިން އެވަގުތުވެސް ފެންނަނީ އޯގާތެރިކަމެވެ.

"އަދި މި އާޓިކަލް އެއްކޮށް ނިންމާފަ ގެއަށް ދާންކަމަށް..." އަމީރާ އައިސް ގޮނޑީގައި ހަމަޖެހިލިއެވެ. ރަފައެލްގެ ނަޒަރު އޭނަގެ މޫނަށް ހުއްޓިފައިވާކަން އިހުސާސްކުރެވުމުން އަމީރާ ކަންބޮޑުވިއެވެ. ރަފައެލް އަދިވެސް އެކަންތައް ހުއްޓާލަން ނުވަނީހެއްޔެވެ؟ ނޫނީ އޭނައަށް ކުރެވޭ ކުށްހީއެއް ހެއްޔެވެ؟

"ކޮންކަމަކާ ބެހޭގޮތުން...." ރަފައެލް ކޮފީތަށިން ކޯވަރެއް ބޯލިއެވެ.

"ޑިވޯސްރޭޓް މަތިކަމުން އެކަމާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރުކޮށްލީ. ކުޑަކޮށް ތަފާތުކޮށްލަންވެގެން މިފަހަރު އެހެން ކަހަލަ ދިމާލަކަށް މިދިޔައީ. އެކަމަކު ރަފައެލް އަދިވެސް ގެއަށް ނުގޮސް ހުރީ ކީއްވެ؟ " އަމީރާ ސުވާލުކުރިއެވެ.

"އެމީ އެކަނިކޮށްލާފަ ދާކަށް ބޭނުމެއްނުވި...." ރަފައެލް މޭޒުމަތީގައި ކުޑަގޮތަކަށް އިށީނެވެ. ނަމަވެސް އޭނަ އިނީ ކުޑަދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަމީރާ އިސްއުފުލާފައި ބަލައިލިއެވެ. ރަފައެލްއާ މިގޮތަށް ދިމާވުމުން އޭނަ ސުވާލެއްކޮށްލަން ބޭނުންވިއެވެ. ރަފައެލް ނަފްސާނީ ޑޮކްޓަރަކަށްވާ ހިނދު ލަފާ ހޯދުމަކީ ގޯހެއްވެސް ނޫނެވެ. ކޮންމެފަދަ ގޮތަކަށް ބެލިކަމުގައިވިޔަސް ރަފައެލްއާ އޭނައާ ދޭތެރޭގައި މިހާރުމިވަނީ ގާތްގުޅުމެއް އުފެދިފައެވެ. ޅިޔަނުގެ އިތުރުން ނަފްސާނީ ޑޮކްޓަރުވެސް މެއެވެ.

"ތެންކްސް. ރަފައެލް. އެއްޗެއް އަހާލަންތަ؟ " އަމީރާ ދިގު ނޭވައެއްލިއެވެ.

"އަހާބަލަ...." ރަފައެލް ބުމަ އަރުވައިލިއެވެ. އެތޫނު ދެލޮލަށް ބަލައިލުމުން މައިކަލްގެ މަތިން ހަނދާންވާގޮތްވެސްވިއެވެ. ހަމަ އެކުލައިގެ ރީތި ދެލޮލެވެ.

"އަހަރެންގެ ދަރިފުޅާއި ބެހޭގޮތުން. ލޫސިއާން ބުނާގޮތުން އެއީ ހެލުސިނޭޝަނެއް. އަހަރެމެންގެ ބޭބީއަކަށް އެގޮތަށް ފުންމަފުންމާފައެއް ނޫޅެވޭނެއޯ. ހީޒް ސިކް އެހެންވެ ކާފަމެންގެ ރަށަށް ގެންގޮސްގެން ބޭސްކުރުވަނީޔޯ. އެކަމަކު ކުޑަ ބަބުރެއްކަހަލަ ކަޅު މަޚުލޫގެއް އަބަދު އުނދަގޫކުރަނީ. ފީޑްކުރަން މަޖުބޫރުކުރަނީ. އެހެންވެ...އައި މީން....އިޓްސް ލައިކް އެ ޓޯޗާ. ނިދާފައި އޮތްވާވެސް ހޭލެވެނީ އެކުއްޖާ ހެދުން ދަމައިގެން އުޅެގަތުމުން. ރަފައެލްއަށް އެކުއްޖާ އެގޭތެރެއިން ފެނޭތަ. ޕްލީޒް އައި ވޯންޓް ޓު ނޯ ދަ ޓްރުތް......" އަމީރާގެ ދެލޯ ފެންކަޅިވާގޮތްވިއެވެ.

