ޝޯގެ ކުރިމަގު އޮތީ ޔުނައިޓެޑާއެކު: މޮރީނިއޯ

މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި ޑިފެންޑަރު ލޫކް ޝޯ: އޭނާ ދަނީ ފުރަތަމަ 11އިން ޖާގަ ހޯދުމަށް ބުރަ މަސައްކަތެއް ކުރަމުން ކަމަށް މޮރީނިއޯ ބުނޭ --- ފޮޓޯ/ ގެޓީ

މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ޑިފެންޑަރު ލޫކް ޝޯގެ ކުރިމަގު އޮތީ އެކްލަބާއެކު ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އުމުރުން 21 އަހަރުގެ އިނގިރޭސި ޑިފެންޑަރު ޝޯގެ ފައި، މިދިޔަ ސީޒަނުގައި ދެ ފަހަރެއްގެ މަތިން ބިންދައިގެން ގޮސްފައިވެއެވެ. ޔުނައިޓެޑް ދޫކޮށް، އެހެން ކްލަބެއް ހޯދުމުގެ މަސައްކަތް ޝޯ ފަށާފައިވާ ކަމަށް ވެސް ހަބަރުތައް ބުނަމުންދެއެވެ.

ޝޯއާ ގުޅޭ ގޮތުން ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ، ޝޯ ދަނީ ޔުނައިޓެޑާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެ ފުރަތަމަ 11އިން ޖާގައެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ކުރިއަށްއޮތްތާ ވެސް އޭނާ ފެނިގެންދާނީ ޔުނައިޓެޑުން ކަމަށް މޮރީނިއޯ ބުނެއެވެ.

"އޭނާއަށް މިދިޔަ ސީޒަނުގައި ލިބިފައި ވަނީ ވަރަށް ބޮޑު އަނިޔާއެއް. ފިޒިކަލީގޮތުން އަދި މެންޓަލީ ގޮތުން ވެސް އޭނާއަށް ވަނީ އޭގެ އަސަރުކޮށްފަ. މިސީޒަނުގައި ވެސް އޭނާއަށް ކުދި އަނިޔާތަކެއް ލިބުނު. އަދި އޭނާއަށް އެކަމުން އަރައިގަނެ، ޓީމަށް ހޭނެން ވަގުތު ބޭނުންވޭ. އޭނާ ކުރިއަށް އޮތްތަނުގައި ވެސް މިކްލަބުން ފެންނާނެ،" ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، ޑިފެންޑަރެއްގެ ކިބައިން ބޭނުންވާފަދަ ހުނަރަކީ ކޮބައިކަން ޝޯއަށް އެނގޭ ކަމަށާއި ޝޯއަކީ އަދި ޒުވާން ކުޅުންތެރިޔަކަށްވުމުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް ނަގައި، އޭނާ ފެންވަރު ދައްކަމުންދާ ކަމަށެވެ. އަދި ބައެއް ފަހަރު ޝޯއަކީ ޒުވާން ކުޅުންތެރިއެއްކަން ބައެއް މީހުން ހަނދާން ނައްތާލާ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

މިސީޒަނުގައި ޝޯ ވަނީ ޔުނައިޓެޑަށް 14 މެޗު ކުޅެފައެވެ. މިއަހަރު އޭނާ ޔުނައިޓެޑުން ފެނިފައިވަނީ ހަމައެކަނި އެފްއޭ ކަޕްގައި ވިގަން އެތުލެޓިކްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

comment ކޮމެންޓް