ބީއެމްއެލްއިން އައްޑޫގައި އިންވެސްޓްމަންޓްތަކާއި ވަޒީފާގެ ފުރުސަތު އިތުރުކުރަނީ

އައްޑޫގައި ބީއެމްއެލް އިން ގާއިމްކޮށްފައިވާ ކޯލް ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީގައި ކުރާ އިންވެސްޓްމެންޓުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރަން ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އައްޑޫ ސިޓީގައި އަލަށް ހުޅުވި ބޭންކްގެ ޒަމާނީ ކޮންޓެކްޓް ސެންޓަރާއި ބީއެމްއެލް އިން ހިތަދޫ އަދި ގަމުގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ތައާރަފްކުރުމަށް އެ ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ދެކުނުގައި ހުރި ބޭންކްގެ ތިން ބްރާންޗަށް އިތުރު އިންވެސްޓްމެންޓްތައް ގެންނަވާނެ ކަމަށެވެ. އަދި އިތުރު ވަޒީފާތައްވެސް އުފައްދާނެ ކަމަށް ހީލީ ވިދާޅުވިއެވެ.

"އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ހިތަދޫގައި ގާއިމްކޮށް މިއަދު އައްޑޫއަށް ބޭންކުން ކުރާ އިންވެސްޓްމަންޓް މިދަނީ އިތުރުކުރަމުން. ހިތަދޫ އަދި ގަން ބްރާންޗްގައި އާ ސެލްފް ސާވިސް އޭޓީއެމްތަކެއް ބެހެއްޓުމުގެ އިތުރުން ގައުމުގެ މި މުހިންމު ސަރަހައްދުގައި މިހުރި ބޭންކްގެ ތިން ބްރާންޗަށް އިތުރު އިންވެސްޓްމެންޓްތައް އަޅުގަނޑުމެން ކުރާނަން. މިހުރިހާ ކަމަކާއެކު މި ސަރަހައްދުގައި އަޅުގަނޑުމެންގެ ވަޒީފާތައް ގާތްގަނޑަކަށް ދެގުނަވެގެންދާނެ. މިއީ ހުރިހާ ބޭފުޅުންނަށްވެސް ލިބޭނެ ބޮޑު އުފަލެއް،" ހީލީ ވިދާޅުވިއެވެ.

އެގޮތުން އެސަރަހައްދުގައި ބޭންކުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ދެގުނައަށް އިތުރުކޮށް ޖުމްލަ 80 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ގާއިމްކޮށްފައެވެ.

comment ކޮމެންޓް