"ކީއްވެ ލުސިއާން ދޮގުހަދަންވީ؟ " ރަފައެލްގެ މޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނެވެ.

"ނޭނގޭ. ރަފައެލްއަށް އެނގެންޏާ ބުނެދީފާނަންތަ؟ " އަމީރާ އަހައިލިއެވެ.

"ހޫމް. އަހަންނަށްވެސް ލެންގެ ދަރިފުޅު ފެނޭ. ވަރަށް އުނދަގޫވެސް ކުރޭ. އައި މީން ހީޒް ވެރީ ހައިޕާ އެންޑް އެހެން ކުދިންނާ ވަރަށް ތަފާތު. ސަބަބަކީ......." ރަފައެލް ކޮފީ މަގުގައި އަތްތިލަ ވަށާލައިގެން އިނދެލާފައި މަޑުމަޑުން ތުންފަތުގައި ދަތްއެޅިއެވެ. ރަފައެލް ބުނެފާނެ އެއްޗަކާ މެދު ބިރުންގޮސް އަމީރާއަށް އެވަގުތު ކުޑަ މެދުކެނޑުމެއް ބޭނުންވިއެވެ. ކޮފީއަކާ ނުލައި އަޑުއަހަންވެއްޖެއްޔާ އޭނަގެ ސިކުނޑި ގަބުވެދާނެއެވެ.

"ވަން މިނިޓް. ބޭނުން ކޮފީއެއް......" އަމީރާ ކުއްލިއަކަށް އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ.

އޮފީހުގެ ކާބަޔަށްގޮސް ކޮފީ މެޝިނުން ކޮފީއެއް އަޅަން ހުރިއިރު މިކުރެވުނީ ރަނގަޅުކަމެއްބާވައޭ ހިތަށް އެރިއެވެ. ރަފައެލްއާ މި މައުޟޫއަށް ވާހަކަދެއްކިކަން އެނގިއްޖެއްޔާ ލޫސިއާން އޭނަދެކެ ހައްތަހާ ރުޅިއަންނާނީއެވެ. އަދި މިހާ ވިއްސާރަ ދުވަހެއްގައި ކޮފީ ބޯން އިންކަން އެނގުނަސް ލޫސިއާން އެހެންގޮތަކަށް ދެކެގެން އޭނައަށް އަނިޔާކުރާކަށް ފަހެއް ނުޖެހޭނެއެވެ. ނަމަވެސް އެކުޑަ ކުއްޖާގެ ސަބަބުން އޭނަގެ ސިކުނޑީގައި އުފެދެމުންދާ ހަލަބޮލިކަން ނަފްސާނީ މައްސަލައަކަށް ވެއްޖެއެވެ. ބައެއްފަހަރު އޭނަގެ ސިކުނޑިއަށް ފެންނަގޮތްބާވައޭ ވެސް ހިތަށް އަރައެވެ. ޖިންނި ދުނިޔެއެއްގައި އުޅެންޏާ ލޮލަށް ނުފެންނާނީ ކޯންޗެއްހެއްޔެވެ؟ އުއްމީދުނުކުރާންވީ ކޮންކަމަކަށްހެއްޔެވެ؟ ދުވަހަކު ހިތަށްނާރާ ކަންތައްތައްވެސް ލޮލަށް ފެންނަނީއެވެ. އޭނަގެ ފިރިމީހާ ކަނޑުމަތީގައި ހިނގާ ވާހަކަ ބުނެފިއްޔާ އެވާހަކަ އިންސާނަކު ގަބޫލެއް ނުކުރާނެއެވެ. އޭނަ އަކީ ވަލީވެރިޔެއްހެއްޔޭވެސް އަހާނެއެވެ. އިންސާނެއްގެ އެއްފަޅި ހުރި ކުއްޖަކު ހުރެދާނެކަމަށް ދެކޭނީ ކާކުހެއްޔެވެ. ނަމަވެސް ރަފައެލްވެސް އެކަން ޔަގީންކޮށްދީފިއެވެ. އޭނައަށް ލިބިފައިވާ ޖިންނި ދަރިފުޅުގެ ސިފަ ހުތުރުކަމާއި އެއްވަރަށް ނުލަފާކަންވެސް ޔަގީންވެއްޖެއެވެ. ރަފައެލް ބުނަން އުޅުނީ ލޫސިއާންގެ ސިފަވެސް ހުންނަނީ އެގޮތަށޭ ކަންނޭނގެއެވެ. މާތްކަލާކޯއެވެ. އޭނަގެ ދިރިއުޅުންވެސް ފިލްމެކޭ ތަފާތެއްނެތެވެ. ބިއުޓީ އެންޑް ބީސްޓްފަދައިންނެވެ.

