ނަވާސްއަށް އަމާޒުވާ ފާޑުކިޔުންތައް އޭނާއަށް ހައްގެއްނޫން: ކަސިއްޔާ

ރެއާލްގެ ދެ ކީޕަރުން ކަމަށްވާ ކިކޯ ކަސިއްޔާ(ކ) އާއި ކޭލާ ނަވާސް(ވ): އެސްޕަންޔޯލްއާ ދެކޮޅަށް ރޭ ކުޅުނު ލަލީގާ މެޗުގައި ރެއާލްގެ ކީޕަރެއްގެ ގޮތުގައި ފެނުނީ ކަސިއްޔާ ---

ރެއާލް މެޑްރިޑްގެ ކޭލާ ނަވާސްއަށް އަމާޒުވަމުންދާ ފާޑުކިޔުންތައް އޭނާއަށް ހައްގުނުވާ ކަމަށް އެކްލަބުގެ ބަދަލު ކީޕަރު ކިކޯ ކަސިއްޔާ ބުނެފިއެވެ.

ރެއާލަށް ނަވާސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމު ކޮޅަށް ލަނޑެއް ނުވަދެ މެޗެއް ނިންމާލެވިފައިވަނީ އެންމެ މެޗަކުންނެވެ. ކަޕް މެޗުތައް ފިޔަވައި ރެއާލުން ކުޅޭ ލީގު މެޗުތަކުގައި އާންމުކޮށް އެޓީމުގެ ގޯލުން ފެންނަނީ ނަވާސްއެވެ. ނަމަވެސް ނަވާސްގެ ބަދަލުގައި އެސްޕަންޔޯލްއާ ދެކޮޅަށް ރޭ ކުޅުނު ލަލީގާ މެޗުގައި ކީޕަރެއްގެ ގޮތުގައި ފެނިގެންދިޔައީ ކަސިއްޔާއެވެ.

ރޭ ކުޅުނު މެޗުގައި އެސްޕަންޔޯލަށް، އެންމެ ރަނގަޅަށް ރެއާލްގެ ގޯލު ބަލަހައްޓަމުންދިޔަ ކަސިއްޔާ ޓެސްޓްކޮށްލެވިފައެއް ނުވެއެވެ. އަމިއްލަ ދަނޑުގައި ރެއާލް ރޭ ކުޅުނު މެޗުން މޮޅުވީ އަލްވާރޯ މޮރާޓާ އަދި ގެރެތު ބޭލްގެ ލަނޑުންނެވެ.

"މީހުން ކުރިމަތިކުރުވާ ފާޑުކިޔުންތައް ނަވާސްއަށް ހައްގެއް ނޫން. ހުރިހާ އެއްޗެއްގެ ވެސް އެންމެ ކުރިން ފެންނާނީ ގޯލްކީޕަރުން. ލިޔާ ހުރިހާ ވާހަކައަކާއި ދައްކާ ހުރިހާ ވާހަކައަކާމެދު އަހަރެމެން ވިސްނާނަމަ، އެއްވެސް ކަމެއް ރަނގަޅަކަށް ނުނިމޭނެ،" ނަވާސްއަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާމެދު ވާހަކަދައްކަމުން ކަސިއްޔާ ބުންޏެވެ.

އެކަންތައްތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް، ރޭގެ ލަލީގާ މެޗުގައި ރެއާލްގެ ގޯލު ބެލެހެއްޓުމަށް ފުރުސަތެއް ލިބުމުން އުފާކުރާ ކަމަށް ކަސިއްޔާ ވަނީ ބުނެފައެވެ. ރޭގެ މެޗު އޭނާ ސިފަކޮށްފައިވަނީ ވަރަށް ހާއްސަ މެޗެއްގެ ގޮތުގައެވެ.

comment ކޮމެންޓް