ބީއެމްއެލްއިން އައްޑޫގައި އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް ގާއިމްކޮށްފި

އައްޑޫގައި ބީއެމްއެލް އިން ގާއިމްކޮށްފައިވާ ކޯލް ސެންޓަރުގައި އެ ބޭންކުގެ މުވައްޒަފުން --- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، އައްޑޫ ސިޓީގެ ހިތަދޫގައި އެންމެ ޒަމާނީ ކޮންޓެކްޓް ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.

ކުރިން ބީއެމްއެލް ހިތަދޫ ބްރާންޗްގެ ގޯތިތެރޭގައި ހިންގަމުން ގެންދިޔަ ކޮންޓެކްޓް ސެންޓަރުގެ މަސައްކަތްތައް މިހާރު ކުރަމުން ގެންދާނީ މަސައްކަތް ކުރުމަށް ބޭނުންވާނެ އެންމެ ފަހުގެ ވަސީލަތްތަކާ އެކު މިއަދު ހުޅުވި ކޮންޓެކްޓް ސެންޓަރުގައެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ހިދުމަތްތައް ހޯދަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާއިރު އެފަރާތްތަކަށް ފަސޭހަކަމާއެކު އަވަހަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ސެންޓަރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު ކުރިއަށް އޮތްތާގައި ފާހަގަކުރެވޭ ވަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ، މިއަދު ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ކަސްޓަމަރުންނަށް އެހީތެރިވުމަށް މުވައްޒަފުން އަދާކުރަންޖެހޭ ދައުރަށް އަލިއަޅުވާލައި ވާހަކަދައްކަވާފައިވެ އެވެ.

ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، މިއަދު ބޭންކުގެ ކަސްޓަމަރުންގެ އަދަދު 270,000 އަށްވުރެ ގިނަ ކަމަށާއި މިދިޔަ އަހަރު އެކަނިވެސް 20،000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅުނު ކަމަށެވެ. އެހެންކަމުން ކަސްޓަމާ ސާވިސް އަކީ ބީއެމްލްގެ ހިދުމަތްތައް ބައްޓަން ކުރުމުގެ އެންމެ މުހިންމު އެއް ތަނބު ކަމަށާއި އަދިވެސް ބީއެމްއެލް އިން ފޯރުކޮށްދޭ ހިދުމަތް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލްގެ ފަރާތުން ކަސްޓަމަރުން ބޭނުންވަނީ އެންމެ ރަނގަޅު ޚިދުމަތް ލިބެން ކަމަށެވެ. އަދި މޮބައިލް އެޕް ފަދަ އޮންލައިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ބީއެމްއެލްގެ ހިދުމަތްތައް ކަސްޓަމަރުން ހޯދުމަށް ބޭންކުން ހިތްވަރު ދިން ނަމަވެސް އެފަރާތްތަކުން ބްރާންޗްތަކަށް ނުވަތަ ބިޒްނަސް ސެންޓަރުތަކަށް ގޮސްގެން ނުވަތަ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށް ނަމަވެސް އެ ބޭންކުގެ މުވައްޒަފުންނާ ސީދާ މުއާމަލާތްކުރެވޭނެ ގޮތްތައް ހުރުން މުހިންމު ކަމަށް އެންޑްރޫ ހީލީ ވިދާޅުވި އެވެ.

ކޯލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ބީއެމްއެލް

"އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް މިދަނީ ކުރަމުން. އެގޮތުން މި ކޮންޓެކްޓް ސެންޓަރާއެކު ކަސްޓަމަރުންނަށް އެހީތެރިވުމަށް ޚާއްސަ ތަމްރީން ލިބިފައި ތިބި މުވައްޒަފުންތަކެއް ޚިދުމަތަށް ނިކުތުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަން ޔަގީންވެގެންދާނެ،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.

ބީއެމްއެލް އިން ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މާޗަންޓުން، 200 ކޭޝް އޭޖެންޓުން، 20 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ގާއިމްކޮށްފައެވެ.

comment ކޮމެންޓް