އާއްމުކޮށް އިރުއޮއްސޭގަޑީގައި ލޫސިއާން ގެއަށް އަންނާނެއެވެ. ރަނގަޅުގޮތަކީ ލަސްނުކޮށް ގެއަށް ދިޔުމެވެ. އަމީރާ ކޮފީތަށި ހިފައިގެންގޮސް ކޮންފެރެންސް ރޫމަށްވަދެ ކުޑަދޮރު ހުޅުވާލައިގެން ބޭރަށް ބަލައިލިއިރު ރަތްވިލާތަކުގެ ސަބަބުން އުޑުމަތި ހުޅުދާންކޮށްލާފައިވާ ކަހަލައެވެ. އެމަންޒަރު ރީތިކަމުން ބަލަން ހުރެވުނެވެ.

ކުއްލިއަކަށް ފަހަތުން މީހަކު ބައްދާލުމާ އެކު އެހޫނު ނޭވާތައް މޫނަށް އެޅުނުއިރު ކޮފީގެ މީރުވަސް ހިފާލާފައިވިއެވެ.

"ކާކު؟ "އަމީރާގެ ހިތް ބާރުބާރަށް ތެޅިގަތެވެ.

"އަހަރެން...." ރަފައެލްގެ ބަރު އަޑުއިވުނީ ކަންފަތް ކައިރިންނެވެ. ރަފައެލް ކަންފަތުގައި ބީހިލަމުން ދެން ބުނެލި އެއްޗަކުން އަމީރާ ބިރުންގޮސް މޭގަނޑަށްފިނިވިއެވެ. ރަފައެލްގެ ހިތް މިހާ ނުބައިވީ ކީއްވެހެއްޔެވެ؟ ތިމާގެ ކޮއްކޮގެ އަންހެނުންކަން އެނގޭއިރުވެސް މިހާ މާތް މީހަކުވެސް ލަދެއް ހަޔާތެއްވެސް ނެތި އެބުނި އެއްޗެއް ނިކަން ބަލާށެވެ. އަމީރާ ރަފައެލްގެ އަތް ނައްޓުވާލަން އުޅުނަސް އެކަތައެކޭ އެއަތް އެއްވެސް ތަފާތެއްނެތެވެ. އެހާ ބާރު ހުއްޓެވެ. އަންހެންކުދިންގެ ނިކަމެތިކަމުން ފައިދާ ނަގަން އުޅޭނީ މިކަހަލަ ކަޑަ ފިރިހެނުންނެވެ.

"ބުނެފީމެއްނު ދޫކޮށްލާށޭ...." އަމީރާ ކަންބޮޑުވެފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ކޮންދުވަހެއް މިކަހަލަ ފުރުސަތަކަށް ބަލަބަލާ ހުންނަތާ މަގޭ ފުރާނަޔާ. އަހަރެންގެ ކޮއްކޮގެ އެއްޗެއް އަހަރެން ބޭނުންކުރިޔަސް މައްސަލައަކީ ކޮބާ. އަހަރެންވެސް ބޭނުމޭ. ލޫސިއާންގެ މައްސަލައެއް ނޯންނާނެކަން ޔަގީންވާތީ ކައިރި މިވީ........." ރަފައެލް ވާހަކަދައްކަމުން ދިޔައިރު އެތަނަށް އަނދިރިކަން ވެރިވަމުން އައިސް އެއްކޮށް އަނދިރިވެއްޖެއެވެ. ކަޅު ސާލެއް އޮޅާލެވުނުފަދައެވެ. ރަފައެލް ފަދަ ވަރުގަދަ ފިރިހެނެއްގެ އަތްދަށުން ސަލާމަތްވެވޭނެ ފަދަ ބާރެއް ނުލިބުނުތާގައި އުކުޅަކުންވެސް ފައިދާއެއް ނުކުރިއެވެ. އެ އެކަނިވެރި ކޮންފަރެންސް ހޯލުގައި ރަފައެލް ހިތްފުރޭވަރުވުމަށްފަހު އެތަނުން ނުކުމެގެންދާން ހިނގައިގަތުމުން އަމީރާ އޮތީ ތެދުވާނެ ހިތްވަރެއްވެސް ނުލިބިފައެވެ. ފިނިވެފައިފާ ކޮފީތަށި އެހުރިގޮތަށް އެދިގު މޭޒުމަތީގައި ހުއްޓެވެ. އެސްފިޔަތަކުގެ ފުރަގަހުގައި ފިލާ ހުރި ކަރުނަތައްވެސް ހުރީ އޭނައެކޭ އެއްފަދައިން ގަނޑުވެފައެވެ. ލޫސިއާންއާއި ރަފައެލްގެ ކުޅޭ އެއްޗަކަށް އޭނަ ހަދައިފިކަން ޔަގީންވުމުން ކޮޓެޖްދެކެވީ އަމަށަކު ފޫއްސެއްނޫނެވެ. އެންމެ މާތް ރަނގަޅުމީހާ ކަމުގައި ހީކުރެވުނު ރަފައެލްވެސް މިވީ އަންހެނަކު ނުފެނިފައި ހުރި އައްޔާޝީ މީހަކަށެވެ.

އަމީރާ ފާޚާނާއަށް ވަދެފައި ކުޑަކޮށް މޫނު ދޮވެލައި ހަދައިލައިގެން ނުކުތްއިރު ކޮންމެވެސް ވަރަކަށް ވާރޭވެހެން ފަށައިފިއެވެ. ތެމުނަސް ހެޔޮކަމަށް އޭނަ ދިޔައީ ގެއަށެވެ. އޭނަ ހިތްހަމަޖެހޭނީ ހެނާކައިރީ ހިތް ބަންޑުންކޮށްގެންނެވެ. އިތުބާރުކުރެވޭ ކޮންމެވެސް މީހަކާ މިވާހަކަތައް ހިއްސާނުކޮށް އެންމެ މިނިޓަކަށްވެސް ކެތެއް ނުކުރެވޭނެއެވެ. ކޮޓަރިއަށް ވަންތަނާ ހެނާ ފެނުމުން ގޮސް ހެނާގެ ގައިގައި ބައްދައިލުމާ އެކު ލޮލަށް ކަރުނަ ނައީ ހަމަ ކިރިޔާއެވެ. އެއްޗެކޭ ބުނަން އުޅެނިކޮށް ކޮޓަރީގެ ކުޑަދޮރަށް ހުދު އައްޔެއް އެޅުނުތަން ފެނުމުން އަމީރާއަށް އެދިމާލަށް ބަލައިލެވިއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު